މިދިޔަ ނޮވެމްބަރު 17، ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެން ދެއްވި ތަގުރީރުގައި އެއްވެސް ކޮރުކަމެއް ނެތެވެ. ފަތަހަ ސޫރަތުގެ ބަރަކާތުން ފެށި ރަސްމިއްޔާތުގައި ހުއްރިއްޔަތުން ގަތައި ހުއްބުލްވަތަނުގެ ރާގަށް ރައީސް އެދުވަހު އަމުނައިލެއްވީ ދިވެހީންގެ ކުރިމަގާ ގުޅުންހުރި މުހިންމު ވާހަކަތަކެކެވެ.
ރައީސް މުއިއްޒުގެ ވެރިކަން ބައްޓަން ކުރައްވާނެ ގޮތާއި އެމަނިކުފާނުގެ މައިގަނޑު ސިޔާސަތުތަކުގެ އޮނިގަނޑު ރާއްޖޭގެ ހަތަރު ބިތުން އެ ތަގުރީރު އަޑުއަހަން ތިބި އެތައް ހާސް ދިވެހި ރައްޔިތުންގެ ކަންފަތަތްތަކަށް، ވިރުވައި އަޅައިލީ ޕީއެންސީ ޒައާމަތުގެ ސޫރަ ވަރަށް ވެސް ފުރިަހަމައަށް ސިފަކޮށްދެއްވަމުންނެވެ.
"އަޅުގަނޑު އަދުލުވެރިވާނަން، ބޭއިންސާފެއް ނުވާނަން، ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން، މި އުފެދޭ އައު ސަރުކާރުގައި އެކަންކަމަށް ފިޔަވަޅު އަޅާނެ، ސަރުކާރުގެ ދެފުށް ފެންނާނެ، ފޮރުވާ ސިއްރު ކުރުމެއް، ވަންހަނާ ކުރުމެއް ނޯންނާނެ،" ކޮށްދެއްވާނީ ރައްޔިތުން އެދޭ ފަދަ ހެޔޮވެރިކަމެއްކަމުގެ ފުރިހަމަ ޔަގީންކަން ދިވެހީންނަށް އަރުވަމުން ރައީސް އެދުވަހު ވައުދުވެވަޑައިގެންނެވި އެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމަށް ދެމަސް ފުރުނުއިރު، ހުދުމުހުތާރު ވެރިއެއްގެ ލަގަބު އަމިއްލަ ޕާޓީ ތެރެއިން އެމަނިކުފާނަށް އަމާޒުވެއްޖެ އެވެ. ވެރިކަން ހޯއްދެވުމަށް ނުކުމެވަޑައިގެން ދެއްކެވި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބަޔަކު ގަބޫލު ކުރާން ފަށައިފި އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ގަދަރު ކުރައްވާނެ ކަމަށް ވިދާޅުވި ރައްޔިތުންގެ އަޑަށް އެމަނިކުފާނު ބީރު ކަންފަތެއް ދެއްވާކަމުގެ ހަބަރުތައް ގިނަވާން ފަށައިފި އެވެ.
ސަބަބުތަކުގެ ލިސްޓު ގޮސް މިވަގުތަށް ހުއްޓެނީ މިހާރު ކުރައްވަމުން ގެންދަވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނާ ހަމައިގަ އެވެ. ޕީއެންސީގެ މަޖިލިސް ޕްރައިމަރީން ފެށިގެން އައިސް މިއަދާ ހަމައަށް ވެސް ރައީސް މުއިއްޒު ދައްކަވަމުން ގެންދަނީ ޑިމޮކްރެޓިކް އުސޫލުތަކާ ދުރު ނަމޫނާއެއް ކަމަށް ދެކޭ މީހުން އެމަނިކުފާނާ އެއްކޮޅާއި އިދިކޮޅުގައި ވެސް ގިނަވެއްޖެ އެވެ.
