މެންޗެސްޓާ (15 މެއި) - މި ސީޒަންގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅޭ ފަހު މެޗަށް ފަހު ސަޕޯޓަރުންނަށް އަލްވަދާއު ނުކިޔާނެ ކަމަށާއި އެއީ ވަދާއީ މެޗެއް ކަމަށް ގަބޫލްނުކުރާ ކަމަށް ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނުކުންނާނީ ނިއުކާސަލް ޔުނައިޓެެޑާ ދެކޮޅަށެވެ. މިއީ މި ސީޒަންގެ ލީގުގައި ޔުނައިޓަޑް އަމިއްލަ ދަނޑުގައި ކުޅޭ ފަހު މެޗެެވެ.
މި ސީޒަންއަކީ ޔުނައިޓަޑަށް ނާކާމިޔާބު ސީޒަނެެކެވެ. އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކުރި ނަމަވެސް، ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް އެ ޓީމަށް ނުލިބުނެވެ. މި ވަގުތު ޔުނައިޓެޑް އޮތީ ތާވަލްގެ އަށް ވަނައިގަ އެވެ.
ޓެން ހާގް މި ސީޒަނަށް ފަހު ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ދެމިހުންނާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
އެކަމަކު، ޓެން ހާގް ބުނީ މިރޭގެ މެޗަކީ އޭނާ ޔުނައިޓަޑްގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔާނެ މެޗެއް ނޫން ކަމަށެވެ.
"އަހަންނަށް ހިޔެއްނުވޭ މިރޭގެ މެޗަކީ އަލްވަދާއު ކިޔަންޖެހޭ މެޗެއްހެނެއް،" ޓެން ހާގް ބުންޏެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި ޓެން ހާގް ކޯޗުގެ މަގާމުގައި ބެހެއްޓުމާމެދު ޔުނައިޓަޑް އިން ގޮތެއް ނިންމައި، އެކަން އިއުލާންކުރާނީ އެފްއޭ ކަޕްގެ ފައިނަލަށްފަހު ކަމަށެވެ.
ޓެން ހާގް ،54، ބުނީ ޓީމުގެ ނަތީޖާތައް ދަށްވިޔަސް، ގިނަ ސަޕޯޓަރުންގެ ތިބީ އޭނާގެ ފަހަތުގައި ކަމަށެވެ.
"ސަޕޯޓަރުން ގަބޫލްކުރޭ މި ކްލަބު މި އޮތީ ބޮޑު ބަދަލެއްގެ ތެރޭގައިކަން. ސަޕޯޓަރުންނަށް އެނގޭ އަހަރަމެންނަށް ދިމާވި މައްސަލަތައް،" ޓެން ހާގް ބުންޏެވެ.












