ބެންގަލޫރު، އިންޑިއާ (އޭޕްރީލް 16) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ އިނިންގްސްއެއްގައި އެއްކުރި އެންމެ ގިނަ ޕޮއިންޓްގެ ރެކޯޑު އެއް ސީޒަނެއްގެ ތެރޭގައި ދެ ވަނަ ފަހަރަށް މުގުރާލުމަށް ފަހު، ސަންރައިޒާސް ހައިދަރުއާބާދުން 25 ލަނޑުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިކޮށްފި އެވެ.
އައިޕީއެލް ތާރީހުގައި އެއް އިނިންގްސްއެއްގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް، ހައިދަރުއާބާދުން ގާއިމްކުރީ، މި ފަހަރުގެ ސީޒަނުގައި މުމްބައި އިންޑިއަންސް އަތުން 31 ލަނޑުން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ހައިދަރުއާބާދުން ވަނީ 277 ލަނޑު ހަދައިފަ އެވެ. ހައިދަރުއާބާދުން ބެންގަލޫރު ބަލިކުރިއިރު ވަނީ 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން، 287 ލަނޑު ހަދައިފަ އެވެ.
ރޭ ޗިންނަސްވާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން ބެންގަލޫރުން ހޮވަން އެރިއިރު، ކުޅެން އެރި ހައިދަރުއާބާދު ޓީމުގެ ތަފާތަކީ، ޓްރަވިސް ހެޑް އެވެ. އޭނާ ވަނީ 41 ބޯޅައިން 102 ލަނޑު އެއްކޮށްފަ އެވެ. ހެޑް ވަނީ އަށް ފަހަރު ހަޔަކަށް އަދި ނުވަ ފަހަރު ހަތަރަކަށް ޖަހައިފަ އެވެ.
ހައިދަރުއާބާދު ޓީމުގެ، ހެއިންރިޗް ކްލާސެން ވަނީ 31 ބޯޅައިން 67 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި ބެންގަލޫރުގެ ލޮކީ ފާގަަސަން ވަނީ ހަަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި ބެންގަލޫރަށް ހެދުނީ، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 262 ލަނޑެވެ. ބެންގަލޫރުން ކުޅުން ފެށީ ރަނގަޅު ޕާޓްނާޝިޕަކާ އެކު އެވެ. އެ ގޮތުން ޓީމުގެ ތަރި ވިރާތު ކޯލީ، 20 ބޯޅައިން 42 ލަނޑު ހެދިއިރު، ޓީމުގެ ކެޕްޓަން، ފަފް ޑި ޕްލެސިސް ވަނީ 28 ބޯޅައިން 62 ލަނޑު ހަދައިފަ އެވެ.
ބެންގަލޫރުން ދެން ކުޅެން އެރި ތިން ބެޓްސްމަނުން ވެސް ދަށްކޮށް ފެނުނުއިރު، ހިތްވަރެއް ލިބުނީ ދިނޭޝް ކާތިކް ކުޅެން އެރި ހިސާބުންނެވެ. މި ފަަހަރުގެ އައިޕީއެލްގައި ރަނގަޅު ފޯމެއްގައި ހުރި ދިނޭޝް ވަނީ 35 ބޯޅައިން 83 ލަނޑު ހަދައިފަ އެވެ. އެކަމަކު، ނަތީޖާ އަނބުރާލަން އެއްކުރަން ޖެހޭ ވަރަށް ބެންގަލޫރަށް ސްކޯ މައްޗަށް ނުޖެއްސި އެ ޓީމު ބަލިވީ އެވެ.
މި އިނިންގްސްގައި ހައިދަރުއާބާދުގެ ކެޕްޓަން، ޕެޓް ކަމިންސް ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ.
ހައިދަރުއާބާދުން މި މޮޅާ އެކު، އައިޕީއެލް ތާވަލުގެ ހަތަރަކަށް ޖެހިލިއިރު، ބެންގަލޫރު އޮތީ އެންމެ ފުލުގަ އެވެ. ލީގުގައި މިރޭ ކަލްކަތާ ނައިޓްރައިޑާސް ބައްދަލުކުރާނީ ރާޖަސްތާން ރޯޔަލްސްއާ އެވެ. މިއީ، އެއް ވަނަ އާއި ދެ ވަނައިގެ ކުރިމަތިލުމެކެވެ. ރާޖަސްތާން އެއް ވަނައިގައި އޮތްއިރު، ކަލްކަތާ ދެ ވަނައިގައި އޮތީ، ކޮންމެ ޓީމެއް ވެސް އެއް މެޗުން ބަލިވެގެންނެވެ.