ރައީސް މަޑުމަޑުން ޑިމޮކްރެޓިކް ޗާޓުން ބޭރަށް
ނުހަނު ބޮޑު އުއްމީދަކާއެކު ދިވެހީން ރައީސް މުއިއްޒުއަށް ހަވާލު ކުރެއްވި ވެރިކަމުގައި ފުރަތަމަ ކުނި ޖެހުނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ލީޑަރު، ކުރީގެ ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވި ހިސާބުންނެވެ.
ވެރިކަމުގެ އެންމެ ޅަފަތުގައި އެރި އެ ލޮޅުމުގެ ސަބަބުން ސަރުކާރުގައި ރެނދެއްލުމުގެ ފުރުސަތު ދެއްވަން ރައީސް މުއިއްޒު ބޭނުންވެވަޑައެއް ނުގަތެވެ. ބިސްމި ކިޔާފައި އެންމެ ފުރަތަމަ ވެސް ރައީސް މުއިއްޒު ފެށްޓެވީ ޕީޕީއެމް/ޕީއެންސީގެ އެތެރެ ހޮވާލައި ޔާމީނަށް ވަފާތެރި މީހުން އެއްފަރާތް ކުރުމުގެ މަސައްކަތެވެ.
އެ މަސައްކަތުގެ ތެރެއިން، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވަކި ކެންޑިޑޭޓުންތަކަކަށް ވާދަ ނުކުރެވޭނެ ކަމަށް ބުނެ ޕާޓީގެ ލީޑަރުޝިޕުން ސިޓީތަކެއް ފޮނުވި އެވެ. މައްސަލަ ބޮޑުވި އެ ކަންތައްގަނޑުގައި ދެ ޕާޓީން އާންމު މެންބަރުންތަކެއް ވަކި ވެސްވި އެވެ.
"މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމާ ބެހޭ އުސޫލުގެ ހަތަރު ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމައި މަނިކުފާނުފެ ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން،" އޭރު ފޮނުވި ބައެއް ސިޓީތަކުގައި ލިޔެފައިވެ އެވެ.
މާސިންގާ ހައިޖާނެއްގައި 24 ވަރަކަށް ގަޑިއިރު ވެއެތު ކުރުމަށްފަހު ހުރިހާ ކެންޑިޑޭޓުންނަށް ވެސް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދެއްވަން، ޕީއެންސީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން މިދިޔަ ޖެނުއަރީ 22، ގައި ރައީސް މުއިއްޒު ނިންމެވި އެވެ.
ނަމަވެސް ވާދަނުކުރެވޭނެ ކަމަށް ބުނެ ބައެއް ކެންޑިޑޭޓުންނަށް ދެ ޕާޓީގެ ލީޑަރުޝިޕުން ފުރަތަމަ ފޮނުވި ސިޓީން އެމީހުންގެ ހިތްތަކުގައި ޖެހުނު ލައްގަނޑު އެ ނިންމެވުމަކުން ފިލައިގެނެއް ނުދިޔަ އެވެ. އެހައިހިސާބުން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ދޫކޮށް ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރަން ނިންމީ އެވެ.
އެ ހަލަބޮލިކަމަށް ފަހު ހަމަނޭވާއެއް ލެވިދާނެ ކަމަށް ދެކިގެން ދެޕާޓީގެ މެންބަރުން ތިއްބައި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ނިމުމުން ދެން އަނެއްކާވެސް ކަންތައްތައް ބަދަލުވެގެންދިޔައީ ކުރިން ހީކުރި ގޮތާ މުޅީން ހިލާފަށެވެ. ޕްރައިމަރީ ކާމިޔާބު ކުރި ހުރިހާ ކެންޑިޑޭޓުންނަށް ޕީއެންސީގެ ޓިކެޓު ދިނުމަށްފަހު އޭގެ ތެރެއިން އެތައް ކެންޑިޑޭޓުންނެއް ރައީސް މުއިއްޒު ބާކީ ކުރެއްވީ އެވެ. އެ ކެންޑިޑޭޓުންނަށް އާނބަސް ބުނި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެއްސެވީ އެވެ.
އެގޮތުން ތިމަރަފުށީ ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނަން ހުށަހެޅި އަހުމަދު ރިޔާޒަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އަހުމަދު ރިޔާޒަކީ އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި މީހެއް ވެސް ނޫނެވެ.
