ފިންލޭންޑްގެ ވިއެރްޓޯލާ ސްކޫލެއްގައި ބަޑި ޖަހައި ކުޑަ ކުއްޖަކު އިއްޔެ މަރާލައިފި އެވެ.
ފިންލޭޑް ފުލުހުން ބުނީ ވަންޓާ ސިޓީގައި ހުންނަ ސްކޫލަށް ދިން ހަމަލާގައި ދެ ކުއްޖަކު ޒަހަމްވެގެން ފަރުވާ ދެމުން އަންނަ ކަމަށާއި، ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ތުހުމަތު ކުރެވޭ ކުއްޖާ ހައްޔަރު ކުރީ ސްކޫލާ ދުރު ހިސާބަކުން ކަމަށާއި، ހައްޔަރު ކުރުމަށް އެ ކުއްޖާ ފުރިހަމަ އެއްބާރުލުން ދިން ކަމަށެވެ.

ހަމަލާގައި ޒަހަމްވި ކުދިންގެ ވަނަވަރު މިހާތަނަށް ފިންލޭންޑް ފުލުހުން ހާމަ ކޮށްފައި ނުވި ނަމަވެސް ޒަހަމްވި ކުދިންނާއި، މަރުވި ކުއްޖާގެ އިތުރުން ތުހުމަތު ކުރެވޭ ކުއްޖާ އަށް 12 އަހަރު ކަމަށް ވަނީ ބުނެފަ އެވެ.
"ހާދިސާއަށް ފަހު، މިހާރު އެއްވެސް ނުރައްކަލެއް ނެތް. އިތުރަށް އެއްޗެއް ބުނަން ބޭނުމެއް ނޫން" ވިއާޓޯލާ ސްކޫލުގެ ޕްރިންސިޕަލް ސާރީ ލާސިލާ ރޮއިޓާސްއަށް ވިދާޅުވި އެވެ.
ވިއާޓޯލާ ސްކޫލުގައި 800 ދަރިވަރުން ކިޔަވަމުން އަންނައިރު، އެތަނުގައި 90 ވަރަކަށް މުވަައްޒަފުން މަސައްކަތް ކުރެ އެވެ.










