ދޮޅު މަހެއް ކުރި އެވެ. އަރި އަތޮޅު ރަސްދޫގައި، ކުޑަ ދެކުއްޖަކު ގޮސް އެހެން ކުޑަކުއްޖަކަށް ގަނާކޮށް އަނިޔާކުރާ މަންޒަރުގެ ވީޑިއޯއެއް ދައުރުވީ އެވެ. މައްސަލަ ހޫނުވެ އާންމުންގެ ނުރުހުން އަމާޒުވި އެވެ. ޖަޒުބާތެއްގައި ޖެހިގެން ކަަމަށް ވެސް ވެދާނެ އެވެ. އެ ކުދިންނަށް އަދަބުދޭން އޭރު އެތައް ބަޔަކު ގޮވި އެވެ.
ޖިނާއީ ކުށުގެ ޒިންމާ އުފުލާ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުމާއި، ކުށުގެ ވެށީގައި އުޅޭ އެ އުމުރުފުރާގެ ކުދިން ވަކި ރަށަކަށް ގެންގޮސް ތަރުބިއްޔަތު ކުރުމުގެ ވާހަކަ ސަރުކާރުން ދައްކަން ފެށީ އެހިސާބުންނެވެ. އެއީ ކުރިއާލާ ސަރުކާރުގެ ސިޔާސަތުތައް ހާމަކުރަން ވަކި ތާވަލެއްގެ ތެރެއިން އައި ކަމެއް ވެސް ނޫނެވެ.
ޖިނާއީ އަދުލުގެ ނިޒާމާއި ހައްގުތަކުގެ ދާއިރާގެ ބައެއް ތަޖުރިބާކާރުންގެ ކަންބޮޑުވެވަޑައިގަންނަވަނީ ދިރާސާތަކުގެ އަލީގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމުގެ ބަދަލުގައި، "ކުއްލިއަކަށް" މިފަދަ ނިންމުންތައް ނިންމާތީ އެވެ.
"ކަމެއް ކުރާ ކަން ދައްކަން ކުރާ ކަހަލަ ގޮތަކަށް ފާހަގަވަނީ, އަސްލު މައްސަލައަށް ހައްލު ހޯދުމަށް ވުރެން، މައްސަލައެއްގެ އަލާމާތް ހުރި ކަމަކަށް ގޮތެއް ނިންމަނީ، މުގުލުގައި ވަށައިގެން ހުރި ކަންކަމަށް ވުރެ،" ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ބާގަނޑުތަކާ ގުޅޭ ދިރާސާއެއް ހެއްދެވި މައުރިފާ ހަސަން ވިދާޅުވި އެވެ.
މިއަދު ދުނިޔޭގެ ކޮންމެ މުޖުތަމައެއް ވެސް ތަރުތީބު ވުމަށް މަސައްކަތް ކުރަނީ، މުޖުތަމައަށް ބޭނުން ހިފޭ "އުފެއްދުންތެރި" އާބާދީއެއް ދެމެހެއްޓޭނެ ގޮތަކަށެވެ. ކުށަށް ހުށަހެޅޭ މީހުން، އަދި ހާއްސަކޮށް ކުޑަކުދިންނަށް އަޅާލައި ރަނގަޅު ތަރުބިއްޔަތަކާ އެކީ އަލުން މުޖުތަމައަށް ނެރުމަކީ އަދުގެ ވިސްނުމަށްވީ އެހެންވެ އެވެ.
އެހެން ނަމަވެސް މުޖުތަމައާ ވަކިން އޮންނަ ރަށަކަށް ގެންގޮސްގެން، މުޖުތަމައަށް ބޭނުން ހިފޭ މީހެއް ގޮތަށް މުޖުތަމައަށް އަލުން ނެރުމުގެ މަސައްކަތް ކުރާނީ ވަކި ކިހިނެއް ހެއްޔެވެ؟ ސަރުކާރުން އެ ބުނާ "ހޯޕް އައިލެންޑް" ގެ މަފުހޫމުން އުންމީދަށް ވުރެ ބޮޑަށް ފެންނަނީ އިތުރު ކަންބޮޑުވުންތަކެކެވެ.
