ޖައިޕޫރު، އިންޑިއާ (މާޗް 29) - ރިޔާން ޕަރާގްގެ މޮޅު ކުޅުމާ އެކު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރާޖަސްތާން ރޯޔަލްސް އިން 12 ލަނޑުން ދިއްލީ ކެޕިޓަލްސް ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު ރާޖަސްތާން ރޯޔަލްސް އަކީ މި ފަހަރުގެ މުބާރާތުގައި ޗެންނާއި ސުޕަ ކިންގްސްގެ އިތުރުން ކުޅުނު ދެ މެޗުން މޮޅުވި ޓީމެވެ. ރާޖަސްތާން ރޯޔަލްސް ކުޅުނު ފުރަތަމަ މެޗުން ވަނީ 20 ލަނޑުން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކޮށްފަ އެވެ.
ސަވާއި މާންސިންގް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ރާޖަސްތާން ޓީމުގެ ތަރި އަކީ ޕަރާގް އެވެ. އޭނާ ވަނީ 45 ބޯޅައިން 84 ލަނޑު ހަދައިފަ އެވެ. ހަޔަކަށް ހަ ބޯޅަ އަދި ހަަތަރަކަށް ހަތް ބޯޅަ ޖެހި އެވެ. ޕަރާގް އަކީ ހަަތަރު ވަނަ ބެޓްސްމަނެއްގެ ގޮތުގައި ކުޅެން ނުކުމެ، އައިޕީއެލްގައި ރާޖަސްތާން ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިން ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 2008 ވަނަ އަހަރު ކިންގްސް އިލެވެން ޕަންޖާބާ ދެކޮޅަށް ނުކުމެ، އޭރު ރާޖަސްތާން ޓީމަށް ކުޅުނު ޝޭން ވަޓްސަން އަތުގަ އެވެ. ވަޓްސަން ވަނީ 49 ބޯޅައިން 76 ލަނޑު ހަދައިފަ އެވެ.
ޓޮސް ދިމާވުމުން ރޭގެ މެޗުގައި، ދިއްލީ ކެޕިޓަލްސް އިން ނިންމީ ހޮވާށެވެ. ރާޖަސްތާން ރޯޔަލްސް ޓީމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 185 ލަނޑު ހެދި އެވެ. ޕަރާގްގެ އިތުރުން އެންމެ ރަނގަޅަށް ކުޅުނީ ރަވިޗަންދަރަން އަޝްވިން އެވެ. އަޝްވިން ވަނީ 19 ބޯޅައިން 29 ލަނޑު އެއްކޮށްފަ އެވެ.
ޖަވާބުގައި ދިއްލީ ކެޕިޓަލްސް އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 173 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެދިނީ 23 ބޯޅައިން 44 ލަނޑު ހެދި ޓްރިސްޓަން ސްޓަބްސް އާއި 34 ބޯޅައިން 49 ލަނޑު ހެދި ޑޭވިޑް ވޯނާ އެވެ.
ދިއްލީ ކެޕިޓަލްސްގެ ކެޕްޓަން، ރިޝަބް ޕާންޓް އަށް 26 ބޯޅައިން ހެދުނީ 28 ލަނޑެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗުގައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބައްދަލުކުރާނީ ކަލްކަތާ ނައިޓް ރައިޑާސްއާ އެވެ.












