ބްރުސެލްސް، ބެލްޖިއަމް (މެއި 29) - އަނިޔާ އިން ރަނގަޅުވެ، ފިޓުވި ނަމަވެސް ޔޫރޯ 2024 އަށް ނެގި ބެލްޖިއަމްގެ ސްކޮޑުން ތަޖުރިބާކާރު ގޯލްކީޕަރު ތީބޯ ކޯޓުއާ އަށް ޖާގައެއް ނުލިބުނެވެ.
ކަކުލުގެ އަނިޔާތަކަކާ ގުޅިގެން ރެއާލް މެޑްރިޑަށް ކުޅެމުންދާ ކޯޓުއާ މި ސީޒަންގެ ބޮޑުބައި ހޭދަކުރީ ކުޅުމާ ދުރުގައެވެ. އެކަމަކު، އޭނާ މިހާރު ވަނީ ފިޓުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާދިއްތަ ދުވަހުގެ ރޭ ރެއާލް އާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅޭ މެޗުގައި ކޯޓުއާ ފެނުމުގެ ފުރުސަތު އެބައޮތެވެ.
އަންނަ މަހު ޖަރުމަންގައި ފަށާ ޔޫރޯ އަށް ބެލްޖިއަމްގެ ކޯޗު ޑޮމިނިކޯ ޓެޑެސްކޯ 25 ކުޅުންތެރިން ސްކޮޑުން ކޯޓުއާއަށް ޖާގައެއް ނުދިނެވެ.
ބެލްޖިއަމްގެ ކެޕްޓަން ނުލިބުމުން އެކަމާ ހިތްހަމަނުޖެހިގެން ކޯޓުއާ ވަނީ މިދިޔަ ޖޫން މަހު ބެލްޖިއަމްގެ ސްކޮޑުން ވަކިވެފައެވެ. އެކަމާ ގުޅިގެން، ކޯޓުއާ އާޢި ކޯޗު ޓެޑެސްކޯއާ ދެމެދު މައްސަލަ އުފެދުނެވެ. ބެލްޖިއަމްގެ ކެޕްޓަން އެޑިން ހަޒާޑް ރިޓަޔާކުރުމާ ގުޅިގެން، އެ ޓީމުގެ ކެޕްޓަންކަން ދިނީ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށެވެ.
އެކަމާ ގުޅިގެން ބެލްޖިއަމް ކޯޗު ޓެޑެސްކޯ އާއި ކޯޓުއާ މައްސަލަ ޖެހުނެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންގެ ފާޑުކިއުންވެސް ކޯޓުއާއަށް އަމާޒުވިއެވެ.
ޔޫރޯގެ ގަވައިދުގައި 26 ކުޅުންތެރިންގެ ސްކޮޑެއް ނެގުމުގެ އިހުތިޔާރު ކޯޗުންނަށް ލިބުނު ނަމަވެސް، ޓެޑެސްކޯ ނިންމީ 25 ކުޅުންތެރިން ނަގާށެވެ.
ބެލްޖިއަމްގެ ސްކޮޑުގައި މިޑްފީލްޑަރު އެލެކްސް ވިޓްސެލް ވަނީ ހިމަނައިފައެވެ. މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، ޓެޑެސްކޯ ވަނީ އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ވިޓްސެލްއާ ވާހަކަ ދައްކައި، ގައުމީ ޓީމަށް އަލުން ކުޅުމަށް އެއްބަސްކުރުވައިފައެވެ.
ބެލްޖުއަމްގެ ސްކޮޑް:
ގޯލްކީޕަރުން: މަޓްޒް ސެލްސް (ނޮޓިންގްހަމް ފޮރެސްޓް)، ކޯއެން ކަސްޓީލްސް (ވުލްފްސްބާގް)، ތޯމަސް ކަމިންސްކީ (ލޫޓަން)
ޑިފެންޑަރުން: ވައުޓް ފައެސް (ލެސްޓާ ސިޓީ)، ޓިމޮތީ ކަސްޓާންގޭ (ފުލަމް)، އާތާ ތިއާޓޭ (ރެނޭ)، ޔާން ވެޓޮންގަން (އަންޑަލެކްޓް)، އެލެކްސް ވިޓްސެލް (އެތުލެޓިކޯ މެޑްރިޑް)، ޒެނޯ ދެބާސް (އެންޑަލެކްޓް)، ތޯމަސް މުއިނިޔާ (ޓްރާންބްޒޮންސްޕޯ)، މެކްސިމް ޑެކޫޕާ (ކްލަބް ބްރޫޖް)
މިޑްފީލްޑަރުން: އަސްޓާ ވްރަންކްސް (ވުލްފްސްބާގް)، ޔޫރީ ޓިއެލްސްމަންސް (އެސްޓަން ވިލާ)، އޮރެލް މަންގާލާ (ލިޔޯން)، ކެވިން ޑެ ބްރޮއިނާ (މެންޗެސްޓާ ސިޓީ)، އާތާ ވެރްމީރަން (އެތުލެޓިކޯ މެޑްރިޑް)، އަމަދޫ އޮނާނާ (އެވަޓަން)
ފޯވަޑުން: ރޮމެއޫ ލުކާކޫ (ރޯމާ)، ޗާލްސް ޑެ ކެޓަލައޭރޭ (އެޓަލާންޓާ)، ޖެރެމީ ޑޯކޫ (މެންޗެސްޓާ ސިޓީ)، ލޮއިސް އޮޕެންޑާ (ލައިޕްޒިގް)، ލިއަންޑްރޯ ޓްރޮސާޑް (އާސެނަލް)، ޖޯހަން ބަކަޔޯކޯ (ޕީއެސްވީ)، ޑޯޑީ ލުކެބަކިއޯ (ސެވިއްޔާ)، ޔަނިކް ކަރަސްކޯ (އަލް ޝަބާބް)












