މުމްބައި (އޭޕްރީލް 12) - ކުޅަދާނަ ބޯލަރު، ޖަސްޕްރީތު ބުމްރާ ނެގި ފަސް ވިކެޓާ އެކު، އިންޑިއަން ޕްރިމިއާ ލީގުގައި މުމްބައި އިންޑިއަންސް އިން ހަތް ވިކެޓުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިކޮށްފި އެވެ.
މިއީ ފަސް ފަަހަރު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދާފައިވާ މުމްބައި އިން މި ފަހަރުގެ މުބާރާތުގައި ހޯދި ދެ ވަނަ މޮޅެވެ. އަނެއްކޮޅުން، ބެންގަލޫރު މި ފަހަރުގެ މުބާރާތުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މި ވަނީ ބަލިވެފަ އެވެ.
ވެންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން، މުމްބައިގެ ކެޕްޓަން، ހާޑިކް ޕާންޑްޔާ ނިންމީ އެ ޓީމު ހޮވާނީ ކަމަށެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން 196 ލަނޑު ހެދި އެވެ.
ބެންގަލޫރުގެ ތަރި، ވިރާތު ކޯލީ އަށް މިއީ އެންމެ ރަނގަޅު މެޗެއް ނޫނެވެ. އެ ގޮތުން، ވިރާތު ވަނީ ނުވަ ބޯޅައިން ތިން ލަނޑު ހެދިތަނާ ނުބައިވެފަ އެެވެ. މިއީ، އެންމެ ފަހުން އޭނާ އައިޕީއެލްގައި ކުޅުނު 10 ވަރަކަށް މެޗަށް ބަލާއިރު އެންމެ ދަށް ސްކޯ އެވެ. ވިރާތު އަވަހަށް ނުބައިވުމާ އެކު، އެ ޓީމު ސަލާމަތްކޮށްދޭން އެންމެ ރަނގަޅު ސްކޯއެއް ހެދީ، ޓީމުގެ ކެޕްޓަން ފާފް ޑު ޕްލެސިސް އެވެ. ފާފް ވަނީ 40 ބޯޅައިން 63 ލަނޑު ހަދައިފަ އެވެ. ދެން، ބެންގަލޫރަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 26 ބޯޅައިން 50 ލަނޑު ހެދި ރަޖަތު ޕަތީދާރު އާއި 23 ބޯޅައިން 53 ލަނޑު ހެދި، ދިނޭޝް ކާތިކް އެވެ.
މި އިނިންގްސްގައި މުމްބައިގެ ތަފާތަކީ ބުމްރާ އެެވެ. ބެންގަލޫރުގެ ވިރާތު އާއި ފާފްގެ ވިކެޓް ނެގީ ބުމްރާ އެވެ.
ޖަވާބުގައި ކުޅެން އަރައި، މުމްބައި މޮޅުވީ، 15.3 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން، 199 ލަނޑު ހަދައިގެންނެވެ.
މުމްބައި ޓީމުގެ އިޝާން ކިޝަން ވަނީ 34 ބޯޅައިން 69 ލަނޑު ހަދައިފަ އެވެ. އިޝާން ވަނީ ފަސް ބޯޅަ ހަޔަކަށް އަދި ހަތް ބޯޅަ ހަތަރަކަށް ޖަހައިފަ އެވެ. މުމްބައިގެ ރޯހިތު ޝަރްމާ، 24 ބޯޅައިން 38 ލަނޑު ހެދިއިރު، ސޫރްޔަކުމާރް ޔާދަވް ވަނީ 19 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ.
އައިޕީއެލްގައި މިރޭ ކުޅޭނީ ތިން ވަނައިގައި އޮތް ލަކްނައު ސުޕަ ޖަޔަންޓްސް އާއި ތާވަލުގެ ފުލުގައި އޮތް، ދިއްލީ ކެޕިޓަލްސް އެވެ.