އިސްލާހިއްޔާގެ ތަޖުރިބާއާއި މާޒީގެ ފިލާވަޅު
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމެއް ބައްޓަން ކުރުުމުގެ މައިގަނޑު އެއް މަގުސަދަކީ ބޮޑެތި މީހުންގެ ޖިނާއީ ނިޒާމުގެ ތެރެއަށް އެ ކުދިން ނުވެއްދުމެވެ. އެއް ހަމައަކުން، އެއް ސިޔާސަތެއްގެ އޮޅިގަނޑަކުން އެ ކުދިން ބަލަން ފަށައިފިނަމަ، ކުދިންގެ ނަފުސާނީ ދުޅަހެޔޮކަަމަށް ވެސް އަސަރުތަކެއް ކުރާނެތީ އެވެ.
ހައްގުތަކުގެ މަފުހޫމަކުން ރާއްޖޭގައި ނިޒާމުތައް ބައްޓަން ކުރުމުގެ ކުރިން، ކުޑަކުދިންގެ ތެރެއިން އަހުލާގުގައި މައްސަލަތަކެއް ފާހަގަވާ ކުދިން ބައިތިއްބަމުން ގެންދިޔައީ "އިސްލާހިއްޔާ" ނަމަކަށް ކިޔާ ތަނެއްގަ އެވެ. ޖިނާއީ ކުށްތަކުގައި ބައިވެރިވި ބައެއް ކުޑަކުދިން ޖަލުގައި ވެސް އޭރު ބަންދުކޮށްފައި ތިއްބެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މީގެ ދެ އަހަރު ކުރިން ޝާއިއުކުރި ދިރާސާއެއްގައި ވެސް އޭރުގެ ހާލަތްތަކުގެ ވާހަކަ ހިމަނާފައިވެ އެވެ. "އިސްލާހިއްޔާ" ފަދަ ކޮންސެޕްޓްތަކުގެ ސަބަބުން ކުދިންގެ ވިސްނުމަށާއި ނަފުސާނީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަން އެ ދިރާސާއިން ވެސް އެނގުނެވެ.
އެ ދިރާސާގެ އިތުރުން އިސްލާހިއްޔާ ނިޒާމުގެ ކަންކަން ވަރަށް ކުރިން ވެސް ދިރާސާކުރައްވާ މައުރިފާ ވިދާޅުވީ ޖަލުގައި އޭރު ބަންދުކުރި ބައެއް ކުދިންނަށް ތައުލީމުގެ ކަންކަން ވެސް ހަމަނުޖައްސާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އިސްލާހިއްޔާއަށް ގެންގޮސް ތިބި ކުދިންގެ ހާލަތަށް ބަލާއިރު އެ ތަނުގައި ޖިނާއީ ކުށެއް ނުކުރާ، ހަމައެކަނި އަހުލާގީ ކުދި މައްސަލަތައް ހުރި ކުދިން ވެސް ތިއްބެވެ. މައުރިފާ ވިދާޅުވި ގޮތުގައި ބުނާ ކޮންމެ ކަމެއް ކުރުމުގެ ބަދަލުގައި ކަންކަމުގައި ސުވާލުކޮށް "ޖަަދަލު"ކުރާ ކަމަށް ބުނާ ކުދިން ވެސް ތިއްބެވެ.
"މުޖުތަމައުން އެކަހެރިކޮށް މަރަކަޒުކުރުމުން އުޅުމާއި މިޒާޖުގެ މައްސަލަތައް އިތުރުވުން ވަރަށް ގާތް އަދި އަނބުރާ މުޖުތަމައަށް ރުޖޫއަވާން އުނދަގޫވޭ، ރިސާޗް ހެދިއިރު ޖަލުގައި ތިބި ކުދިންނަށް ވެސް ތައުލީމު ނުދޭ، ދެން އެ ކަން ރިސާޗު ތެރޭގައި ހައިލައިޓް ކުރީމަ, ފެށި ބައެއް ކްލާސްތައް،" އޭނާ ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގައި މަސައްކަތް ކުރައްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ކުރީގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު އެކުލަވާލުމުގައި ތަސައްވުރުކުރި ކަމަކީ، އިސްލާހިއްޔާގައި ކުދިން ގެންގުޅުނު ޒަމާނުގައި ކުދިން އެކަހެރި ކުރުމުން ފެނުނު ނޭދެވޭ އެކި އަސަރުތައް ފާހަގަވުމުން ކަމަށެވެ.