އޭގެ އިތުރުން ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުންނަށް ވެސް ރައީސް ވަނީ ތާއިދުކޮށް މަޖިލިސް އިންތިހާބަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނެރެފަ އެވެ. އޭގެ ތެރޭގައި ގއ. ވިލިނގިލި ދާއިރާގެ މަޖިލިސް ޕްރައިމަރީން ބަލިވި، އާޒިމް އަބްދުލްއަޒީޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕްރައިމަރީން ބަލިވި އައިމަން މުހައްމަދާއި ހުރާ ދާއިރާގެ ޕްރައިމަރީން ބަލިވި ކުރީގެ މަޖިލިސް މެންބަރު، އަނާރާ ނައީމް އަދި ގަލޮޅު އުތުރު ދާއިރާގެ ޕްރައިމަރީން ބަލިވި އާމިނަތު މިޔާދާ (އާނަ) ހިމެނެ އެވެ. މި ހުރިހާ ދާއިރާއެއްގައި ޕީއެންސީގެ ކެންޑިޑޭޓުން ތިބެ އެވެ.
މީގެ ތެރެއިން ގއ. ވިލިނގިލި ދާއިރާގެ މަޖިލިސް ޕްރައިމަރީން ބަލިވި، އާޒިމް އަބްދުއްއަޒީޒަށް ރައީސް ކުރެއްވި ތާއީދު އަނބުރާ ގެންނަވައި، އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރި، ޔަޒްމީދު މުހައްމަދުއަށް ފަހުން ވަނީ ތާއީދު ކުރައްވައިފަ އެވެ. އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕްރައިމަރީން ބަލިވި، އައިމަން މުހައްމަދު ވަނީ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުގެ ފަހަތަށް އަރަން ނިންމައިފަ އެވެ.
އެ ދާއިރާތަކުގެ އިތުރަށް މިފަހުން އެމްޑީޕީން ޕީއެންސީއަށް ބަދަލުވި މެންބަރުންގެ ތެރެއިން ވެސް ދެ މެންބަރަކަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އެގޮތުން މަތިވެރި ދާއިރާގެ މެންބަރު ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމުގެ ކެމްޕޭނުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، އެ ދެ ދާއިރާގައި ވެސް ޕީއެންސީގެ ޓިކެޓު ދީފައި ތިބި ކެންޑިޑޭޓުން އެބަތިއްބެވެ.
ރައީސް އެހެން ކަން ކުރެއްވިއިރު، ޕީއެންސީގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް އެ ޕާޓީ މެންބަރުންގެ ވާޖިބުތައް ބަޔާންކޮށްފައިވެ އެވެ. އެ ގަވާއިދުގައި ޕާޓީގެ އެންމެ އިސް ލީޑަރާއި އާންމު މެންބަރުންނާ އެއްވެސް ތަފާތެއް ކޮށްފައެއް ނުވެ އެވެ.
titledesc
އެ ޕާޓީގެ ޓިކެޓުގައި އާންމު އިންތިހާބުތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ޕީއެންސީގެ އާންމު މެންބަރުންނަށް އަސާސީ ގަވާއިދުން ވާޖިބު ކޮށްފައި އޮތްއިރު، އަސާސީ ގަވާއިދާ ހިލާފުވާ ފަަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތް ވެސް އެ ގަވާއިދުގައި އޮވެ އެވެ.
އެގޮތުން ޕާޓީން ސުލޫކީ ފިޔަވަޅު އެޅޭނެ ކަންތައްތަކުގެ ތެރޭގައި އަސާސީ ގަވާއިދުގައި މެންބަރުންގެ ވާޖިބުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން އަދާކުރަން އުޒުރުވެރިވުން ހިމަނާފައިވެ އެވެ.
އެގޮތުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި:
- އިންޒާރުދިނުން
- އިންތިހާބީ މަގާމެއްގައި ހުރި މެންބަރެއްނަމަ. އެ މަގާމަކުން ސަސްޕެންޑު ކުރުން
- ޕާޓީގެ އިންތިހާބީ މަގާމުތަކަށް ވަކި މުއްދަކަށް ކުރިމަތިނުލެވޭ ގޮތަށް ހަމަޖެއްސުން
- ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑު ކުރުން
- ޕާޓީން ވަކިކުރުން
އެ ފިޔަވަޅުތަކުގެ އިތުރުން ސުލޫކީ އެހެން ފިޔަވަޅެއް އެޅުމުގެ ބާރު ވެސް ޕީއެންސީ މެންބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީއަށް ލިބިގެންވާ ކަމަށް އެޕާޓީގެ އަސާސީ ގަވާއިދުގައި ލިޔެފައިވެ އެވެ.
ގޯހެއް ނެތް!؟ އެކަމަކު ގާނޫނާއި ގާނޫނު އަސާސީގެ ރޫހާ ހިލާފު
ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ނަތީޖާ ބޮލާލައި ޖަހައި ބައެއް ދާއިރާތަކުގައި އެމަނިފާނުގެ އަމިއްލަ ކެންޑިޑޭޓުންތަކަކަށް ކެމްޕޭނު ކުރެއްވުމުގައި އަވަދިނެތި އުޅުއްވާއިރު، ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު ދެއްކެވި ވާހަކަތަކުގައި އޭރު ހުރީ މުޅީން އެހެން ރާގެކެވެ.
ވެރިކަން ދެއްވީ ރައްޔިތުން ކަމަށާއި ވެރިކަން ކުރައްވާނީ ވެސް ރައްޔިތުން އެދޭ ގޮތަށް ކަމަށް ރައީސް އޭރު ލައިވް ޕޯޑިއަމްތަކުގައި ވިދާޅުވަމުން ގެންދެވި އެވެ.
"އަޅުގަނޑުގެ މައްޗަށް ބާރެއް ނުހިނގާނެ އެއްވެސް ބައެއްގެ، ރައްޔިތުންގެ ބާރު އެކަނި ހިނގާނީ، ރައްޔިތުން އަޅުގަނޑު އިންތިހާބުކުރީ، އެެހެންވީމާ މި ދެންނެވީ އެނޫން ގޮތަަކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން،" ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އުފާ ފާޅުކުރައްވަން ސޯޝަލް ސެންޓަރުގައި މިދިޔަ އޮކްޓޯބަރު 2، ގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންނަމަވެސް މިއަދު އެމަނިކުފާނު އަމަލު ކުރައްވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ އިތުރުން ގާނޫނުއަސާސީގެ ރޫހާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ވެސް ހިލާފަށެވެ.
މީގެ 16 އަހަރު ކުރިން 2008 ވަނަ އަހަރު އަމަލު ކުރަންފެށި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބުނެފައި ވަނީ "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި" ކަމަށެވެ. ގާނޫނު އަސާސީގެ މައިގަނޑު މަފުހޫމަކީ ގައުމުގެ ކަންކަން ހިންގުމުގައި ރައްޔިތުންނަށް ބާރު ދިނުމެވެ. ބާރުތައް ވަކިކޮށް ޑިމޮކްރެޓިކް އުސޫލުން ގައުމުގެ ކަންކަން ހިންގުމެވެ.
ގާނޫނުއަސާސީގެ ދަށުން ހެދިފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) ގައި ވެސް އެކަން ވަރަށް ސާފުކޮށް ލިޔެފައިވެ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ މަގުސަދުގެ ގޮތުގައި ލިޔެފައި ވަނީ:
- ވެރިކަމުގެ ނިޒާމުގެ ތެރެއަށް ރައްޔިތުންގެ ބޭނުންތަކާއި ޝުއޫރުތައް ވާސިލުކުރެވޭނެ ގޮތް ހެދުން
- ރައްޔިތުންގެ ހިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަންކުރުމަށް ޖާގަ ދިނުން
- ތަފާތު ވިސްނުންތަކަށް ސިޔާސީ މައިދާނުގައި ޖާގަ ދިނުން
- ހިޔާލު ތަފާތުވުމާއެކު ވެސް އެކީ އެއް ބައެއްގެ ގޮތުގައި ދިވެހި ގައުމު ދެމިއޮތުމަށް ބާރުއެޅުން
- ގައުމުގެ ސިޔާސީ ހަޔާތުގައި ވީހައިވެސް ގިނަ ބަޔަކު ބައިވެރިވުމަށް ފުރުސަތު ދިނުން
- ދައުލަތުގެ އެކިއެކި ކަންކަން ހިންގާނެ މީހުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުން
- ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
- މި އަކުރުގެ (1) ވަނަ ނަންބަރުން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރެވިގެންވާ ކަންކަމުގައި ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތައް ގުޅުވައިދިނުން.
