ރާއްޖެއިން ބޭރުން ކާރު ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ލާރި ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އޮތް ފުލުހެއްގެ މައްސަލަ ބަލަމުންދާ ކަަމަށް އެ ހިދުމަތުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އެ ފުލުސް މީހާގެ ފޮޓޯ އަދި ތަފުސީލުތަކާއެކު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި މައްސަލާގައި ފުލުހުންނަށް މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށެވެ. އެ މީހާ ފައިސާ ނެގި މީހުން އަދަދެއް އަދި ނެގި ފައިސާގެ އަދަދެއްވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައެއް ނުވެ އެވެ.
އަދި، ފުލުހުން ކުރާ ކުށްތަކަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޕޯސްޓު ކުރި މީހާ ވަނީ ވަރަށް ބޮޑަށް ޝަކުވާވެސް ކޮށްފަ އެވެ.
މި ޕޯސްޓާއެކު ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ މި ފުލުސް މީހާގެ މައްސަލަ ދިވެހި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ތަހުގީގުކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ކޮށްފައިވާ މި ޕޯސްޓު ގިނަ ބަޔަކު ދައުރުކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންވެސް ވަނީ ފުލުހުންގެ މިފަދަ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ.













