ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޒީނާދު އައްޔަނުކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަނު ކުރި ހަބަރު އެޗްޑިއެފްސީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ޕޯސްޓުކުރި އެވެ. އަދި މި ހައިސިއްޔަތުން އޭނާ ވަނީ މިރޭ ހައުސިން މިނިސްޓްރީން އެޗްޑީއެފްސީއާ ހަވާލުކުރި "ހިޔާވެހި ފައިނޭންސިން ސްކީމް" ގެ އެމްއޯޔޫގައި ސޮއިކުރައްވައިފަ އެވެ.
މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ޒީނާދު ވަނީ ފާއިތުވި ފަސް އަހަރު އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވައިފަ އެވެ.
އޭގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ގަވަމެންޓް ލޯން ސްކީމްސްގެ މަގާމާއި ހެޑް އޮފް ބިޒްނަސް ބޭންކިންގެ މަގާމު އޭނާ އަދާ ކުރައްވައިފައިވެ އެވެ. އަދި 2006 އިން ފެށިގެން 2009 އަށް އެޗްޑީއެފްސީގައި ވެސް މަސައްކަތް ކުރެއްވި އެވެ.
އެޗްޑީއެފްސީއަކީ ސަރުކާރުގެ މައިނޯރިޓީ ހިއްސާ (49 ޕަސެންޓު) އޮންނަ ގެދޮރުވެރިކަމުގެ ފައިނޭންސިންއަށް ހާއްސަ ކުންފުންޏެކެވެ. މި ކުންފުނީގައި ދެންތިބްި ހިއްސާދާރުންނަކީ:
- އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) - 18 ޕަސެންޓު
- އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) - 18 ޕަސެންޓު
- އެޗްޑީއެފްސީ އިންޑިއާ - 15 ޕަސެންޓު