ހަމަ އެ މާއްދާގެ (ށ) ގައި ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މަގުސަދުތައް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައެޅި ބަޔާންވެފައި އޮންނަންވާނެ ކަމަށް ލިޔެފައިވެ އެވެ.
ސިޔާސީ ޕާޓީތައް ހިންގުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގައި އެއްވެސް ޕާޓީއަކުން އެޕާޓީއެއްގެ އަސާސީ ގަވާއިދާ ހިލާފުވެގެން ނުވާނެ ކަމަށް ހުދާއި ކަޅުން ލިޔެފައިވެ އެވެ.
މިހައި ސާފުކޮށް ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އިތުރުން ޕީއެންސީގެ އަސާސީ ގަވާއިދުގައި އިންތިހާބެއްގެ ކަންކަން ތަރުތީބުވެގެން ދާންޖެހޭ ގޮތް ބަޔާން ކޮށްފައި އޮތްއިރު ވެސް ރައީސްގެ އެކަނި ވިސްނުމަށް ކަންކަން ބަދަލު ކުރުމަކީ ޕީއެންސީން ގަބޫލު ކުރާ ގޮތުގައި ހުދުމުހުތާރުވުމެއް ނޫނެވެ.
އަސާސީ ގަވާއިދުގައި ލިޔެފައި އޮތް ގޮތާ ދިމާ އިދިކޮޅަށް ރައީސް މަސައްކަތް ކުރެއްވުން ވެސް އެއީ ޕީއެންސީ ހިންގުމާ މިވަގުތު ހަވާލުވެތިއްބެވި ބޭފުޅުންނަށް ގޯސްކަމެއް ނޫނެވެ.
މިދިޔަ ހޯމަ ދުވަހު ޕީއެންސީގެ ކެމްޕޭނު ތަރުޖަމާނު، ހީނާ ވަލީދު ބާއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އަމަލު ކުރައްވާ ގޮތަށް އިޝާރާތްކޮށް "އަދަދު" ނޫހުގެ ނޫސްވެރިން ސުވާލު ކުރުމުން ހީނާ ވިދާޅުވީ ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ދެ ޕާޓީ ލީޑަރުންގެ މަޝްވަރާއާ އެކުގައި ކަމަށާއި މަޖިލިސް އިންތިހާބަކީ ޕީއެންސީއަށް ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ ރައީސުލްޖުމްހޫރިއްޔާ ތިޔަ ވިދާޅުވި ފަދަ ގޮތަކަށް [އަސާސީ ގަވާއިދާ] ހިލާފުވެވަޑައިގެންނެވި ކަމަކަށް،. އަސާސީ ގަވާއިދާ ހިލާފުވެގެން މިހައިތަނަށް އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ ޝާކުވާއެއް އަޅުގަނޑުމެންނަށް ހުށަހަޅައިފައެއް ނެތް، އަދި އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނެތް އަސާސީ ގަވާއިދާ ހިލާފުވެފައި އޮތް ކަމަށް،" ހީނާ ވިދާޅުވި އެވެ.
