ޓްރާންސުރެންތުރަލް ރިސެކްޝަން އޮފް ދަ ޕްރޮސްޓޭޓް (ޓީޔޫއާރްޕީ) އަކީ ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވުމުގެ ސަބަބުން ފިރިހެނުން ކުޑަކަމުދާން އުނދަގޫވާ ބައްޔަށް ކުރަން ޖެހޭ ސާޖަރީއެކެވެ.
އުމުރުން 50 އަހަރާއި 55 އަހަރާ ދެމެދުގެ ފިރިހެނުންގެ ޕްރޮސްޓޭޓް ގްލޭންޑް މަޑުމަޑުން ބޮޑުވާން ފަށަ އެވެ. އުމުރުން ދުވަސްވާ މީހުންނަށް މިކަން މިގޮތަށް ދިމާވާ ސަބަބުން މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
ޕްރޮސްޓޭޓް ގްލޭންޑްއަކީ ކުޑަކަމުދާ ތަކެތި ޖަމާވާ ގުނަވަން "ބްލެޑާ" ނުވަތަ "މަސާނާ" ގެ ތިރީގައި ކުޑަކަމުދާ ތަކެތި ބޭރުވާ ހޮޅީގެ ވަށައިގެންވާ އެއްޗެކެވެ.
މި ގްލޭންޑް ދުޅަވުމުން މަސާނާއިން ކުޑަކަމުދާތަކެތި ބޭރުވުމަށް ހުރަސްތަކެއް ދިމާވެ، ކުޑަކަމުދިޔުމާ ގުޅޭ ގިނަ މައްސަލަތައް ދިމާވެ އެވެ. މިގޮތުން ކުޑަކަމުދާން އެއްފަހަރު ދެވޭވަރު މަދުވެ، އެއާއެކު އެއްކޮށް މަސާނާ ހުސްނުވާތީ އެތި ކޮޅުކޮޅުން ލާން ޖެހި އަދި ކުޑަކަމުދާއިރު ތަދު ދިލަ އިހުސާސެއް ހުރެ އެވެ.
ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ މިގޮތަށް ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުން، ބޮޑު ހަރަދުކޮށްފައި ރާއްޖެއިން ބޭރުން ސާޖަރީ ހަދަން ދިޔުމުގެ ބަދަލުގައި އޭޑީކޭއިން މި ސާޖަރީ ކުރެވޭ ގޮތް ހަމަޖައްސައިދީފަ އެވެ.
މި ސާޖަރީ އޭޑީކޭ ހޮސްޕިޓަލުގައި ކުރަމުން ގެންދާ ޔޫރޮލޮޖިސްޓް ޑރ. ޕްރޭމް ރާޖް ސިގްޑެލް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވުމުގެ މައްސަލައަށް ފަރުވާ ދިނުމަށް ފުރަތަމަ ދޭނީ ބޭސް ކަމަށާއި، ނަމަވެސް ދޭ ބޭހުން އެކަން ހައްލުނުވާ ނަމަ ސާޖަރީ ހަދަން މަޖުބޫރުވާނެ ކަމަށެވެ.
ކުޑަކަމުދާ ނިޒާމުގެ ތެރެއަށް ކެމެރާ ލައްވައިގެން ނުފަޅައި ކުރާ މި ސާޖަރީގައި ޕްރޮސްޓޭޓުން ބޮޑުވެފައި ހުރި ޓިޝޫތައް ނެގުމަށްފަހު، ދެތިން ދުވަސްވަންދެން ބަލި މީހާ އޮބްޒަވޭޝަންގައި ބާއްވާނެ ކަމަށާއި އެއަށްފަހު ރަނގަޅަށް ކުޑަކަމުދާން ފެށުމާއެކު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސާޖަރީ ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް އޭޑީކޭގައި އެބަހުރި. މިހާތަނަށް ކާމިޔާބުކަމާއެކު އެއް ސާޖަރީ ވަނީ ކުރެވިފައި. މި ސާޖަރީ ކުރުމަށް ބޮޑު ހަރަދުކޮށްފައި ރާއްޖެއިން ބޭރަށް ދާކަށް ނުޖެހޭ. ސާޖަރީއަށްފަހު މަދުވެގެން 14 ވަރަކަށް ދުވަސްތެރޭގައި މީހާ އެއްކޮށް ރިކަވާވާނެ،" ޑރ. ޕްރޭމް ބުންޏެވެ.










