ދިއްލީ (އޭޕްރީލް 21) - އިންޑިއަން ޕްރިމިއާ ލީގުގައި ރޭ ދިއްލީ ކެޕިޓަލްސް އަތުން ސަންރައިޒާސް ހައިދަރުއާބާދުން 67 ލަނޑުން މޮޅުވި މެޗުގައި ޕަވަޕްލޭގައި މިހާތަނަށް އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް މުގުރާލައިފި އެވެ.
ޓީ20 ކްރިކެޓްގައި ޕަވަޕްލޭ އަކީ ފުރަތަމަ ހަ އޯވަރެވެ. ދިއްލީ ކެޕިޓަލްސް އަތުން މޮޅުވި މެޗުގައި، ސަންރައިޒާސް ހައިދަރުއާބާދުން ވަނީ ޕަވަޕްލޭގައި 125 ލަނޑު ހަދައިފަ އެވެ. މިއީ ޓީ20 ގެ ޕަވަޕްލޭ ރެކޯޑެކެވެ. މީގެ ކުރިން، މި ރެކޯޑް އޮތީ، 2017 ވަނަ އަހަރު، ނޮޓިންހަމްޝަޔާ އިން ޑާހަމް ކޮޅަށް ޕަވަޕްލޭގައި 106 ލަނޑު ހަދައިގެން ގާއިމް ކުރި ރެކޯޑަށް ވުރެ ރަނގަޅު ސްކޯ އެކެވެ. އައިޕީއެލްގައި މީގެ ކުރިން ޕަވަޕްލޭގެ ރެކޯޑް އޮތީ، 2017 ވަނަ އަހަރު ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިކުރި މެޗުގެ ޕަވަޕްލޭގައި ކަލްކަތާ ނައިޓް ރައިޑާސް ހެދި 105 ލަނޑާ އެކު އެވެ.
ހައިދަރުއާބާދުން ވަނީ މި ފަހަރު، އަައިޕީއެލްގެ އިނިންސެއްގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް ދެ ފަހަރެއްގެ މަތިން މުގުރާލައިފަ އެވެ. ރޭގެ މެޗުގައި އެ ޓީމުން ވަނީ ޓީ20 ކްރިކެޓްގައި އެންމެ އަވަހަށް 100 ލަނޑު ހަމަކުރުމުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ. އެ ގޮތުން، ރޭގެ މެޗުގައި، ހައިދަރުއާބާދުން ވަނީ 30 ބޯޅައިން (ފަސް އޯވަރުން) 100 ލަނޑު ހަދައިފަ އެެވެ. މީގެ ކުރިން މި ރެކޯޑް އޮތީ، 5.3 އޯވަރުގެ ތެރޭގައި 100 ލަނޑު ހަމަކުރި ސައުތު އެފްރިކާ އަތުގަ އެވެ. ސައުތު އެފްރިކާ އެ ރެކޯޑް ހެދީ މިދިޔަ އަހަރު ވެސްޓް އިންޑީސް ކައިރިން މޮޅުވި މެޗުގަ އެވެ.
ރޭގެ މެޗުގައި ދިއްލީ ކެޕިޓަލްސް އިން ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. ވަރުގަދަ ފެށުމަކާ އެކު، ހައިދަރުއާބާދުން ވަނީ 20 އޯވަރުގެ ތެރޭގައި، ހަތް ކުޅުންތެރިން ނުބައިވިއިރު، 266 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 32 ބޯޅައިން 89 ލަނޑު ހެދި ޓްރަވިސް ހެޑް އެވެ. އޭނާ ވަނީ 11 ފަހަރު ހަތަރަކަށް ހަ ފަހަރު ހަޔަކަށް ޖަހައިފަ އެވެ.
ހައިދަރުއާބާދުގެ ޝާހްބާޒް އަހުމަދު ވަނީ ނުބައިނުވެ 29 ބޯޅައިން 59 ލަނޑު ހަދައިދަ އެވެ. މި އިނިންގްސްގައި ދިއްލީގެ ކުލްދީޕް ޔާދަވް ހަތަރު ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ދިއްލީ އަށް 19.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވެސް ހެދުނީ 199 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ޖޭކް ފްރޭޒާ-މެކްގާކް އެވެ. އޭނާ ވަނީ 18 ބޯޅައިން 65 ލަނޑު ހަދައިފަ އެވެ. އޭނާ ވަނީ ހަތް ފަހަރު ހަޔަކަށް އަދި ފަސް ފަހަރު ހަތަރަކަށް ޖަަހައިފަ އެެވެ.
މި މޮޅާ އެކު، ހައިދަރުއާބާދު ވަނީ ހަތް މެޗުން 10 ޕޮއިންޓް ހޯދައި، ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި ރާޖަސްތާން ރޯޔަލްސް އޮތީ ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
އައިޕީއެލްގައި މިރޭ ކުޅޭނީ ކަލްކަތާ ނައިޓްރައިޑާސް އާއި ރޯޔަލްސް ޗެލެންޖާސް ބެންގަލޫރުގެ މެޗާއި ޕަންޖާބް ކިންގްސް އާއި ގުޖުރާތު ޓައިޓަންސްގެ މެޗެވެ.