"ނޫން އަސާސީ ގަވާއިދާ ހިލާފަކަށް ނޫން އެ މަނިކުފާނު އަމަލު ކުރެއްވީ،"
އެއަށްފަހު ޖެހިގެން އައި އަންގާރަ ދުވަހު ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުން ބާކީ ކުރުމަކީ ހުދުމުހުތާރުވުން ކަމަށް ގަބޫލު ނުކުރައްވަންތޯ "އަދަދު" ނޫސްވެރިން ސުވާލު ކުރުމުން ހީނާ ވިދާޅުވީ އިންތިހާބެއް ކާމިޔާބު ކުރުމަށް އެކި ގޮތްގޮތަށް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
"އެއީކީ ހުދުމުހުތާރު ކަމެއް ކަމަށް އަޅުގަނޑުމެން ނުދެކެން، އަޅުގަނޑުމެން ކުރަން މިއުޅެނީ ސިޔާސީ މަސައްކަތެއް އަދި ސިޔާސީ މަސައްކަތް ކުރުމުގައި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި މަޖިލީހުގެ ގޮނޑިތައް ވިން [ކާމިޔާބު] ކުރުމުގައި ސިޔާސީ ޕާޓީތަކުން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންދާނެ،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ އިސްފަޑީގައި ތިއްބެވި ބައެއްގެ ވިސްނުން އެހެން ހުރި ނަމަވެސް ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކާއި ޕީއެންސީގެ ބައެއް މެންބަރުން އެ ހަމަ ގަބޫލެއް ނުކުރައްވަ އެވެ.
އިދިކޮޅާއި އެއްކޮޅުން ވެސް ބުނަނީ ކަނު ކަލޮޔަށް އިރުވައިހުދު ދައްކަނީކަމަށް!
މި ސަރުކާރު ގެނައުމަށް ރައީސް މުއިއްޒު ފަހަތުލައްވައިގެން މުޅި ރާއްޖޭގައި ކެމްޕޭނު ކުރި، މިހާރުގެ ޕީއެންއެފުން ދެކެނީ ޕީއެންސީގެ އެތައް މެންބަރުންތަކެއްގެ ނިންމުން އޮޅާލައި ރައީސް ތާއީދު ކުރައްވާ ވަކި ކެންޑިޑޭޓުންތަކެއް ހޮވުމަށް މަސައްކަތް ކުރެއްވުމަކީ 21 ވަނަ ގަރުނުގައި ދިވެހީން ބަލައިގަނެފައިވާ ޑިމޮކްރެޓިކް އުރުފުތަކާ ސީދާ ހިލާފު މަސައްކަތެއް ކަމަށެވެ.
ވުޖޫދު ކުރުމުގެ އެންމެ ފަހު މަރުހަލާގައި އޮތް ޕީއެންއެފްގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރު، ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޕީއެންސީ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ތެރޭގައި ވެސް ކަންތައްތައް ކުރަމުންދަނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
"ދިވެހިރާއްޖޭގައި އޮތް، ޑިމޮކްރެސީއަށް ތަބާނުވާ ހަމައެކަނި ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވެގެން މިދަނީ ޕީއެންސީ، ޕީއެންސީގެ ތެރޭގައި މިއޮތީ އޮޓޯކްރެސީ، ޕީއެންސީން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އެ ޕާޓީއަކީ އެ ޕާޓީގެ ލީޑަރަށް ފެންނަ ގޮތެއްގެ މަތިން ހިންގާ ޕާޓީއެކޭ،" ޖަމީލް ވިދާޅުވި އެވެ.