އެހެންވެ ކުޑަކުދިންގެ ޖިނާއީ އަދުލުގެ މުޅި ގާނޫނު ފަރުމާކުރީ ކުޑަކުދިން މަރުކަޒުކުރުމާއި މުޖުތަމައާ އެކަހެރިކޮށްގެން ގެންގުޅުމުގެ ވިސްނުމާ ވީހާ ވެސް ދުރަށެވެ. އެ ގާނޫނު އެކުލަވާލުމުގައި މަޖިލީހުގައި މުހިންމު ދައުރެއް އަދާކުރެއްވި، މިހާރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާންގެ ނުކުތާއަކީ އެއީ އެވެ.
"ގެންގުޅެން އުނދަގޫވީމަ، ކޮންމެ ވެސް މަރުކަޒަކަށް ގެންގޮސް، ކުރީގައި އިސްލާހިއްޔާގައި ކުދިންނަށް އަމަލުކުރި ގޮތަށް، އެ ކަން ހިނގައިގެން ނުވާނެ، އެހެންވެ ގާނޫނުގައި ވެސް ލިޔުނީ ކުއްޖަކު މަރުކަޒު ކުރަން ކޮންމެހެން ޖެހުނަސް އެއީ ވަގުތީ ގޮތުން ކުރާ ކަމަކަށް ވާން ޖެހޭނޭ،" އޭނާ ވިދާޅުވި އެވެ.
ކުލުނުގެ ހައްގާއި ދިރިއުޅުމުގެ ތަޖުރިބާ
ސަރުކާރުގެ މުޅި ސިޔާސަތު ސާފުނުވިއަސް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި ކުދިން ކުށަށް ހުށަހެޅެނީ ބޮޑުވާ މާހައުލުމުގެ ވެސް ސަބަބުން ކަމަށް ފެންނާތީ، ސަރުކާރުގެ ވިސްނުމަކީ އެ ވަކި ރަށަކީ ކުއްޖާއަށް އުޅެ ބޮޑުވުމަށް ލިބޭ ރަނގަޅު މާހައުލަކަށް ހެދުމެވެ.
"ނަތީޖާއަކީ ކުށުގެ ވެށީގައި އުޅެ ބޮޑުވާ ކުދިން، ރަނގަޅު މާހައުލެއް ލިބި އެ ކުދިންގެ ހަޔާތަށް އާ އުންމީދެއް ލިބިދިނުން، އެ ގޮތުން އަޅުގަނޑުމެން މި ރަށަށް ކިޔަން ނިންމާފައިވާ ނަމަކީ ވެސް ހޯޕް އައިލެންޑް،" މިނިސްޓަރު އިހުސާން މި މަހު 12، ވަނަ ދުވަހު ބޭއްވި ބައްދަލުުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ކުޑަކުދިން ހިމެނޭހެން އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިރާސާތަކެއް ވެސް ހައްދަވާފައިވާ ޖީހާން ވިދާޅުވީ ތަރުބިއްޔަތަށް އެންމެ ދަތި ކުދިން ގެންގުޅޭނެ ނިޒާމު ގާނޫނުގައި މިހާރު ވެސް އެބަ އޮތް ކަމަށެވެ. ގާނޫނުގައި އޮތީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ މަރުކަޒުތަކަކުން އެ ކަން ކުރުމަށެވެ.
"މީހުންނާ ވަކިކޮށްގެން ފަޅު ރަށެއްގައި ގެންގުޅުމަކީ ހައްލެއް ނޫން، ހޯރަފުށީގައި މި ހެދި ސެންޓަރު، ނިމެން ގާތްވެފައި އެ ހުރީ، މީހުން ދިރިއުޅޭ ރަށެއް، މި ގޮތަށް މީހުން އުޅޭ ފަސް ރަށެއްގައި ފަސް މަރުކަޒު، މި ތަންތަން ހަދާފައި، އަދި ވަކި ފަޅު ރަށެއް ހެދުމުގެ ބޭނުމެއް ނުއެއް ފެނޭ،" ޖީހާން ވިދާޅުވި އެވެ.
