ވިސާކަޕަޓްނަމް، އިންޑިއާ (އޭޕްރީލް 1) - އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައި ރިޝަބް ޕާންޓްގެ މޮޅު ކުޅުމާ އެކު، ދިއްލީ ކެޕިޓަލްސް އިން ރޭ އިންޑިއަން ޕްރިމިއާ ލީގުގައި ޗެންނާއި ސުޕަ ކިންގްސް އަތުން 20 ލަނޑުން މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި، 32 ބޯޅައިން 51 ލަނޑު (ހާފް ސެންޗަރީ) ހެދި ޕާންޓް މި ފަހަރުގެ މުބާރާތުގައި ކުޅެނީ 14 މަސް ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ. އެއީ 2022 ވަނަ އަހަރު ފަހުކޮޅުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާ ހެދި ކުރަން ޖެހުނު އޮޕަރޭޝަންތަކުގެ ސަބަބުންނެވެ.
ޕާންޓްގެ ކެޕްޓަންކަމުގައި ނުކުމެ ދިއްލީ ފުރަތަމަ ދެ މެޗުން ވީ ބައްޔެވެ. އެއީ ރާޖަސްތާން ރޯޔަލްސް އާއި ޕަންޖާބް ކިންގްސް އަތުންނެވެ. އެކަމަކު، ތިން ވަނަ މެޗުގައި މި ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއި ބަލިކޮށްފަ އެެވެ.
ޓޮސް ދިމާވުމުން، ދިއްލީން ކުޅެން އަަރައި 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން 191 ލަނޑު ހެދި އެވެ. ޕާންޓްގެ އިތުރުުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 35 ބޯޅައިން 52 ލަނޑު ހެދި ޑޭވިޑް ވޯނާ އެވެ. މި އިނިންގްސްގައި، ޗެންނާއީގެ މަތީޝާ ޕަތިރާނާ ތިން ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި ޗެންނާއި އަށް 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 171 ލަނޑެވެ. ފުރަތަމަ ދެ މެޗުން މޮޅުވި ޗެންނާއި އަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 30 ބޯޅައިން 45 ލަނޑު ހެދި އަޖިންކިޔާ ރަހާނޭ އާއި 26 ބޯޅައިން 34 ލަނޑު ހެދި ޑަރީލް މިޗެލް އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ، މަހެންދުރަ ސިންގް ދޯނީ ފަހު އޯވަރުތަކުގައި ކުޅެން ނުކުމެ، ނުބައިނުވެ، 16 ބޯޅައިން 37 ލަނޑު އެއްކުރި އެވެ.
މި އިނިންގްސްގައި، ދިއްލީގެ މުކޭޝް ކުމާރު ތިން ވިކެޓް އަދި ހަލީލް އަހުމަދު ދެ ވިކެޓް ނެގި އެވެ.
އިއްޔެ ކުޅުނު އަނެއް މެޗުން ގުޖުރާތު ޓައިޓަންސް އިން ވަނީ ސަންރައިޒާސް ހައިދަރުއާބާދު އަތުން ހަތް ވިކެޓުން މޮޅުވެފަ އެވެ. ޝުބްމަން ގިލްގެ ކެޕްޓަންކަމުގައި ކުޅޭ ގުޖުރާތުން ވަނީ ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ.
އިންޑިއަން ޕްރިމިއާ ލީގުގެ ތާވަލަށް ބަލާއިރު، ހަތަރު ޓީމެއް ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެެވެ. އެއީ، އެއް ވަނައިގައި އޮތް ކަލްކަތާ ނައިޓް ރައިޑާސް، ދެ ވަނައިގައި އޮތް ޗެންނާއި، ތިން ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސްގެ އިތުރުން ހަތަރެއްގައި އޮތް ގުޖުރާތު ޓައިޓަންސް އެވެ. ކަލްކަތާ އާއި ރާޖަސްތާން އަދި މެޗަކުން ބަލިނުވެ އޮތްއިރު، ކުޅުނު ދެ މެޗުން ވެސް ރަނގަޅު މޮޅެއް ހޯދި އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި މުމްބައި އިންޑިއަންސް ބައްދަލުކުރާނީ ރާޖަސްތާން ރޯޔަލްސްއާ އެެވެ.












