ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެން 24 ގަޑިއިރަށްވުރެ ކުޑަތަންވީއިރު ވެސް ކިޔެވުމަށް ދަރިވަރުން ބޭނުންވާ ހުރިހާ ފޮތްތަކެއް އެޑިއުކޭޝަނުން ރާއްޖޭގެ ގިނަ ސްކޫލްތަކަށް ފޮނުވާފައިވާ ނުވާކަން "އަދަދު" އަށް އެނގިެއްޖެ އެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި އެޑިއުކޭޝަނުން ފޮތްތައް ފޮނުވާފައި ވަނީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާ މި މާލޭގެ ވެސް އެންމެ ހަތަރު ސްކޫލަށެވެ. އަތޮޅުތެރޭގެ ގިނަ ސްކޫލްތަކަށް ފޮތްތައް އަދި ފޮނުވިފައެއް ނުވެ އެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" އަށް ބުނީ ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގައި ލަސްކަމެއް ކުރިމަތިވެފައި ވަނީ މަޖިލިސް އިންތިހާބާ ގުޅިގެންނާއި ވެރިކަން ބަދަލުވުމުގެ ސަބަބުން ކަމަށެވެ.
މީގެ ކުރިން ކޮންމެ ދިރާސީ އަހަރެއް ފެށުމުގެ ދެމަސްދުވަސް ކުރިން ސްކޫލްތަކަށް އަލަށް ވަންނަ ކުދިންނަށް އެ ފުރުސަތު ހުޅުވައިލި ނަމަވެސް މިފަހަރު މަޖިލިސް އިންތިހާބު އެ ދުވަސްވަރާ ދިމާވުމުން އެކަން ކުރުން ލަސްވެގެންދިޔަ ކަމަށް އޭނާ ބުންޏެވެ. ނަތީޖާއެއްގެ ގޮތުން ފޮތްތައް ޕްރިންޓު ކުރަން އޯޑަރު ކުރަންޖެހޭ މުއްދަތުގައި އެކަން ނުކުރެވި ފޮތްތައް އެޑިއުކޭޝަނަށް ލިބުމުގައި ވެސް ފަސްވުމެއް މިފަހަރު އައި ކަމަށް އޭނާ ބުންޏެވެ.
ތާޖުއްދީން ސްކޫލްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ އެ ސްކޫލުން ވެސް އަދި ދަރިވަރުގެ ކިޔެވުމަށް ބޭނުންވާ ބައެއް ފޮތްތައް ދޫކޮށްފައި ނުވާ ކަމަށެވެ. އޭގެއިތުރުން ހުރަވީ ސްކޫލާއި މަޖީދިއްޔާ ސްކޫލުގެ އިތުރުން ކަލާފާނު ސްކޫލުން ވެސް ބައެއް ގުރޭޑުތަކުގައި ކިޔެވުމަށް ބޭނުން ކުރާ ފޮތްތައް ހަމައަށް ދޫކޮށްފައި ނުވާ ކަމަށް އެ ސްކޫލުތަކުގެ ބައެއް ބެެލެނިވެރިން "އަދަދު" އަށް ބުންޏެވެ.

ކިޔެވުން ފެށުމަށް ވަގުތު ކުޑަތަންވީއިރު ވެސް ސްކޫލްތަކަށް ފޮތްތައް ފޮނުވިފައި ނުވާ ސަބަބު ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއުއަށް ފޯނަށް ޖަވާބު ދީފައި ނުވާތީ ސަރުކާރުގެ ބަހެއް ލިބޭގޮތް ވެފައި ނުވެ އެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް 24 ގަޑިއިރަށްވީއިރު ވެސް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހުރިހާ ސްކޫލަކަށް އަދި ފޮނުވާފައި ނުވާއިރު، ހުސްވި ހަފުތާގައި މުޅި ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރުފަތުރަށް ވެސް ބުރޫއަރައިފަ އެވެ.
ނަމަވެސް އަތޮޅު ތެރެއަށް ފޮތްތައް ފޮނުވުމުގައި ފުލުހުން ވެސް ދަނީ އެޑިއުކޭޝަން މިނިސްޓަރީއަށް ވަރަށް ބޮޑަށް އެއްބާރުލުން ދެމުންނެވެ.












