ލަކްނައު، އިންޑިއާ (އޭޕްރީލް 20) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކޭއެލް ރާހުލްގެ މޮޅު ކުޅުމާ އެކު، ލަކްނައި ސުޕަ ޖަޔަންޓްސް އިން އަށް ވިކެޓުން ޗެންނާއި ސުޕަ ކިންގްސް އަތުން މޮޅުވެއްޖެ އެވެ.
ރޭގެ މެޗުން މޮޅުވެގެން، ތާވަލުގެ ދެ ވަނަ އަށް އަރަން ޗެންނާއި އަށް އޮތް ފުރުސަތު ގެއްލި އެ ޓީމު މި ވަގުތު އޮތީ ކުރިއެކޭ ވެސް އެއްގޮތަށް ތާވަލުގެ ތިން ވަނައިގަ އެވެ. ލަކްނައު ވަނީ މި މޮޅާ އެކު، ޗެންނާއިއާ އެއްވަރަށް ޕޮއިންޓް ހޯދައިފަ އެވެ.
އައިޕީއެލް ތާވަލުގެ އެއް ވަނައިގައި ރާޖަސްތާން ރޯޔަލްސް ހަތް މެޗުން 12 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ކަލްކަތާ ނައިޓް ރައިޑާސް، ތިން ވަނައިގައި އޮތް ޗެންނާއި، ހަތަރެއްގައި އޮތް ސަންރައިޒާސް ހައިދަރުއާބާދު އަދި ފަސް ވަނައިގައި އޮތް ލަކްނައު، މީގެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ، އަށް ޕޮއިންޓެެވެ. މި ޓީމުތައް ރޭންކް ކޮށްފައިވަނީ، ކޮންމެ ޓީމެއްގެ ނެޓް ރަން ރޭޓަށް ބަލައިގެންނެވެ.
ރޭގެ މެޗުގައި، ލަކްނައު އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ.
ޗެންނާއި އިން ފުރަތަމަ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 176 ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 40 ބޯޅައިން 57 ލަނޑު ހަދައިދިން، ރަވިންދުރަ ޖަދޭޖާ އެވެ. މީގެ އިތުރުން، އެ ޓީމުގެ، އަޖިންކިޔާ ރަހާނޭ ވަނީ 24 ބޯޅައިން 36 ލަނޑު ހަދައިދީފަ އެވެ. މޮއީން އަލީ 30 ލަނޑު ހެދިއިރު، މަހިންދުރަ ސިންގް ދޯނީ ވަނީ 28 ލަނޑު ހަދައިފަ އެވެ.
މި އިނިންގްސްގައި، ލަކްނައު ޓީމުގެ ކްރުނާލް ޕާންޑްޔާ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ލަކްނައު އިން ކުޅެން އަރައި، 19 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު، 180 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ. އެ ޓީމު މޮޅުކޮށްދޭން އެންމެ ބޮޑު ތަފާތެއް ދެއްކީ، 53 ބޯޅައިން 82 ލަނޑު ހެދި ޓީމުގެ ކެޕްޓަން ރާހުލް އެވެ. މަޑުމަޑުން ފޯމަކަށް އެޅެމުން އަންނަ ރާހުލް ވަނީ ހަޔަކަށް ތިން ބޯޅަ އަދި ހަތަރަކަށް ނުވަ ބޯޅަ ޖަހައިފަ އެެވެ.
ލަކްނައު ޓީމުގެ ކުއިންޓަން ޑި ކޮކް ވަނީ 43 ބޯޅައިން 54 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ ނިކޮލަސް ޕޫރަން ނުބައިނުވެ 23 ލަނޑު ހެދި އެވެ.
އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި، ދިއްލީ ކެޕިޓަލްސް ކުޅޭނީ ސަންރައިޒާސް ހައިދަރުއާބާދާ އެވެ.












