ޗެންނާއި، އިންޑިއާ (މާޗް 27) - އިންޑިއަން ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ޓީމު، ޗެންނާއި ސުޕަ ކިންގްސް މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން ގުޖުރާތު ޓައިޓަންސް އަތުން 63 ލަނޑުން މޮޅުވެއްޖެ އެވެ.
އައިޕީއެލްގެ އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއީ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ، ރޯޔަލް ޗެެލެންޖާސް ބެންގަލޫރު ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި، ރޭ ޗެންނާއީ އިން ކުޅުނީ، މިދިޔަ އަހަރުގެ ފައިނަލުގައި އެ ޓީމު އަތުން ބަލިވި، ގުުޖުރާތާ އެވެ. މި ފަހަރުގެ މުބާރާތުގައި ގުޖުރާތު ފުރަތަމަ މެޗުން ވަނީ މުމްބައި އިންޑިއަންސް ބަލިކޮށްފަ އެވެ. އެކަމަކު، ރޭ ޗެންނާއި ކައިރިން ގުޖުރާތަށް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ.
ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ގުޖުރާތުން ނިންމީ ހޮވާށެވެ.
ޗެންނާއި އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 206 ލަނޑު ހަދައިފަ އެވެ. އެ ޓީމުން އެންމެ ބޮޑު ތަފާތަކަށް ވީ އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި އަރައި، ޓީމުގެ ކެޕްޓަން، ރުުތުރާޖު ގައިކްވާޑް އާއި ރަޗިން ރަވިންދުރަ ދެއްކި ހިތްވަރެވެ. އެ ގޮތުން، ރުތުރާޖު އާއި ރަޗިން ވަނީ ކޮންމެ ކުޅުންތެރިއަކު 46 ލަނޑު ހަދައިފަ އެވެ.
ރޭގެ މެޗުގައި ޗެންނާއި އަށް އެންމެ ގިނަ ލަނޑު ހަދައިދިނީ މޮޅު ކުޅުމެއް ދެއްކި، ޝިވަމް ދޫބޭ އެވެ. އޭނާ ވަނީ 23 ބޯޅައިން 51 ލަނޑު ހަދައިފަ އެެވެ. ފަސް ބޯޅަ ހަޔަކަށް ޖެހިިއިރު، ދެ ބޯޅަ ހަތަރަކަށް ޖަހާފައިވެ އެވެ. ފުރަތަމަ މެޗުގައި ބެންގަލޫރު ކޮޅަށް ވެސް ޝިވަމް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މި އިނިންސްގައި، ގުޖުރާތުގެ ރާޝިދު ހާން ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ގުޖުރާތަށް އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އެ ޓީމުގެ ކެޕްޓަން، ޝުބްމަން ގިލް އަވަހަށް ނުބައިވުމެވެ. ގިލް ނުބައިވީ، ފަސް ބޯޅައިން އަށް ލަނޑު ހަދާފައިވަނިކޮށެވެ. އެ ޓީމަށް، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 143 ލަނޑެވެ. އެންމެ ގިނަ ލަނޑު އެއްކޮށްދިނީ، 31 ބޯޅައިން 37 ލަނޑު ހެދި ސައި ސުދަރްސަން އެވެ.
މި އިނިންގްސްގައި ޗެންނާއިގެ ދީޕަކް ޗާހަރު އާއި މުސްތަފިޒުރް ރަހްމާން އަދި ތުޝާރް ދޭޝްޕާންޑޭ ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ވިކެޓް ނަަގައިފަ އެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ސަންރައިޒާސް ހައިދަރުއާބާދު ބައްދަލުކުރާނީ މުމްބައި އިންޑިއަންސްއާ އެވެ. ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ.












