މެކްސިކޯގެ އުތުރު މެކްސިކޯގެ ނުއެވޯ ލިއޮންގައި ސިޓިޒެންސް މޫވްމަންޓް ޕާޓީގެ ކެމްޕޭން އިވެންޓެއްގައި ސްޓޭޖެއް ވެއްޓި، އިއްޔެ ނުވަ މީހުން މަރުވެއްޖެ އެވެ.
މި ކެމްޕޭން އިވެންޓަކީ ސިޓިޒެންސް މޫވްމަންޓް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޖޯޖް އަލްވަރޭޒް މެއިނޭޒްގެ ކެމްޕޭން އިވެންޓެކެވެ.
ނުއެވޯ ލިއޮންގެ ގަވަރުނަރު ސެމިއުއެލް ވިދާޅުވީ މި ހާދިސާގައި 50 މީހުން ޒަހަމްވެފައިވާއިރު، ޒަހަމްވި މީހުންނަށް އެކި ތަންތަނުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
ހާދިސާގައި އަލްވަރޭޒް މެއިނޭޒްގެ ކެމްޕޭން ކޯޑިނޭޓަރުގެ އިތުރުން ޕާޓީގެ ބައެއް ސީނިއާ މީހުންނަށް ވެސް އަނިޔާވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސްޓޭޖު ވެއްޓުނީ ގަދަ ވަޔާއެކު އެއްވުމުގައި ތިބި މީހުން ބޮލަށެވެ. އެވަގުތު ސްޓޭޖުގައި މީހުން ތިބިއިރު، ހާދިސާ ހިނގުމާއެކު މީހުން ވަނީ ހާސްވެ ސަލާމަތް ހޯދަން ދުވެފަ އެވެ.
ވަޔާއެކު ސްޓޭޖު ވެއްޓުމާ ގުޅޭގޮތުން އަލްވަރޭޒް މެއިނޭޒް ވިދާޅުވީ މިހާ އަވަހަށް ކަމެއް ވެގެން ގޮސްދާނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ.
މެކްސިކޯގެ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އެކި އަވަށްތަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ރައްޔިތުން ގެތަކުގައި ތިބެން އިލްތިމާސްކޮށްފަ އެވެ. އަދި ޒަރޫރީ ބޭނުމަށް ނޫނީ ބޭރަށް ނުނިކުތިމަށް ވެސް އިލްތިމާސްކުރި އެވެ.
މެކްސިކޯގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން، 2 ގަ އެވެ. އިންތިހާބުގައި އަލްވަރޭޒް މެއިނޭޒް ވާދަކުރައްވަނީ ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓު ކްލައުޑިއާ ޝީންބައުމްއާ އާއި އިދިކޮޅު ކެންޑިޑޭޓެއް ކަމަށްވާ ޒޮޗިޓް ގަލްވޭޒްއާ އެވެ.










