ފުވައްމުލައް ސިޓީގައި ރޭ ދެ އެކްސިޑެންޓު ހިނގައި ހަތަރު މީހުންނަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ 10:48 ހާއިރު ފުވައްމުލައް ސިޓީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ހިނގާފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެ އެވެ.
ރޭ ފުވައްމުލަކުގައި ހިނގި ދެވަނަ އެކްސިޑެންޓަކީ އެ ރަށު އެއާޕޯޓު ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިއެއްގެ ބައެއް ނެއްޓިފައި ވަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއް އެތަނުން ނެއްޓިގެން ދާން މަސައްކަތް ކުރަނިކޮށް ސައިކަލު ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެކެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި 27 އަހަރުގެ މީހަކަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.