titledesc
މުޖުތަމައާ ވަކިކުރުމަކީ މުޖުތަމައުގެ ތަޖުރިބާއިން އެ ކުއްޖަކު މަހުރޫމްކުރުމެވެ. އެއިން ލިބިދޭ ފިލާވަޅުތަކާއި، މުޖުތަމައުގެ ގުޅުންތަކުގެ ބޭނުމާއި، އިހުސާސްތަކާއި ކުލުނު މީހާގެ ހިތުގައި އުފެދުމަކީ ހައްގެކެވެ. ވަކި ފަޅު ރަށެއްގައި ކުދިންތަކެއް ގެންގޮސް ބޭތިއްބުމުން ދިރިއުޅުމުގެ އެ ހާއްސަ ފިލާވަޅު ނުލިބޭނެ އެވެ.
ކުރީގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީކަން ކުރެއްވި މުހައްމަދު އިހުސާން ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަން ޖެހޭ ކުދިންގެ މަރުކަޒުތައް މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓަން ނިންމި ސަބަބަކީ އެވެ.
"ކުއްޖާއަށް ލިބެން ޖެހޭ އެބަ، ކުލުނުގެ ހައްގު، އިމޯޝަންސް އެންޑް ކަނެކްޝަންސް ދަސްވާނީ މުޖުތަމައެއްގެ ތެރެއިން، މުޖުތަމައާ މުޅިން ވަކިވުމުން އެ ތަޖުރިބާއާ ވަކިވޭ އެބަ، އެހެންވެ އޭރުގައި މުޖުތަމައެއްގެ ތެރެއިން، މީހުން އުޅޭ ރަށްރަށުން މަރުކަޒު ބަހައްޓައިގެން ކުރުމުގެ ވިސްނުން އިސްކުރީ،" އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ހިދުމަތުގައި އަހަރުތަކެއް ހޭދަކުރައްވާފައިވާ އިހުސާން ވިދާޅުވީ ކުއްޖެއްގެ ހިތުގައި އުފެދޭ ޝައުގާއި ހުނަރުތައް ތަރައްގީ ވަނީ ވެސް ދިރިއުޅުމުގެ ތަޖުރިބާއިން ކަމަށެވެ. އެއީ މަޖުބޫރުކޮށްގެން ވަކި ކަންކަމެއް ކުރުވައިގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ވަޅެއް ތެރޭގައި މުޅި އުމުރު މީހަކު ބަހައްޓައިފިއްޔާ، އޭނައަށް ހީވަނީ އެއީއޭ ދުނިޔެ އޮންނަ ގޮތަކީ، ދެން ކުއްލިއަކަށް އެއިން ބޭރަށް ކުއްލިއަކަށް ނުކުމެ، ދުނިޔެ ހަގީގަތަށް ފެންނަން ފެށީމަ، ހުންނާނެ މީހުނާ އެކު އުޅެން ދަތިވާ ގޮތްތަކެއް، އޭނަގެ ހަށީގައި،" އިހުސާންގެ ނުކުތާ ތަފްސީލްކޮށްދެއްވި އެވެ.
މައުރިފާގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ އެވެ.
"ފުދޭވަރަކަށް ދޮށި ވަންދެން ވެސް ސިކުޑި އެއްކޮށް ޑިވެލޮޕްނުވާ ކަން ރިސާޗުތަކުން އެބަ ފެނޭ، އެހެންކަމުން ބާރަ އަހަރުގެ ކުއްޖެއް, މުޖުތަމައުން އެކަހެރިކޮށްފަ، 18 އަހަރުވީމަ ސެކުރިޓީ ފޯސަސްއަށް ދާން މަޖުބޫރު ކުރުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. ކުޑަކުދިން ކުށަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ވެސް މުޖުތަމައުގެ ތެރެއިން އެ ތަފާތު ބަލައިގަންނަން ދަތިވެ، ކުއްޖާ އެކަހެރިކޮށްލުމެވެ. ވަކި ރަށަކަށް ގެންދިއުމަކީ އިތުރު އެކަހެރި ކަމެއް އިހުސާސް ވާނެ ކަމެކެވެ.
