ރިޕޯޓުއިހުމާލުން ދިން "ހުދު ކާޑު" ގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުން ފުށުން ޖެހިފައި

އިހުމާލުން ދިން "ހުދު ކާޑު" ގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުން ފުށުން ޖެހިފައި

ތުއްތު ކުއްޖާގެ ލޭގައި ޖަރާސީމު އުފެދިފައިވުމާއެކު، ބަނޑުގެ ހުންކޮށި ވަރަށް ބޮޑަށް ދުޅަވެފައި ހުރިކަން އެނގުނުކަމަށް ކުއްޖާގެ މަންމަ، ކިޔައިދިނެވެ. އަދި އެ ކުއްޖާއަކީ ލޭ އަޅަންޖެހޭ ތެލެސީމިއާ ކެރިއަރެއްކަމަށް ބުނެ އަވަހަށް ލޭ އަޅަން ޑޮކްޓަރު އެންގީ އެހިސާބުންނެވެ.

އިހުމާލުން ދިން "ހުދު ކާޑު" ގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުން ފުށުން ޖެހިފައި

ކައިވެންޔަކީ ކޮންމެ މީހަކުވެސް ގިނަ ހުވަފެންތަކެއް ދެކުމަށްފަހު، އެތައް އުންމީދުތަކަކާއެކު ފަށާ ގުޅުމެކެވެ. ޒަހިއްޔާ އަލީ، 39، 2014 ވަނަ އަހަރު އޭނާގެ ހަޔާތުގެ ދެވަނަ ކައިވެނި ކުރީ އެފަދަ އުންމީދުތަކަކާ އެކީގަ އެވެ. ފުރަތަމަ ކައިވެނިން އެތައް އިބުރަތްތަކެއް ހާސިލުކޮށްގެނެވެ.

ފުރަތަމަ ކައިވެންޏަށް އޭނާއަށް އަންހެން ކުއްޖަކު ލިބުނެވެ. ނަމަވެސް، އޭނާ އަދި ކުރީގެ ފިރިމީހާއަކީ ވެސް ދެ ކެރިއަރުންނަށްވުމާއެކު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.

ދެވަނަ ކައިވެނި ކުރުމުގައި ޒަހިއްޔާ އެންމެ އިސްކަންދިން އެއް ކަމަކީ އޭނާ ފަދަ ކެރިއަރަކާ ކައިވެނި ނުކުރުމެވެ. ދެވަނަ ފަހަރަށް އެ ތަކުލީފު އުފުލަން ނޭދޭތީ އެވެ. އަދި 2013 ގައި އޭނާގެ މިހާރުގެ ފިރިމީހާ އަހުމާދު ފަޔާޒު، 39, ތެލެސީމިއާ ޓެސްޓުކުރުމުން ޑިސެމްބަރު 1، 2013 ގައި ލިބުނު ހުދު ކާޑާއެކު ޒަހިއްޔާގެ އުންމީދު އާވި އެވެ.

އުފާވެރިކަމާއެކު އާ ހަޔާތެއް ޒަހިއްޔާ ފެށީ އޭނާގެ އެއްވެސް ދަރިއަކު ލޭ އަޅަންޖެހޭ ކުއްޖަކަށް ނުވާނެ ކަމުގެ އަދި އެ ވޭން އުފުލަން ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކީގަ އެވެ.

ގިނަ ދުވަސްތަކެއް ނުވެ ޒަހިއްޔާގެ ދެވަނަ ކައިވެންޏަށް ދެ އަންހެން ކުދިން ލިބުނެވެ. އެއްވެސް މައްސަލައެއް ދިމަލެއް ނުވެ އެވެ. ތިން ވަނަ އަންހެން ކުއްޖެއް އެ ދެމަފިރިންނަށް ލިބުނީ ޖޫން 26، 2023، ގަ އެވެ. ނަމަަވެސް އެ ކުއްޖާ ވިހައި، ފަސް މަސްވެގެން ދިޔައިރު އެ ދެމަފިރިން ކަންބޮޑުވާން ފެށި އެވެ. އެ ތުއްތު ކުއްޖާ އާދަޔާހިލާފަށް ރުއިމާއި، ރަނގަޅަށް ނުނިދުމާއި ވަރުދެރަވެފައިން އިންނަން ފެށުމާއެކު އަވަހަށް ޑޮކްޓަރަށް ދެއްކި އެވެ.

