ހައިދަރުއާބާދު، އިންޑިއާ (މާޗް 28) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ އިނިންގްސްއެއްގައި އެއްކުރި އެންމެ ގިނަ ޕޮއިންޓްގެ ރެކޯޑާ އެކު، ސަންރައިޒާސް ހައިދަރުއާބާދުން 31 ލަނޑުން މުމްބައި އިންޑިއަންސް ބަލިކޮށްފި އެވެ.
ރަޖީވް ގާންދީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން މުމްބައި އިންޑިއަންސް އިން ހޮވަން އެރުމާ އެކު، ހައިދަރުއާބާދު ޓީމުން ވަނީ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި 30 ކުޅުންތެރިން ނުބައިވެގެން 277 ލަނޑު ހަދައިފަ އެވެ.
މިއީ، އިންޑިއަން ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އިނިންގްސްއެއްގައި ޓީމެއްގެ އެންމެ ރަނގަޅު ސްކޯ އެވެ. މީގެ ކުރިން، އިނިނިންގްސްއެއްގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް އޮތީ 2013 ވަނަ އަހަރުގެ މުބާރާތުގައި، 263 ލަނޑު ހެދި ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަތުގަ އެެވެ.
ފުރަތަމަ ކުޅެން އަރައި، ސަންރައިސާސް ހައިދަރުއާބާދުން ވަނީ ވަރުގަދަ ރޫހެއްގައި މުޅި އިނިންގްސްގައި ވެސް ކުޅެފަ އެވެ. އެ ގޮތުން، އެ ޓީމުގެ ޓްރަވިސް ހެޑް ވަނީ 24 ބޯޅައިން 62 ލަނޑު ހަދައިފަ އެވެ. އަބިޝޭކް ޝަރްމާ 23 ބޯޅައިން 63 ލަނޑު އެއްކުރި އެވެ. މިއީ، ހައިދަރުއާބާދު އަށް މި އިނިންގްސްގައި ރަނގަޅު ފޯމެއްގައި ކުޅެން ފުރުސަތު ލިބުނު ސަަބަބެވެ. އިނިންގްސްގެ އެންމެ ފަހު އޯވަރުތަކުގައި ކުޅުނު، ހައިދަރުއާބާދުގެ ހެއިންރިޗް ކްލާސެން ވަނީ ނުބައިނުވެ، 34 ބޯޅައިން 80 ލަނޑު އެއްކޮށްފަ އެވެ.
މި މެޗުގައި 18 ބޯޅައިން 50 ލަނޑު އެއްކޮށް ޓްރަވިސް އެންމެ އަވަހަށް އެ އަދަދަށް ލަނޑު އެއްކުރުމުގެ ރެކޯޑް ހެދިތާ މާގިނައިރެއްނުވެ، އަބިޝޭކް ވަނީ އެ ރެކޯޑް މުގުރާލައިފަ އެވެ. އެއީ، 16 ބޯޅައިން 50 ލަނޑު ހަދައިގެންނެވެ.
ޖަވާބުގައި ކުޅެން އަރައި، މުމްބައި އިންޑިއަންސް އަށް 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 246 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ތިލަކް ވަރުމާ އެވެ. ތިލަކް ވަނީ 34 ބޯޅައިން 64 ލަނޑު އެއްކޮށްފަ އެވެ. މުމްބައިގެ ކުރީގެ ކެޕްޓަން، ރޯހިތު ޝަރްމާ އަށް 12 ބޯޅައިން 26 ލަނޑު ހެދުނުއިރު، މިހާރުގެ ކެޕްޓަން، ހާޑިކް ޕާންޑްޔާ ނުބައިވީ 20 ބޯޅައިން 24 ލަނޑު ހަދާފައިވަނިކޮށެވެ.
މި އިނިންގްސްގައި ހައިދަރުއާބާދުގެ ޕެޓް ކަމިންސް އާއި ޖޭދާވް އުނާދުކަންތު ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ.
މި ފަހަރުގެ އައިޕީއެލްގައި ކުޅުނު ދެ މެޗުން ބަލިވި ހަމައެކަނި ޓީމަކީ، ފަސް ފަހަރު ޗެމްޕިއަންކަން ހޯދައިފައިވާ މުމްބައި އިންޑިއަންސް އެވެ. މުމްބައި ދެން ކުޅޭ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހު ކުޅޭނީ ރާޖަސްތާން ރޯޔަލްސްއާ އެވެ. މުބާރާތުގައި މިރޭ އޮތީ ރާޖަސްތާން ރޯޔަލްސް އާއި ދިއްލީ ކެޕިޓަލް ކުޅޭ މެޗެވެ.












