ވިޝާކަޕަޓްނަމް، އިންޑިއާ (އޭޕްރީލް 4) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި 106 ލަނޑުން ދިއްލީ ކެޕިޓަލްސް ބަލިކޮށް، ކަލްކަތާ ނައިޓު ރައިޑާސް (ކޭކޭއާރް) އިން ލީގު ތާވަލުގެ އެންމެ ކުރިއަށް ޖެހިލައިފި އެެވެ.
އައިޕީއެލް މި ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް އޮތީ އެއް ވަނައިގައި އޮތް ކަލްކަތާ އާއި ދެ ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް އެވެ. ދެ ޓީމުން ވެސް ތިން މެޗުން މޮޅުވެފައިވާއިރު، ކަލްކަތާ ކުރީގައި އޮތީ ނެޓްރަންރޭޓަށް ބަލައިގެންނެވެ.
ކަލްކަތާ އިން ރޭ ދިއްލީ ބަލިކުރިއިރު، 20 އޯވަރުގެ ތެރޭގައި، 272 ލަނޑު ހެދި އެވެ. މިއީ، އައިޕީއެލް ތާރީހުގައި ދެ ވަނަ އަށް އެންމެ ބޮޑު ސްކޯ އެވެ. އެންމެ ގިނަ ލަނޑު އެއްކުރުމުގެ ރެކޯޑް ހެދީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ސަންރައިޒާސް ހައިދަރުއާބާދުންނެވެ. އެއީ، މުމްބައި އިންޑިއަންސް އަތުން މޮޅުވި މެޗުގައި، 277 ލަނޑު ހަދައިގެން، ގާއިމްކުރި ރެކޯޑެވެ. މީގެ ކުރިން، އެ ރެކޯޑް އޮތީ، 2013 ވަނަ އަހަރުގެ އައިޕީއެލް މެޗެއްގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަތުގަ އެވެ. އެ ފަހަރު، ބެންގަލޫރުން ވަނީ 263 ލަނޑު ހަދައިފަ އެވެ.
ޓޮސް ދިމާވުމުން ކަލްކަތާ އިން ނިންމީ ކުޅެން އަރާށެެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 39 ބޯޅައިން 85 ލަނޑު އެއްކުރި، ތަޖުރިބާކާރު ކުޅުންތެރިޔާ، ސުނީލް ނާރާއިން އެވެ. ހަތް ބޯޅަ ހަތަރަކަށް ޖެހިއިރު، ހަތް ބޯޅަ ހަޔަކަށް ވަނީ ޖަހައިފަ އެވެ
މިއީ، ޓީ20 ގައި ސުނިލް ކުޅުނު 501 މެޗުގެ ތެރެއިން އޭނާގެ ސްކޯރިން އެންމެ ރަނގަޅު މެޗެވެ. ސުނިލް ވަނީ މި މެޗުގައި އެއް ވިކެޓް ވެސް ނަގައިފަ އެވެ.
ކަލްކަތާ ޓީމަށް ރޭގެ މެޗުގައި، އަންގްކްރިޝް ރަގުވަންޝީ ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން، އޭނާ ވަނީ 27 ބޯޅައިން 54 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި، ދިއްލީ ޓީމުގެ އަންރިޗް ނޯޓްޖޭ ތިން ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، 17.2 އޯވަރުގެ ތެރޭގައި، ދިއްލީގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ވެސް ހެދުނީ 166 ލަނޑެވެ. މި މެޗުގައި ވެސް އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ އަނިޔާ އަށް ފަހު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ، ރިޝަބް ޕާންޓް އެވެ. ޖެހިޖެހިގެން ދެ ވަނަ މެޗުގައި، ދިއްލީގެ ކެޕްޓަން، ޕާންޓް ވަނީ 50 ލަނޑު ހަދައި، ހާފް ސެންޗަރީ ފުރިހަމަކޮށްފަ އެވެ. ރިޝަބް ނުބައިވީ، 25 ބޯޅައިން 55 ލަނޑު ހަދާފައިވަނިކޮށެވެ. ދިއްލީ ޓީމުގެ، ޓްރިސްޓާން ސްޓަބްސް ވަނީ 32 ބޯޅައިން 54 ލަނޑު ހަދައިފަ އެވެ.
މި އިނިންގްސްގައި، ކަލްކަތާގެ ވަރުން ޗަކްރަވަރުތީ އާއި ވައިބާވް އަރޯޅާ ކޮންމެ ކުޅިންތެރިއަކު ތިން ވިކެޓް ނެގިއިރު، މިޓްޗެލް ސްޓާކް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި، ޕަންޖާބް ކިންގްސް ކުޅޭނީ ގުޖުރާތު ޓައިޓަންސްއާ އެވެ.