އެ ދެމަފިރިން ދިރިއުޅޭ ލ. ގަމުގައި ހުންނަ ގަން ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުމުން އެ ކުއްޖާގެ ގައިގައި ލޭ މަދުވެފަހުރިކަން އެނގުނެވެ. އަދި ކުއްޖާގެ ހަށިގަނޑުގައި ހުރި ލޭގައި ވަރަށް ބޮޑަށް ޖަރާސީމު އުފެދިފައިހުރި ކަމަށް ޑޮކްޓަރު ބުނުމާއެކު އެމަޖެންސީ ހާލަތުގައި މާލެ ގެނެވުނެވެ. އެއިރު ކުއްޖާއަށް އަށް މަސް ވެއްޖެ އެވެ.

މާލެ ގެނެސް އައިޖީއެމްއެޗުގައި ހެދި ޓެސްޓުތަކުން އެ ތުއްތު ކުއްޖާގެ ލޭގައި ޖަރާސީމު އުފެދިފައިވުމާއެކު، ބަނޑުގެ ހުންކޮށި ވަރަށް ބޮޑަށް ދުޅަވެފައި ހުރިކަން އެނގުނު ކަމަށް ކުއްޖާގެ މަންމަ، ޒަހިއްޔާ "އަދަދު" އަށް ކިޔައިދިނެވެ. އަދި އެ ކުއްޖާއަކީ ލޭ އަޅަންޖެހޭ ތެލެސީމިއާ ކެރިއަރެއް ކަމަށް ބުނެ އަވަހަށް ލޭ އަޅަން ޑޮކްޓަރު އެންގީ އެހިސާބުންނެވެ.

ޒަހިއްޔާއަކީ ބީޓާ ތެލަސީމިއާ ކެރިއަރެއް ނަމަވެސް، އޭނާގެ ފިރިމީހާގެ އަތުގައި އޮތް ހުދު ކާޑުގެ ސަބަބުން އެ ދަރިފުޅު ލޭ އަޅާ ކުއްޖަކަށް ވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް އެ ދެމަފިރިންނަށް ގަބޫލުކުރެވުނެވެ.

"ޑޮކްޓަރު ބުނީ ލޭ އަޅާ ކުއްޖެކޭ. އަޅުގަނޑު ބުނިން ކިހިނެއް ހޭ އެހެން ވާނީ އަޅުގަނޑުގެ ފިރިމީހާގެ އަތުގަ އޮންނަނީ ވައިޓެކޭ. އަޅުގަނޑުމެންނަށް އެކަން ގަބޫލުކުރަން އުނދަގޫވި،" ޒަހިއްޔާ ކިޔައިދިނެވެ.

އެއާއެކު ފަޔާޒުގެ ތެލަސީމިއާ ޓެސްޓު ހެދި ތަނާއި ތާރީހު އޮޅުން ފިލުވަން ޑޮކްޓަރު ބޭނުންވި އެވެ. އަދި އޭނާގެ ޓެސްޓު ހަދާފައިވަނީ ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަން (ޝީ) އިން 2013 ވަނަ އަހަރުގައި ކަމަށް އެ ދެމަފިރިން ހިއްސާކުރުމާއެކު، އެ އަހަރު ތެރޭގައި ޝީއިން ތެލަސީމިއާ ޓެސްޓު ހެދި މީހުންގެ ނަތީޖާ އޮޅިފައިވާ ކަމަށާއި އަލުން ޓެސްޓު ހެދުމަށް ޑޮކްޓަރު އެންގީ އެވެ.

"2013 އާ 2014 ގަ ޝީ އިން ހެދި ޓެސްޓުތައް ގަބޫލުނުކުރަމޯ ޑޮކްޓަރު ބުނީ. އަޅުގަނޑުމެން ވަގުތުން ޝީއަށް ދިޔައީ. މިވެގެން އުޅޭ ގޮތެއް ބަލަން،" ޒަހިއްޔާ ކިޔައިދިނެވެ.

ތެލެސީމިއާ ޓެސްޓުގެ ނަތީޖާ އޮޅުމުގެ ސަބަބުން އެދެމަފިރިންނަށް ދިމާވި ހާލަތު ފަދަ ކޭސްތަކެއް މީގެ ކުރިން ވެސް ފާހަގަކުރެވިފައިވާކަމަށް ޑޮކްޓަރު މައުލޫމާތުދިނެވެ.

