ހައިދަރުއާބާދު، އިންޑިއާ (އޭޕްރީލް 6) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ހަ ވިކެޓުން ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) ބަލިކޮށް، ސަންރައިޒާސް ހައިދަރުއާބާދުން މި ފަަހަރުގެ މުބާރާތުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ.
މީގެ ކުރިން މި ފަހަރުގެ މުބާރާތުގައި ހައިދަރުއާބާދުން މޮޅުވެފައިވަނީ މުމްބައި އިންޑިއަންސް އަތުންނެވެ. ހައިދަރުއާބާދު ބަލިވީ ކޮލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އާއި ގުޖުރާތު ޓައިޓަންސް އަތުންނެވެ.
އަމިއްލަ ދަނޑު، ރާޖީވް ގާންދީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ހައިދަރުއާބާދުން ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރާށެެވެ.
ޗެންނާއި އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 165 ލަނޑެވެ. ޗެންނާއި އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 24 ބޯޅައިން 45 ލަނޑު ހެދި، ޝިވަމް ދޫބޭ އެެވެ. އެ ޓީމުގެ ރަވިންދުރަ ޖަދޭޖާ ވަނީ 23 ބޯޅައިން 31 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ހައިދަރުއާބާދުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، އައިޑެން މާކްރަމް އެވެ. ތިން ވަނަ ބެޓްސްމަނަކަށް އަރައި، މާކްރަމް ވަނީ 36 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ. ހައިދަރުއާބާދު ޓީމުގެ އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި ކުޅެން ނުކުތް، ޓްރަވިސް ހެޑް އާއި އަބިޝޭކް ޝަރްމާ ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ހެޑް ވަނީ 24 ބޯޅައިން 31 ލަނޑު ހަދައިފަ އެވެ. އަދި އަބިޝޭކް ވަނީ 12 ބޯޅައިން 37 ލަނޑު ހަދައިފަ އެވެ. ހަތަރު ފަހަރު ހަަޔަކަށް ޖެހިއިރު، ތިން ފަހަރު ހަތަރަކަށް ޖެހި އެވެ.
މި އިނިންސްގައި ޗެންނާއިގެ އުކުންތެރިޔާ، މޮއީން އަލީ ދެ ވިކެޓް ނެގި އެވެ.
އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި، ރާޖަސްތާން ރޯޔަލްސް އިން ކުޅޭނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރުއާ އެވެ. ރާޖަސްތާން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާއިރު، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފަ އެވެ.












