ޖައިޕޫރު، އިންޑިއާ (އޭޕްރީލް 7) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވިރާތު ކޯލީގެ ސައްތައާ އެކު މެޗު ފެށި، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ)ގެ މައްޗަށް ހަ ވިކެޓުން ކުރިހޯދައި، ރާޖަސްތާން ރޯޔަލްސް އިން މި ފަހަރުގެ މުބާރާތުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ތާވަލުގެ އެއް ވަނައިގައި އޮތް ރާޖަސްތާނުން ވަނީ މިހާތަނަށް ކުުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. ރޭގެ މެޗުން ރާޖަސްތާން މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ، 100 ލަނޑު ހެދި، ޖޯޝް ބަޓްލާ އެވެ.
މިއީ، އައިޕީއެލްގައި ބަޓްލާ، 35، ގެ 100 ވަނަ މެޗެވެ. އޭނާ މި ހާއްސަ މެޗުގައި މި ވަނީ ތަފާތު ފޯމެއްގައި ކުޅެ، ފުރަތަމަ ފަހަރަށް މި މުބާރާތުގައި ސައްތަ އެއް ހަދައިފަ އެވެ.
ބެންގަލޫރުން ރޭގެ މެޗުގައި ކުޅެން އަރަން ޖެހުނީ، ރާޖަސްތާނަށް ޓޮސް ދިމާވުމުން އެ ޓީމުން ހޮވަން ނިންމުމުންނެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 183 ލަނޑު ހެދި އެވެ. ވިރާތު ވަނީ، ނުބައިނުވެ، 72 ބޯޅައިން 113 ލަނޑު ހަދައިފަ އެވެ. ވިރާތު ވަނީ 12 ފަހަރު ހަތަރަކަށް އަދި ހަތަރު ފަހަރު ހަޔަކަށް ޖަހައިފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ބަޓްލާ ބޯޅަ ފޮނުވާލަނީ.
އެހެން މެޗުތަކާ ހިލާފަށް މި މެޗުގައި، ބެންގަލޫރުގެ ކެޕްޓަން ފާފް ޑޫ ޕްލެސިސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އޭނާ ނުބައިވީ 33 ބޯޅައިން 44 ލަނޑު ހަދައިފައި ވަނިކޮށެވެ. މިއީ، ފާފްގެ އެންމެ ސްކޯރިން ރަނގަޅު މެޗެވެ.
ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނުން ވަނީ 19.1 އޯވަރުގެ ތެރޭގައި، ހަތަރު ކުޅުންތެރިން ނުބައިވެގެން، 189 ލަނޑު އެއްކޮށް މެޗުން މޮޅުވެފަ އެވެ. އެންމެ ފަހު ބޯޅައާ ހަމައަށް ނުބައިނުވެ، ކުޅުނު ބަޓްލާ ތަފާތު ފޯމެއްގައި ހުރިއިރު، އޭނާ ސެންޗަރީ ފުރިހަމަ ކުރީ ވެސް ފަހު އޯވަރުގަ އެވެ.
ރާޖަސްތާންގެ ކެޕްޓަން، ސަންޖޫ ސެމްްސޮން ވަނީ ނުބައިވިއިރު، 42 ބޯޅައިން 69 ލަނޑު ހަދައިފަ އެވެ. ކުރިން މެޗުތަކުގައި ރާޖަސްތާނަށް މޮޅު ކުޅުމެއް ދެއްކި ރިޔާން ޕަރާގަށް މި މެޗު ދިޔައީ އެންމެ ރަނގަޅަކަށް ނޫނެެވެ. އޭނާ ވަނީ ހަތަރު ބޯޅައިން ހަތަރު ލަނޑު ހެދިތަނާ ނުބައިވެފަ އެވެ.
އައިޕީއެލްގައި މި ފަހަރު ކުޅުނު ހަތަރު މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ރާޖަސްތާން އެވެ. ދެން، ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އަންނަނީ ކަލްކަތާ ނައިޓް ރައިޑާސް އެވެ. ކަލްކަތާ އިން ވަނީ ފުރަތަމަ ތިން މެޗުން މޮޅުވެފަ އެެވެ.
މުބާރާތުގައި މިއަދު ދެ މެޗެއް އެބައޮތެވެ. ފުރަތަމަ މެޗުގައި މުމްބައި އިންޑިއަންސް ކުޅޭނީ ދިއްލީ ކެޕިޓަލްސްއާ އެވެ. ދެ ވަނަ މެޗުގައި ލަކްނައު ސުޕަޖަޔަންޓްސް ބައްދަލުކުރާނީ ގުޖުރާތު ޓައިޓަންސްއާ އެވެ.