"މުޖުތަމައުން އެކަހެރި ކުރޭ މި ކިޔާ ބަސް ނާހާ ކުދިން ނުވަތަ ބަލަން ފަސޭހަނޫން "ޑިފިކަލްޓް ބިހޭވިއާ" ހުންނަ ކުދިން، މިސާލަކަށް ކަންކަމާ ސުވާލު އުފައްދާ، ކްރިޓިކަލީ ވިސްނާ ކުދިން، މިއީ ވެސް ވިސްނަން ޖެހޭ ކަމެއް، ކުއްޖެއްގެ ކުލުނާއި އިހުސާސްތަކާ މި ކަންކަން މި ގުޅެނީ،" މައުރިފާ ވިދާޅުވި އެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން 2022 ވަނަ އަހަރު ޝާއިއުކުރި ދިރާސާއިން ވެސް ދައްކާ ގޮތުގައި ކުށަށް ކުއްޖަކު ދިއުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީ އެކަހެރިވުމުގެ އިހުސާސް މުޖުތަމައިގެ ތެރެއިން ވުމާއި އާއިލާގެ މާހައުލު ވެސް ކުށުގެ ވެއްޓަކަށް ވުމެވެ.
މަރުކަޒުުކުރުމަކީ އެންމެ ފަހު އިހުތިޔާރު
ކުޑަކުއްޖެއްގެ އުޅުން ހުރި ގޮތުން، ދައުލަތުން ބަލަހައްޓަން ކުއްޖާ ވަކި ތަނެއްގައި ބަންދުކޮށް މަރުކަޒު ކުރުމަކީ އެންމެ ފަހުގެ އިހުތިޔާރެވެ. އެއީ ބައިނަލްއަގުވާމީ ހަމަ އެވެ. ޔުނައިޓެޑް ނެޝަންސް ގައިޑްލައިންސް އޮން އެކްޝަން ފޮ ޗިލްޑްރެން އިން ކްރިމިނަލް ޖަސްޓިސް ސިސްޓަމް (ޔޫއެންޖީއޭސީސީޖޭއެސް) ގައި ވަރަށް ސާފުކޮށް އެ ބީދައިން އެ ހަމަ ބަޔާންކޮށްފައިވެ އެވެ.
އެ އުސޫލަށް ރިއާޔަތްކޮށް ރާއްޖޭގައި އެކުލަވާލާފައިވާ ކުޑަކުދިންގެ އަދުލުގެ ގާނޫނު ވެސް ދަންނަނީ އެ ހަމަ އެވެ. ގާނޫނުގައި ކުޑަކުދިން ގިންތިކޮށް، ކުދިން ބަލަހައްޓާ ކޮންމެ މަރުކަޒެއްގައި ވެސް ބަހައްޓަން ވާނީ ވަކި މުއްދަތެއްގައި ކުއްޖާ އަނބުރާ މުޖުތަމަށް ނެރުމުގެ މަގުސަދުގައި ކަމށް ލިޔެފައިވެ އެވެ.
ގާނޫނުގައި އޮންނަނީ "ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިން ކޮންމެހެން ބަންދުގައި ބައިތިއްބަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ކުދިން ވަގުތީ ގޮތުން ބޭތިއްބޭނެ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުތައް، ދައުލަތުން ގާއިމުކުރަންވާނެ،" މިފަދައިންނެވެ.
އަދި ދިގު މުއްދަތަކަށް ކުއްޖަކު ރެޒިޑެންޝަލް ފެސިލިޓީއެއްގައި ބަހައްޓަން ޖެހުނަސް ކުއްޖާގެ އާއިލާއާއި މުޖުތަމައާ ބައިވެރިވެވޭނެ ފަދައިން ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ފަދައިން އުފައްދާ މަރުކަޒުތަކަށް ވުމަށް ވެސް ގާނޫނުގައި ލިޔެފައިވެ އެވެ.
ކުޑަކުދިން މަރުކަޒު ކުރުމުގެ އިހުތިޔާރަށް ދާން ވާނީ އެ ނޫން އެއްވެސް ގޮތެއް ނެތުމުން ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވެސް ގަބޫލު ކުރައްވަ އެވެ.
