މުމްބައި، އިންޑިއާ (އޭޕްރީލް 15) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ރޭ މުމްބައި އިންޑިއަންސްގެ ރޯހިތު ޝަރްމާގެ ސައްތައާ އެކު ވެސް ޗެންނާއި ސުޕަ ކިންގްސް އަތުން 20 ލަނޑުން ބަލިވެއްޖެ އެވެ.
މުމްބައިގެ މަޝްހޫރު ވަންކެޑޭ ސްޓޭޑިއަމްގައި އައިޕީއެލްގެ އެންމެ ކާމިޔާބު ދެ ޓީމުގެ ކުރިމަތިލުމުގައި ޓޮސް ދިމާވުމުން މުމްބައި އިން ނިންމީ ފީލްޑް ކުރާށެވެ. އެ ގޮތުން، ޗެންނާއި އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 206 ލަނޑު ހެދި އެވެ.
މި މެޗުގައި ޗެންނާއި އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ޓީމުގެ ކެޕްޓަން ރުތުރާޖު ގައިކްވާޑް އާއި ޝިވަމް ޑޫބޭ އެވެ. އެ ގޮތުން، ރުތުރާޖު ވަނީ 40 ބޯޅައިން 69 ލަނޑު ހަދައިފަ އެވެ. ނުބައިނުވެ، ޝިވަމް ވަނީ 38 ބޯޅައިން 66 ލަނޑު ހަދައިފަ އެވެ. ޗެންނާއިގެ ތަރި މަހިންދުރަ ސިންގް ދޯނީ ވެސް ކުޅެން އަރައި، ނުބައިނުވެ، އިނިންގްސް ނިންމާލިއިރު، އޭނާ ވަނީ ހަތަރު ބޯޅައިން 20 ލަނޑު ހަދައިފަ އެވެ.
މުމްބައި ބަލިވީ ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 186 ލަނޑު ކަމަށްވާތީ އެވެ. މުމްބައިގެ ކުރީގެ ކެޕްޓަން، ރޯހިތު ވަނީ 63 ބޯޅައިން 105 ލަނޑު ހަދައިފަ އެވެ. ދެން އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 20 ބޯޅައިން 31 ލަނޑު ހެދި ތިލަކް ވަރްމާ އެވެ.
މި އިނިންގްސްގައި ޗެންނައިގެ މަތީޝާ ޕަތިރާނާ ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.
އައިޕީއެލްގެ ތާވަލަށް ބަލާއިރު، ހަ މެޗުން ހަތަރު މޮޅު ހޯދައި ޗެންނާއި އޮތީ ތިން ވަނައިގަ އެވެ. ހަ މެޗު ކުޅެގެން ދެ މެޗުން މޮޅުވި މުމްބައި އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ.
ލީގުގައި މިރޭ ރޯޔަލް ޗެލެންޖާސް ބެންގަލޫރު ކުޅޭނީ ސަންރައިޒާސް ހައިދަރުއާބާދުއާ އެެވެ.












