ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ އާ މިއަދު އެމަނިކުފާނުގެ އޮފީހުގައި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި މިވަގުތު ދިވެހިރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ރައީސް އާއި މަޖިލީހުގެ ރައީސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
"އެ ދެބޭފުޅުންވަނީ ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ،" ރައީސް އޮފީހުން އިތުރަށް ބުނެފައިވެ އެވެ.
އަދި ސަރުކާރުން ބޭނުންވާ ކަންކަމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް، ރައީސް މުއިއްޒުއަށް ދެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.
ރައީސް މުއިއްޒަކީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ރައީސް އަދި ކޯލިޝަން ލީޑަރެވެ. އަބްދުއްރަހީމަކީ ޕީއެންސީގެ ޗެއާޕާސަނެވެ. މިއީ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުވެވަޑައިގެންނެވި ފަހުން، ރައީސް އެމަނިކުފާނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.














