އަހުމަދުއާބާދު، އިންޑިއާ (އޭޕްރީލް 5) - އިންޑިއަން ޕްރިމިއާ ލީގުގައި ޕަންޖާބް ކިންގްސް އިން ފޯރިގަދަ ކުޅުމަކަށް ފަހު ގުޖުރާތު ޓައިޓަންސްގެ މައްޗަށް ކުރިހޯދައިފި އެވެ.
މި ފަަހަރުގެ އައިޕީއެލްގައި ޕަންޖާބުން ހޯދި ދެ ވަނަ މޮޅު އެ ޓީމުން ހާސިލްކުރީ، ތިން ވިކެޓުން ގުޖުރާތު ބަލިކޮށްގެންނެވެ. ދިހަ ޓީމު ވާދަކުރާ އައިޕީއެލްގައި ޕަންޖާބް ފަސް ވަނައިގައި އޮތްއިރު، ގުޖުރާތު އޮތީ ހަ ވަނައިގަ އެވެ. ދެ ޓީމުން ވެސް ދެ މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ.
ރޭގެ މެޗުގައި ޓޮސް ދިމާވުމުން، ޕަންޖާބުން ނިންމީ ހޮވާށެވެ. ފުރަތަމަ ކުޅެން އަރައި، ގުޖުރާތުން ވަނީ 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 199 ލަނޑު އެއްކޮށްފަ އެވެ. ގުޖުރާތަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިން އެއް ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން، ޝުބްމަން ގިލް އެވެ. ގިލް ވަނީ ނުބައިނުވެ، 48 ބޯޅައިން 89 ލަނޑު ހަދައިފަ އެވެ. ހަތަރަކަށް ހަ ބޯޅަ ޖެހިއިރު، ހަޔަކަށް ހަތަރު ބޯޅަ ވަނީ ޖަހައިފަ އެވެ.
ގުޖުރާތަށް މި ފަހަރުގެ އައިޕީއެލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސައި ސުދަރްސަން ވަނީ ރޭގެ މެޗުގައި، ނުބައިވިއިރު، 19 ބޯޅައިން 33 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ޕަންޖާބް މޮޅުވީ 19.5 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 200 ލަނޑު އެއްކޮށްގެންނެވެ. މި މެޗުގެ ފަހު އޯވަރު ފޯރިގަދަކޮށް ދިޔައިރު، ޕަންޖާބު މޮޅުވީ ބާކީ އެއް ބޯޅަ އަށް ވެފައި އޮއްވަ އެވެ.
ޕަންޖާބަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ނުބައިނުވެ މެޗު ނިންމާލި ޝަޝަންކް ސިންގް އެވެ. ހަ ވަނަ ބެޓްސްމަނެއްގެ ގޮތުގައި ކުޅެން އަރައި، ޝަޝަންކް ވަނީ 29 ބޯޅައިން 61 ލަނޑު އެއްކޮށްފަ އެވެ.
މި އިނިންގްސްގައި ގުޖުރާތަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، ދެ ވިކެޓް ނެގި ނޫރު އަހުމަދު އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ސަންރައިޒާސް ހައިދަރުއާބާދު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއި ސުޕަ ކިންގްސްއާ އެވެ.












