ގަލޮޅު ރަސްމީ ފުޓްބޯޅާ ދަނޑުގައި ހުންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީހަށް ފުލުހުން ކޯޓު އަމުރަކާއެކު ވަދެއްޖެ އެވެ.
ފުލުހުން އެފްއޭއެމްގެ އޮފީހަށް ވަދެފައި މިވަނީ އެ ހިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅޭ ހެކި ހޯދުމަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ގަލޮޅު ދަނޑުން ހޯދަން ފުލުހުން ބޭނުންވާ ތަކެތީގެ ތެރޭގައި ބޭންކުތަކާއި ކުންފުނިތަކާއި އަމިއްލަ ފަރުދުންނާއި ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިޔުންތަކާއި، ޕޭމަންޓު ރަސީދު ތަކާއި، ހާޑްޑްރައިވް ފަދަ މައުލޫމާތު ރައްކާކުރެވޭ ހުރިހާ ވަސީލަތްތަކާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތަކުގެ އިތުރުން ބޭންކް ސްޓޭޓްމަންޓުތައް ހިމެނެ އެވެ.
އެފްއޭއެމްގެ އޮފީސް ބަލާ ފާސްކުރަން ފަށާފައިވާއިރު މި މަހުގެ 20 ގައި ކްރިމިނަލް ކޯޓުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.
ދައުލަތުން ބައްސާމްގެ މައްޗަށް ކޮށްފައިވަނީ އެފްއޭއެމް އަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގަ އެވެ.

ބައްސާމްގެ މައްޗަށް އުފުލީ ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ބައްސާމްގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާގައި ފާހަގަކޮށްފައިވަނީ، ބެންކް އޮފް ސިލޯން އެކައުންޓުން ބައްސާމްގެ އަމިއްލަ ބީއެމްއެލް އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ، ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ގޮތުގައި ބެންކަށް ލިޔުން ހުށަހަޅައިގެންނެވެ.
އެކަމަކު، އެ ފައިސާ އަނބުރާ އެފްއޭއެމް އަށް ލިބުނު ކަމުގެ އެއްވެސް ލިޔުމެއް ފެންނަން ނެތެވެ. އެހެންކަމުން، ނިންމާފައިވަނީ މިއީ އެފްއޭއެމްގެ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ބައްސާމް އެކައުންޓަށް ޖަމާވި، މި ފައިސާ (9،999 ޑޮލަރު)ގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން މައުރީންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ބައްސާމް ދިރިއުޅޭ ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށް އެ ފައިސާ ބޭނުންކުރި ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފަ އެެވެ. މި ދައުވާގައި ދައުލަތުން ނިންމާފައިވަނީ، ބައްސާމް އަތުން 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށެވެ. މި ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި އޮތީ، 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު، ފަސް އަހަރާ 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަަށް ލުމެވެ.
ބައްސާމުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ އިތުރު މައްސަލަތަކެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.













