ބެންގަލޫރު، އިންޑިއާ (އޭޕްރީލް 24) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކަލްކަތާ ނައިޓް ރައިޑާސް އަތުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު އެއް ލަނޑުން ބަލިވި މެޗުގައި، އެ ޓީމުގެ ތަރި ވިރާތު ކޯލީ ނުބައިވިއިރު އަމްޕަޔަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ދިން އަދަބާ މެދު ޝަކުވާއެއް ނެތްކަން އަންގައިފި އެވެ.
އެންމެ ލަނޑަކުން، ބެންގަލޫރު ބަލިވި މެޗުގައި ވިރާތު ނުބައިވީ، ހަތް ބޯޅަ އަށް 18 ލަނޑު ހަދައިފައިވަނިކޮށެވެ. ކަލްކަތާގެ ހަރްޝިތު ރާނާ އެއްލި ބޯޅަ އަކީ "ނޯބޯލް" އެއް ކަމަށް ވިރާތު އެޕީލްކުރީ، އޭނާ ޝޮޓް ފޮނުވާލަން ޖެހުނީ މާ މަތިން ކަމަށްވާތީ، އެއްވެސް ބާރެއް ނުލެވިގެން މަޑުން ޖެހިގެން ކަމަށް ބުނެ އެވެ. އަމްޕަޔަރު ވަނީ ވިރާތުގެ ޗެލެންޖާ އެކު، ވީޑިއޯގެ ޒަރިއްޔާ އިން ބަލައިފަ އެވެ. ހޯކް އައި ޓެކްނޮޮލޮޖީ މެދުވެރިކޮށް ބެލިބެލުމުން ވެސް ވިރާތު ނުބައިވީ ކަމަށް ނިންމި އެވެ.
އެ ހިސާބުން ވިރާތު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އަމްޕަޔަރާ ނުރުހުންވެގެން ވާހަކަ ދެއްކި މަންޒަރު ވެސް ފެނިގެންދިޔަ އެވެ.
މި މައްސަލައިގައި އިންޑިއާގެ ކްރިކެޓް ބޯޑުން، ޑިސިޕްލިނަރީ ކޯޑަށް ރިއާޔަތްކޮށް ނިންމާފައިވަނީ ވިރާތަށް މެޗު ފީން ލިބޭ ފައިސާގެ 50 އިންސައްތަ ޖޫރިމަނާކުރުމަށެވެ. އެ ނިންމުން، ބެންގަލޫރު ޓީމަށް އެންގިއިރު، ވިރާތަށް ވަނީ އެޕީލް ކުރަން ފުރުސަތު ދީފަ އެެވެ.
އެކަމަކު، ވިރާތު ނިންމާފައިވަނީ، އެޕީލް ނުކޮށް އަދަބު ބަލައިގަންނާށެެވެ.
މި ވަގުތު، ބެންގަލޫރު އޮތީ، 10 ޓީމު ވާދަކުރާ އައިޕީއެލްގެ އެންމެ ފުލުގަ އެވެ. އަށް މެޗު ކުޅުނުއިރު، ބެންގަލޫރު މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ، ޕަންޖާބް ކިންގްސް އަތުންނެވެ. ދެން، ބެންގަލޫރު އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ، މާދަމާ ސަންރައިޒާސް ހައިދަރުއާބާދާ އެެވެ. ބެންގަލޫރުގައި ކުޅުނު މެޗުން ހައިދަރުއާބާދު ވަނީ 25 ލަނޑުން މޮޅުވެފަ އެވެ.
އައިޕީއެލްގެ އެއް ވަނައިގައި އޮތީ އަށް މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި، ރާޖަސްތާން އެވެ.












