މުމްބައި، އިންޑިއާ (އޭޕްރީލް 2) - ހަ ވިކެޓުން މުމްބައި އިންޑިއަންސް ބަލިކޮށް ރާޖަސްތާން ރޯޔަލްސް އިން އިންޑިއަން ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މި ފަހަރުގެ އައިޕީއެލްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވުމުގެ ރެކޯޑް އޮތީ ރާޖަސްތާން އަތުގަ އެވެ. ދެ ވަނައިގައި އޮތް ކަލްކަތާ ނައިޓް ރައިޑާސް އިން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އެ ޓީމު ދެ ވަނައިގައި އޮތްއިރު، ތިން ވަނަ މެޗުގައި މާދަމާ ދިއްލީ ކެޕިޓަލްސްއާ ކުޅޭނެ އެވެ.
އައިޕީއެލްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ މުމްބައި މި ފަހަރުގެ މުބާރާތުގައި ހާޑިކް ޕާންޑްޔާގެ ކެޕްޓަންކަމުގައި ކުޅެމުން އަންނައިރު، މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މިއީ، އެ ޓީމަށް އައިޕީއެލްގައި އެންމެ ދަށް ސީޒަނެވެ.
ވަންކެޑޭ ސްޓޭޑިއަމްގައިި ރޭ ކުޅުނު މެޗުގައި، ރާޖަސްތާން އަށް ޓޮސް ދިމާވުމުން އެ ޓީމުން އެރީ ހޮވާށެެވެ.
މުމްބައި އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 125 ލަނޑެވެ. މުމްބައި އަށް ފުރަތަމަ ކުޅެން އެރި، އިޝާން ކިޝަން، 14 ބޯޅައިން 16 ލަނޑު އެއްކުރި ނަމަވެސް، ކުރީގެ ކެޕްޓަން ރޯހިތު ޝަރްމާ އާއި ނަމަން ދީރު އަދި ޑެވާލްޑް ބްރެވިސް ވަނީ ފުރަތަމަ ބޯޅައިން ނުބައިވެފަ އެވެ. ތިން ކުޅުންތެރިންގެ ވިކެޓް ނެގީ ވެސް ޓްރެންޓް ބޯލްޓް އެވެ.
މެޗުގައި މުމްބައި އަށް ހިތްވަރެއް ލިބުނީ ހާޑިކް އާއި ތިލަކް ވަރްމާ ކުޅެން އެރި ފަހުންނެވެ. އެ ގޮތުން ހާޑިކް ވަނީ 21 ބޯޅައިން 34 ލަނޑު ހަދައިފަ އެވެ. އަދި ތިލަކް ވަނީ 29 ބޯޅައިން 32 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި ރާޖަސްތާންގެ ޔުޒްވެންދުރަ ޗާހަލް ވެސް ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނުން ވަނީ، 15.3 އޯވަރުގެ ތެރޭގައި ހަތަރު ކުުޅުންތެރިން ނުބައިވެގެން، 127 ލަނޑު ހަދައި، ހަ ވިކެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ވެސް ރާޖަސްތާންގެ ތަރި އަކީ، ރިޔާން ޕަރާގް އެވެ. ނުބައިނުވެ، ޕަރާގް ވަނީ 39 ބޯޅައިން 54 ލަނޑު ހަދައިފަ އެވެ. މި ފަަހަރުގެ އައިޕީއެލްގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތީ ޕަރާގް އާއި ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ ވިރާތު ކޯލީ އެވެ.
މި އިނިންސްގައި މުމްބައި އިންޑިއަންސްގެ އާކާޝް މާދްވާލް ތިން ވިކެޓް ނެގި އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު ކުޅޭނީ ލަކްނައު ސުޕަ ޖަޔަންޓްސްއާ އެވެ.