"އެންމެ އައިޑިއަލް ސިނޭރިއޯއަކަށް ނުވެދާނެ އެ ކަން، ކުޑަކުދިން މަރުކަޒު ކުރުން އެ ގޮތަށް [ވަކި ފަޅު ރަށެއްގައި ބައިތިއްބައިގެން]،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ކުށުގެ ވެށީގައި އުޅޭ ކުދިން ގިނަވަމުންދާއިރު މިހާރު އޮތް ނިޒާމުގެ ތެރެއިން އެ ކަން ނުކުރެވޭ ކަމަށް ބަލައި ސަރުކާރުން އެ ގޮތަށް ނިންމާނަމަ އެ ޕްރޮގްރާމަކީ ވީހާވެސް ފުރިހަމަ ޕްރޮގްރާމަކަށް ވާން ވާނެ ކަމަށް ނިއުމަތު ވިދާޅުވި އެވެ.
މުޖުތަމައާ ދުރަށް، ވަކިން ރަށަކަށް ގެންގޮސްގެން ތަރުބިއްޔަތު ދިނުމުގެ ޕްރޮގްރާމެއް ރާވާނަމަ، ނިއުމަތު ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް ގިނަ ހައްގުތަކާއި ފަރުވާތައް ކުދިންނަށް ލިބޭނެ ގޮތަކަށް އެ ޕްރޮގްރާމް ރާވަން ޖެހޭނެ އެވެ.
ރާއްޖޭގެ މުޖުތަމައުތަކުގައި ދިރިއުޅޭ ކުދިންނެކޭ އެއް ގޮތަށް، އެ ކުދިންނަށް ވެސް ތައުލީމުގެ ފުރުސަތުތައް ދޭން ވާނެ އެވެ. އަދި އެ ކުދިންގެ އާއިލާއާ ގުޅުން ބާއްވައި، އާއިލާއާ ވާހަކަ ދެކެވޭނެ ގޮތަށް އިންތިޒާމުތައް ހުންނަން ޖެހޭނެ އެވެ.
"ތައުލީމުގެ ކަންކަން ފުރިހަމައަށް އޮންނަން ވާނެ, ތައުލީމުގެ ފުރުސަތު ނުގެއްލޭނެ ގޮތަކަށް ޕްރޮގްރާމް ބައްޓަން ކުރަން ޖެހޭނެ, ކުދިންނަށް އާއިލާއާ ގުޅުން ބާއްވައިގެން މި ކަން ކުރެވޭނެ ނިޒާމެއް ވެސް ރާވާފައި އޮވެގެން މި ޕްރޮގްރާމް ގެންދަން ވާނީ،" އޭނާ ވިދާޅުވި އެވެ.
ނިއުމަތު އެންމެ ބޮޑަށް ދެން ފާހަގަ ކުރެއްވީ ނަފުސާނީ ފަރުވާ އެވެ. އުޅުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ފަރުވާ ހިމަނަން ވާނީ ނަފުސާނީ ފަރުވާ ވެސް ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ފަރުވާތަކެއް އެބަ ދޭން ޖެހޭ. އެ ކުދިންގެ އުޅުމަށް އެ ގެންނަން ޖެހޭ ބަދަލުތަކުގެ ފަރުވާގެ ޕްރޮގްރާމް ހިމަނަން ޖެހޭނެ ކޮންމެހެން ވެސް، މި ހުރިހާ ވަސީލަތަކާއި ފުރުސަތުތައް އޭގެ ތެރޭގައި އޮވެގެން އެ ކަން ހިންގަން ވާނީ،" ނިއުމަތު ވިދާޅުވި އެވެ.
ތެދެކެވެ. ޅަ އުމުރެއްގައި ތިބެގެން ކުރިއަސް ކުށެއް ވާނީ ކުށަކަށެވެ. އެކަމަކު މި ބުނާ މައްސަލައިގެ މަންޒަރު ވަށައިގެން ބެލުމުން ސާފުވާ ކަމަކީ ޅަ އުމުރުގައި ކުށަށް ހުށަހެޅޭ ބައިވަރު އެހެން ސަބަބުތައް އެބަ ހުއްޓެވެ. މުޖުތަމައު އަދި މުޖުތަމައު ބަލަހައްޓަން ގާއިމުކޮށްފައިވާ ދައުލަތާއި ދައުލަތުގެ އިދާރާތަކުގެ އަމާޒަކަށް ވާންވީ އެއްވެސް ކުއްޖެއް ބާކީނުކޮށް ކޮންމެ ކުއްޖަކީ ވެސް ފައިދާއަކަށް ހެދުމަށް މަސައްކަތް ކުރުމަށެެވެ.












