ބެންގަލޫރު (މާޗް 30) - ހަތް ވިކެޓުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) ބަލިކޮށް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މި ފަހަރު މުބާރާތުގައި އަމިއްލަ ދަނޑުގައި ކުޅޭ ޓީމުގެ މޮޅުވުމުގެ ސިލްސިލާ އަށް ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ނިމުން ގެނެސްފި އެވެ.
ރޭގެ މެޗާ ހަމައަށް މި ފަހަރުގެ އައިޕީއެލްގައި ކުޅުނު ނުވަ މެޗުން ވެސް މޮޅުވެފައިވަނީ، ހޯމް ޓީމެވެ. އެކަމަކު، ބެންގަލޫރު ދަނޑުގައި އެ ޓީމު ބަލިކޮށް، އެ ޓީމާ ދެކޮޅަށް ކަލްކަތާ އިން ވަނީ އަމިއްލަ ރެކޯޑް ދަމަހައްޓައިފަ އެވެ. ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި އެންމެ ފަހުން، ކަލްކަތާ އިން ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
ކަލްކަތާ އިން ރޭގެ މެޗުގައި ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. ބެންގަލޫރުން ކުޅެން އަރައި، އެންމެ ބޮޑު ތަފާތެއް ދެއްކީ އެ ޓީމުގެ ތަރި، ވިރާތު ކޯލީ އެވެ. މުޅި އިނިންގްސްގައި ވެސް ނުބައިނުވެ ނިންމާލި ވިރާތު ވަނީ 59 ބޯޅައިން 83 ލަނޑު ހަދައިފަ އެވެ. ޖެހިޖެހިގެން ދެ ވަނަ މެޗުގައި، ހާފް ސެންޗަރީ ހެދި ވިރާތު ފެންނަނީ ތަފާތު ފޯމެއްގަ އެވެ.
ބެންގަލޫރުގެ ކެޕްޓަން، ފަފް ޑު ޕްލެސިސް، އަށް ރަނގަޅަށް ނުކުޅެވި، ހަ ބޯޅައިން އަށް ލަނޑު ހެދިދަތަނާ ނުބައިވިއިރު، އެ ޓީމުން ދެން ކުޅެން އެރި، ކެމަރަން ގްރީން ވަނީ 21 ބޯޅައިން 33 ލަނޑު ހަދައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މި އިނިންގްސްގައި، ބެންގަލޫރަށް 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 182 ލަނޑެވެ. ބެންގަލޫރުގެ ގްލެން މެކްސްވަލް ނުބައިކޮށްލަން ލިބުނު ދެ ފުރުސަތުގައި، ކަލްކަތާގެ ސުނިލް ނާރައިން އާއި ރިންކޫ ސިންގް އަތުން ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ވެއްޓުނީ އެވެ. ކަލްކަތާގެ ހަރްޝިތު ރާނާ އާއި އަންޑްރޭ ރަސަލް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ފުރަތަމަ ބޯޅައިން ފެށިގެން ކަލްކަތާ އިން އިތުބާރާ އެކު ކުޅެލި އެވެ. އެ ގޮތުން، ފުރަތަމަ ކުޅެން އެރި ނާރައިން އާއި ފިލް ސޯލްޓްގެ ޕާޓްނާޝިޕުން ތަފާތު ދެއްކި އެވެ. ސޯލްޓް ވަނީ 20 ބޯޅައިން 30 ލަނޑު ހަދައިފަ އެވެ. ނާރައިން 22 ބޯޅައިން 47 ލަނޑު ހަދައި، އެ ޓީމަށް އިތުބާރު ހޯދައިިދިނެވެ. ކަލްކަތާ ކޮޅަށް މެޗު ގެންދަން، އެ ޓީމުގެ ތަރި، ވެންކަޓޭޝް އައިޔަރު ވަނީ މޮޅަށް ކުޅެފަ އެވެ. ވެންކަޓޭޝް ވަނީ 30 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ.
ކަލްކަތާ އިން ނަތީޖާ އަނބުރާލީ، 16.5 އޯވަރުގެ ތެރޭގައި، 186 ލަނޑު އެއްކޮށްގެންނެވެ.
މި ފަހަރުގެ އައިޕީއެލްގައި ފުރަތަމަ ތިން މެޗުން މޮޅުވެފައިވަނީ، އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއި ސުޕަ ކިންގްސް އާއި ރާޖަސްތާން ރޯޔަލްސްގެ އިތުރުން ކަލްކަތާ ނައިޓް ރައިޑާސް އެވެ. ނެޓް .ރަން ރޭޓުން ޗެންނާއި އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ ކަލްކަތާ އެވެ. ރާޖަސްތާނަށް ލިބެނީ ތިން ވަނަ އެވެ.
މުބާރާތުގައި މިރޭ ލަކްނައު ސުޕަ ޖަޔަންޓްސް އިން ކުޅޭނީ ޕަންޖާބް ކިންގްސްއާ އެވެ.