ޕީއެންސީގެ ތެރެއިން ފެންނަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި އެ ޕާޓީގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ނިންމާ ކަމެއްވިޔަސް، އެކަމަކީ ރައީސް މުއިއްޒު ހިތްޕުޅާ ނުވާ ކަމެއްކަމުގައި ވާނަމަ، އެކަމެއް އެއްފަރާތް ކޮށްލުމަށްފަހު ކުރިއަށް ދާތަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް ޕީއެންސީގެ ކެމްޕޭނު ތަރުޖަމާނު އެއްބަސްވެފައިވާކަން ޖަމީލް ފާހަގަކުރެއްވި އެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން ފެނިގެން މިދަނީ އެކި ދާއިރާތަކަށް ޕްރައިމަރީގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޕްރައިމަރީގައި ވާދަކޮށް އިންތިހާބުވެފައިވާ މެންބަރުންތައް އެއް ފަރާތް ކުރުމަށްފަހުގަ ޕާޓީގެ ލީޑަރު ނުވަތަ ޕާޓީ ފަރާތުން ނެރޭ އެއް މެންބަރަކު ކުރިއަށް ނެރެގެން، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުން އިންތިހާބު ކުރާ، ރައްޔިތުންގެ ވޯޓުން ހޮވުނު މެންބަރު އެއްފަރާތް ކުރުމުގެ މި ދެންނެވި މަސައްކަތް ޕީއެންސީ ތެރޭގައި މިދިޔަ ދުވަސްތަކުގައި އަދި މިހާރު ވެސް ތަކުރާރުކޮށް ފެންނަމުންދާކަން،" އޭނާ ވިދާޅުވި އެވެ.
ޖަމީލުގެ އިތުރުން އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ވެސް ވަނީ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުން ތިއްބައި ރައީސްގެ ތާއީދާއެކު ހަމަ އެދާއިރާތަކަށް ކެންޑިޑޭޓުން ނެރެ ކުރައްވަމުން ގެންދަވާ މަސައްކަތަށް ފާޑުކިޔައިފަ އެވެ.
އެމްޑީޕީގެ ކެމްޕޭނު ތަރުޖަމާނު، އަހުމަދު އީސާ ވިދާޅުވީ މިހާރު ޕީއެންސީގެ ތެރޭގައި ކަންކަން ހިނގަމުން ދާގޮތުން ރައީސްއަށް ވެސް ސަރުކާރު ކެންޑިޑޭޓުން ވަކި ކުރަން އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
ތިމަންނަ މީ ސަރުކާރުގެ ކެންޑިޑޭޓޭ ކިޔާފަ ތިބި ފަސް ވަރަކަށް ކެންޑިޑޭޓުން ތިބި ދާއިރާތައް އެބަހުރި، ކޮންމެ ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ ޕޯސްޓަރުގަ ރައީސް ފޮޓޯވެސް އިނދޭ،" އީސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކިހިނެތް ޔަގީން ކުރެވޭނީ ޕީޕީއެމް / ޕީއެންސީގެ ކެންޑިޑޭޓަކީ ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން، ރައީސުލްޖުމްހުރިއްޔާއަށް ވެސް ސަރުކާރު ކެންޑިޑޭޓު ވަކިވާހެނެއް އަޅުގަނޑުމެންނަކަށް ހިއެއް ނުވޭ."
އިދިކޮޅުގެ ފާޑުކިޔުން ރައީސް މުއިއްޒުއަށް އަމާޒުވެފައިވާއިރު، ޕާޓީ ތެރޭގައި ބައިބައިވުން އުފެދި ޕީއެންސީގެ ބައެއް އާންމު މެންބަރުން އެމްޑީޕީއާ ގުޅެމުން ދާކަމަށް ހުދު، ރައީސް މުއިއްޒު ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.
ލ. ގަމު ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ޔޫސުފް ނަޝީދުގެ ކެމްޕޭނު ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީއާއެކުގައި ޕީއެންސީގެ ބައެއް މީހުން ބައިއަތު ހިފަމުން ދިޔުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ހިތާމައަކީ، ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން މިއަދު އެމްޑީޕީއާ އެކުގައި އެބަ ބައިއަތު ހިފާ، އެ ބޭފުޅުންގެ މި އަމިއްލަ މަސްލަހަތު އިސްކޮށްގެން ދާއިރާގެ ގޮނޑިއަށް ގެއްލުން ވާގޮތަށް، މިއީ ސައްހަކޮށް އަޅުގަނޑާ ހަމައަށް ލިބިފައި ހުރި މައުލޫމާތު ވީމާ ހިތާމައާއެކު މިކަން ފާހަގަކުރަން، މިކަން ނުކުރެއްވުމަށް އެދެން،" ރައީސް ވިދާޅުވި އެވެ.