ޝީއަށް ގޮސް ފަޔާޒުގެ ތެލަސީމިއާ ނަތީޖާ އޮޅުން ފިލުވަން އެދުމުން އެތަނުން ދިން ޖަވާބާއެކު އެ ދެމަފިރިންނަށް ވެސް ލިބުނީ ސިހުމެކެވެ. ފަޔާޒަކީ ބީޓާ ތެލަސީމިއާ ކެރިއަރެއް ކަމާއި 2013 ވަނަ އަހަރު ދެވުނީ ނުބައި ކާޑެއް ކަމަށް ޝީއިން ބުންޏެވެ. އަދި އިތުރަށް ޔަގީންކުރުމަށް ތެލެސީމިއާ ސެންޓަރުން ޓެސްޓު ހަދައި ފެބްރުއަރީ 29، 2024، ގައި ލިބުނު ފިޔާތޮށި ނަތީޖާއާއެކު އެ ދެމަފިރިންގެ ދިރިއުޅުން ހަލަބޮލިވި އެވެ.

އެތަކެއް ސުވާލެއް އެ ދަމަރިފިންގެ ހިތުގައި އުފެދުނެވެ. ނުބައި ނަތީޖާއެއް ދޫކުރިތާ 10 އަހަރު ފަހުން ވެސް އެކަން ބަލައި ކާޑު ދޫކުރި މީހުންނަށް އެކަން ނޭނގީ ކީއްވެހެއްޔެވެ؟ އެފަދަ ބޮޑު އިހުމާލަކުން މުޅި އުމުރަށް އެ ދަރިފުޅު ކުރިމަތިލާންޖެހޭނެ ވޭން ދެމަފިރިންނަށް އިހުސާސްކުރެވުނެވެ.

"އެބޭފުޅުންނަށް އެތަށް އަހަރެއް ވެގެންދިޔަ އިރު އަންގާނުލެވުނު. ކިހާ ބޮޑު ނާއިންސާފެއްތޯ އަޅުގަނޑުގެ ދަރިފުޅަށް މިއީ. ޝީއިން ވެސް ގަބޫލުކުރި އެމީހުންގެ އިހުމާލެއް ކަމަށް. މައާފަށް އެދި ޒިންމާ ނަގާނެ ކަމަށް ބުނި. އެކަމަކު މިއަދާ ހަމައަށް އެކުއްޖާގެ ހާލުވެސް ބަލާނުލާ،" ހިތާމައާއެކު ޒަހިއްޔާ ބުންޏެވެ.

ކްރޮސްމެޗު ހެދުމަށްފަހު ދަރިފުޅުގެ ބޯން މެރޯ ހެދުމަށް ކުރަންޖެހޭ ހަރަދުތައް ކޮށްދީ ޒިންމާ ނަގާނެ ކަމަށް ޝީއިން އެ ދެމަފިރިންނަށް އެންގި އެވެ. ނަމަވެސް، އެއަށްފަހު ފޯނަށް ޖަވާބެއް ނުދެ އެވެ.

މި ހާދިސާއާއި ގުޅިގެން ޝީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ތެލެސީމިއާއަކީ ކޮބާ؟

ތެލެސީމިއާއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ލޭގެ ބައްޔެކެވެ. ތެލެސީމިއާ ކެރިއަރަކަށް ވަނީ އިންސާނާގެ ލޭގައި ހީމޮގްލޮބިން (އެޗްބީ) ފުރިހަމައަށް ނުއުފެދުމުގެ ސަބަބުންނެވެ. ހީމޯގްލޮބިން އަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާއަށް ކިޔާ ނަމެކެވެ.

މިހެންވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބުން މަދުވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުދެރަވެ ކުއްޖާގެ ހާލު ދެރަކޮށްލައެވެ. މިހެންވުމުން އެކުދިން ދިރިހުރުމަށްޓަކައި ތަކުރާރުކޮށް ލޭއަޅަން ޖެހެ އެވެ.

ހީމޯގްލޮބިން އުފެދެނީ ދެ ބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. އިންސާނެއްގެ ހަށިގަނޑުން ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލެސީމިއާ ކެރިއަރަކަށެވެ. އަދި އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިއާ ކެރިއަރަކަށެވެ.

ތެލެސީމިއާ ކެރިއަރުންގެ ތެރޭގައި ދޭތެރެ ދޭތެރެއިން ލޭ އަޅަންޖެހޭ ބަލިމީހުން (އެޗްބީއީ-ބީޓާ ތެލަސީމިއާ) އަދި މުޅި އުމުރަށް ގަވާއިދުން ލޭ އަޅަންޖެހޭ ބަލިމީހުން (ބީޓާ ތެލަސީމިއާ މެޖާ) ހިމެނެ އެވެ.

