މުމްބައި، އިންޑިއާ (އޭޕްރީލް 8) - އިންޑިއަން ޕްރިމިއާ ލީގުގައި ދިއްލީ ކެޕިޓަލްސް އަތުން 29 ލަނޑުން ކުރިހޯދައި، މުމްބައި އިންޑިއަންސް މި ސީޒަނުގެ ފުރަަތަމަ މޮޅު ހޯދައިފި އެވެ.
ރޭގެ މެޗުގެ ކުރިން މުމްބައި މި ފަހަރުގެ އައިޕީއެލްގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މުމްބައި ޓީމުގެ ކެޕްޓަންކަން 10 އަހަރަށް ފަހު ރޯހިތު ޝަރްމާ އަތުން ނަގައި، އެ ޓީމަށް އެނބުރި އައި އޯލްރައުންޑަރު، ހާޑިކް ޕާންޑްޔާ އަށް ދިނުމުން، އެކަމުގެ މައްސަލަ ސަޕޯޓަރުންތެރޭގައި ބޮޑުވެ، ޓީމަށް ވެސް ގޯސް އަސަރުކުރި އެވެ. އެކަމަކު، ރޭގެ މެޗުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި މުމްބައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ވަންކެޑޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ދިއްލީ ކެޕިޓަލްސް އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ. އެ ގޮތުން، މުމްބައި އިން ކުޅެން އަރައި، އޯޕަނިން ބެޓްސްމަނުންގެ ޕާޓްނަޝިޕުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ރޯހިތު ޝަރްމާ އާއި އިޝާން ކިޝަން ރަނގަޅު ސްކޯއެއް ހޯދި އެވެ. އެ ގޮތުން ރޯހިތު ވަނީ 27 ބޯޅައިން 49 ލަނޑު ހަދައިފަ އެވެ. އަދި އިޝާން ވަނީ 23 ބޯޅައިން 42 ޕޮއިންޓް ހަދައިފަ އެވެ. ކެޕްޓަން، ހާޑިކް 39 ލަނޑު ހެދިިއިރު، ނުބައިނުވެ، ޓިމް ޑޭވިޑް، 45 ލަނޑު އަދި ރޮމާރިއޯ ޝެޕާޑް ވަނީ 39 ލަނޑު ހަދައިފަ އެވެ.
މުމްބައި މި އިނިންސް ނިންމާލީ، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 234 ލަނޑު ހަދައިގެންނެވެ. ޖަވާބުގައި ދިއްލީން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 205 ލަނޑެވެ. ދިއްލީ ޓީމުގެ ޕްރިތުވީ ޝޯ ވަނީ 40 ބޯޅައިން 66 ލަނޑު ހަދައިފަ އެވެ. އަދި އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 25 ބޯޅައިން 71 ލަނޑު ހެދި، ޓްރިސްޓަން ސްޓަބްސް އެވެ. ސްޓަބްސް ވަނީ 25 މެޗުން 71 ލަނޑު ހަދައިފަ އެވެ.
މި އިނިންސްގައި މުމްބައިގެ ޖެރާލްޑް ކޯޓްޒީ ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.
އައިޕީއެލްގައި ރޭ ލަކްނައު ސުޕަ ޖަޔަންޓްސް އިން ވަނީ 33 ލަނޑުން ގުޖުރާތު ޓައިޓަންސް އަތުން މޮޅުވެފަ އެވެ. ލަކްނައު އިން ޓޮސް ދިމާވެގެން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 163 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން އަރައި، ގުޖުރާތުގެ ހުރިހާ ކުޅުންތެރިން ނުބައިވީ، 18.5 އޯވަރުގެ ތެރޭގަ އެވެ. ހުރިހާ ކުޅުންތެރިން ނުބައިވެގެން ވެސް ހެދުނީ 130 ލަނޑެވެ.
މި އިނިންގްސްގައި، ލަކްނައުގެ ޔަޝް ތާކުރު ވަނީ ފަސް ވިކެޓް ނަގައިފަ އެވެ. މިިއީ މި ފަހަރުގެ އައިޕީއެލްގައި އެއް ކުޅުންތެރިއަކު ފަސް ވިކެޓް ނެގި ފުރަތަމަ މެޗެެވެ.
އައިޕީއެލް ތާވަލުގެ އެއް ވަނައިގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން އޮތީ ރާޖަސްތާން ރޯޔަލްސް އެވެ. ދެ ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވި، ކަލްކަތާ ނައިޓް ރައިޑާސް އެވެ. އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި، ކަލްކަތާ އިން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއި ސުޕަ ކިންގްސްއާ ދެކޮޅަށެވެ. ޗެންނާއި ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން، ސަންރައިޒާސް ހައިދަރުއާބާދު އާއި ދިއްލީ ކެޕިޓަލްސް އަތުން ބަލިވެފަ އެވެ.