މިއީ ގައުމު އިސްކުރަންޖެހޭ ވަގުތުކަމަށާއި މި ދަނޑިވަޅުގައި ޕީއެންސީގެ ބަޔަކު އެމްޑީޕީއަށް ބައިއަތު ހިފުން އެއީ ނުހިނގާ ކަމަކަށް ހަދައިގެން ހުންނަން ބޭނުން ނުވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަން އިސްލާހު ކުރަން އަދި ވަގުތު އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން މައްސަލަ ޖެހިގެން މިއުޅެނީ، ބައެއް މަދު ދާއިރާތަކެއްގައި، އެކަން އެގޮތަށް ނުކުރެއްވުމަށް ތަކުރާރުކޮށް އަދިވެސް އެދެން، މިކަން ހައްލުކޮށްދެއްވާ. އަޅުގަނޑުމެންގެ ތާއީދު އޮތް، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން، ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންނާ އެކީގައި ކުރިއަށް ވަޑައިގަތުމަކީ އެ ބޭފުޅުންނަށް ކުރެވޭނެ އެންމެ މާތް ކަންތައް،" ރައީސް ވިދާޅުވި އެވެ.
އެ ވާހަކަތަކަށްފަހު ރައީސް ވަނީ ވޭތުވެދިޔަ ހަތަރު މަސްދުވަސް ހިޔާލު ތަފާތުވުމުގައި ދިޔަ ނަމަވެސް، އެކަންތައްގަނޑު ދޫކޮށް، އެކުވެރިވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"މިރެއިން ފެށިގެން ހުރިހާ ހިޔާލު ތަފާތުވުމެއް ދޫކޮށްލައްވާފައި، ޒާތީ ތައައްސުބު އެއްކައިރި ކުރައްވާފައި، ހުރި ކޮންމެ ހިތްހަމަ ނުޖެހުމެއް ވިޔަސް އެއްކައިރި ކުރައްވާފައި ޕާޓީއަށްޓަކައި، ގައުމަށްޓަކައި އަޅުގަނޑަށް ތި ކުރައްވާ އިތުބާރަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިއީ ހިޔާލު ތަފާތުވާންވީ ވަގުތެއް ނޫން ކަމަށާއި އޮންނާންވީ ހެޔޮ ކަންކަމުގައި އެކަތި ގަނޑަކަށް ވުމުގެ އާދަ ކަމަށާއި ރަށުގެ ތަރައްގީ ކުރިމަތީގައި އޮތްއިރު، އެކަން ބޭކާރުކޮށްލުމަކީ ހެޔޮ ކަމަކަށް ނުވާނެ ކަމަށެވެ. މިކަމުގައި ގައުމާއި ދާއިރާ އާއި ރަށުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"[އެ މަސްލަހަތު] އިސްކޮށްގެން އެކުވެރިކަމާ އެކީގައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބު ކުރުމަށް މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ވެރިކަން ބައްޓަން ކުރައްވާނީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށްކަމަށް ވިދާޅުވި ނަމަވެސް މިއަދު އެމަނިކުފާނު އަމަލު ކުރައްވަމުން ގެންދަވަނީ ހަގީގަތާ ހިލާފަށް އެއްޗެއް ތެދު ކުރައްވަން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އަދި އެމަނިކުފާނު ކަންކުރައްވަނީ ހުދުމުހުތާރުކޮށް ނޫން ކަމަށް ޕީއެންސީގެ މަތީ ފަޑިން ގޮވި ކަމުގައިވިޔަސް ރައީސްގެ އަމަލުތައް ހުރީ ދުސްތޫރީ ހަމައިން ވީއްލިފައި ކަމަށް އިދިކޮޅުން ބުނެ އެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް މުއިއްޒު ވާހަކަދެއްކެވި ރާގަށް މިއަދުގެ މަންޒަރު އެއްވެސް ވަރަކަށް ދިމާނުވާ ކަމަށް ބުނުމުގެ ފުރުސަތު ރައީސް އެވަނީ އަމިއްލައަށް ތަނަވަސް ކޮށްދެއްވައިފަ އެވެ.












