ޓައިވާން ވަށާލައި ހަރަކާތްތެެރިވާ ޗައިނާގެ އަސްކަރީ އުޅަނދުތައް އިތުރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ގައުމު ކައިރީ ޗައިނާއިން ބުރާސްފަތި ދުވަހު ފެށި އަސްކަރީ ތަމްރީންތަކަށް ބޭނުންކުރާ އުޅަނދުތައް ދެވަނަ ދުވަހު އިތުރުވެފައިވާ ކަމަށެވެ.
ޓައިވާން ކައިރީ ޗައިނާގެ އަސްކަރީ މަތިންދާ ބޯޓުތަކާއި، އަސްކަރީ މަނަވަރުތަކުގެ އިތުރުން އަސްކަރީ އެހެން އުޅަނދުތައް ވެސް އަންނަނީ ހަރަކާތްތެރިވެ، ތަމްރީންތައް ކުރިއަށް ގެންދަމުންނެވެ.

މި ތަމްރީންތައް ޗައިނާއިން ފެށީ ޓައިވާނުގެ އާ ރައީސް ލައި ޗިން ޓޭ ހުވާ ކުރެއްވިތާ ތިންވަނައަށް ވީ ދުވަހު އެވެ.
ޗައިނާގެ އަމަލުތަކާ ގުޅިގެން ޓައިވާނުގެ އަސްކަރިއްޔާ ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ.
މިކަމާ ގުޅިގެން ޗައިނާއިން ބުނީ އެ ގައުމުން ކުރިއަށްގެންދާ އަސްކަރީ ތަމްރީންތަކަކީ ޓައިވާން ހިފުމަށް ގާބިލުތޯ ބެލުމަށް ކުރިއަށްދާ ތަމްރީންތަކެއް ކަމަށެވެ.
ޓައިވާނަކީ މިނިވަން ގައުމެއް ކަމަށް ބައެއް އެހެން ގައުމުތަކުން ބަލައިގަންނައިރު، ޗައިނާއިން ދައުވާ ކުރަނީ ޓައިވާނަކީ ޗައިނާގެ ތަނެއް ގޮތުގަ އެވެ.
ޗައިނާގެ އަމަލުތަކާ ގުޅިގެން ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން އޮތްއިރު، ދޭތެރެ ދޭތެރެއިން ޗައިނާއިން ޓައިވާންގެ ސަރަހައްދުގައި ހަރަކާތްތެރިވާ މައްސަލަ ފެންމަތިވެ އެވެ.