ރާއްޖޭގައި އެންމެ އާންމު ތެލެސީމިއާގެ ވައްތަރަކީ ބީޓާ ތެލެސީމިއާއެވެ. ޝީ މެދުވެރިކޮށް 2020 ވަނަ އަހަރު އެކުލަވާލާފައިވާ ރިޕޯޓު "ޖެނެޓިކް އެޕިޑެމިއޮލޮޖީ އޮފް ބީޓާ ތެލެސީމިއާ އިން ދަ މޯލްޑިވްސް" އިން ދައްކާ ގޮތުގައި 1992 އާއި 2015 އާއި ދެމެދު ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި ތެލެސީމިއާ ސްކްރީން ކުރެވުނެވެ. ސްކްރީނިންގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ތެރޭގައި ތެލެސީމިއާ ކެރިއަރުންގެ ނިސްބަތަކީ 16.2 އިންސައްތަ އެވެ.

ހެލްތް މިނިސްޓްރީން 2022 ވަނަ އަހަރު ނެރެފައިވާ "މެނޭޖްމެންޓް އޮފް ޓްރާންސްފިއުޝަން ޑިޕެންޑެންޓް ތެލެސީމިއާސް" ގައިޑްލައިނުގައި ވާ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީގެ 16 އިންސައްތަ މީހުންނަކީ ބީޓާ ތެލެސީމިއާ ކެރިއަރުންނެވެ.

މީގެ އިތުރުންވެސް ތެލެސީމިޔާގެ އިތުރު ތިން ވައްތަރެއް ރާއްޖޭގައި ފެނިފައިވެއެވެ. އެއީ ހީމޮގްލޮބިން އީ، ހީމޮގްލޮބިން ޑީ އަދި ސިކްލް ސެލްއެވެ.

ކުއްޖާ މަންމަގެ ބަނޑަށް 8-12 އާ ހަފުތާއާ ދެމެދު ޓެސްޓު ހަދައިގެން ކުއްޖާގެ ބަލިހުރިތޯ ބެލެއެވެ. އެހެންނަމަވެސް މި ޓެސްޓް ރާއްޖެއިން އަދި ހެދޭކަށް ނެތެވެ. ދެ ކެރިއަރުންނަށް ތެލަސީމިއާ ކުއްޖެއް ލިބުމުގެ 25 އިންސައްތަ ފުރުސަތު އޮވެ އެވެ. އެ ފުރުސަތު އޮންނަ ހާލަތްތައް ހެލްޓް މިނިސްޓްރީގެ ގައިޑްލައިނުގައި ވަނީ ފާހަގަކޮށްފަ އެވެ.

  1. ދެ ބީޓާ ތެލެސީމިއާ ކެރިއަރުން ނަމަ
  2. ބީޓާ އަދި ސިކަލް ކެރިއަރެއް ނަމަ
  3. ބީޓާ އަދި އެޗްބީއީ ކެރިއަރެއްް ނަމަ
  4. ދެ ސިކަލް ކެރިއަރުން ނަމަ
  5. ސިކަލް އަދި އެޗްބީޑީ ކެރިއަރެއް ނަމަ
  6. ސިކަލް އަދި އެޗްބީއީ ކެރިއަރެއް ނަމަ

މޯލްޑިވިއަން ބްލަޑް ސާވިސްއިން އާންމުކޮށްފައިވާ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި އެ ރިޕޯޓު އެކުލަވާލުމާއި ހަމައަށް 941 ފަރާތެއްވަނީ ތެލެސީމިއާ ޕޭޝަންޓުންގެ ގޮތުގައި ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރޭގައި ބީޓާ ތެލެސީމިއާ މޭޖާ ކެރިއަރުންގެ ގޮތުގައި 762 ކުދިން މި ބާވަތުގެ ތެލެސީމިއާ ހުންނަ ކަމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.

ތެލެސީމިއާ ކުދިންގެ އަދަދު ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ގިނަ ވަމުން އަންނަ އިރު، މި އަދަދު މަދުކުރެވޭނީ މިކަން ބަލަހައްޓާ އިދާރާތައް ޒިންމާދާރުކޮށްގެންނެވެ. ތެލެސީމިއާ ޓެސްޓުގެ ނަތީޖާ ކަށަވަރުކޮށް، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށްގެންނެވެ.

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox