ޖައިޕޫރު، އިންޑިއާ (އޭޕްރީލް 11) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކެޕްޓަން، ޝުބްމަން ގިލްގެ މޮޅު ކުޅުމާ އެކު، ގުޖުރާތު ޓައިޓަންސް އިން ތިން ވިކެޓުން މޮޅުވެ، ރާޖަސްތާން ރޯޔަލްސްގެ ހުވަފެނީ ފެށުން ނިމުމަކަށް ގެެނެސްފި އެވެ.
ރޭގެ މެޗާ ހަމައަށް އައިއިރު، ރާޖަސްތާން ރޯޔަލްސް އިން ވަނީ ފުރަތަމަ ހަތަރު މެޗުން މޮޅުވެފަ އެވެ. އަނެއްކޮޅުން، ގުޖުރާތުން ކުޅުނު ހަަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވެ އެވެ.
ސަވާއި މަންސިންގް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން ގުޖުރާތުން ނިންމީ ހޮވަން އެރުމަށެވެ. ރާޖަސްތާން އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 196 ލަނޑެވެ.
ރާޖަސްތާން އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ނުބައިނުވެ، 38 ބޯޅައިން 68 ލަނޑު ހެދި، އެ ޓީމުގެ ކެޕްޓަން، ސަންޖޫ ސެމްސޮން އެވެ. މި މެޗުގައި ވެސް ރާޖަސްތާންގެ ރިޔާން ޕަރާގް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، އޭނާ ނުބައިވިއިރު ވަނީ 48 ބޯޅައިން 76 ލަނޑު ހަދައިފަ އެވެ. ހަޔަކަށް ފަސް ބޯޅަ ޖެހިއިރު، ހަތަރަކަށް ތިން ބޯޅަ ޖަހާފައިވެ އެވެ.
ޖަވާބުގައި ކުޅެން އަރައި، ގުޖުރާތު މޮޅުވީ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވިއިރު، 199 ލަނޑު ހަދައިގެންނެވެ. ގުޖުރާތު މޮޅުވުމުގައި ތަފާތު ދެއްކީ ޓީމުގެ ކެޕްޓަން ގިލް އެވެ. އޭނާ ނުބައިވީ، 44 ބޯޅައިން 72 ލަނޑު ހަދައިފަ އެވެ. ދެން، އެ ޓީމުން، އޯޕަނިން ބެޓްސްމަނަކަށް އެރި ސައި ސުދަރްސަން ވަނީ 29 ބޯޅައިން 35 ލަނޑު އެއްކޮށްފަ އެެވެ.
މި އިނިންގްސްގައި، ރާޖަސްތާންގެ ކުލްދީޕް ސެން، ތިން ވިކެޓް ނެގިއިރު، ޔުޒްވެންދުރަ ޗާހާލް ދެ ވިކެޓް ނެގި އެވެ.
ފުރަތަމަ ފަހަރަށް މެޗަކުން ބަލިވިޔަސް، ގުޖުރާުތު އޮތީ އަދިވެސް އެއް ވަނައިގަ އެވެ. ގުޖުރާތު އޮތީ ހަ ވަނައިގަ އެވެ.
އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ކުޅޭނީ މުމްބައި އިންޑިއަންސްއާ އެވެ. ބެންގަލޫރު ނުވަ ވަަނައިގައި އޮތްއިރު، މުމްބައި އޮތީ އަށް ވަނައިގަ އެވެ.












