ރޯދަ މަސް ދެބައިވެ ފަހު ދިހައެއްގެ ދުވަސްތައް ގުނަން ގާތްވެފައިވާއިރު، މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން މަސް މާރުކޭޓުގައި ވެސް އަގުތައް ހުރީ މިދިޔަ ރޯދަ މަހަށް ވުރެ ބޮޑުކޮށެވެ. އެގޮތުން ތަރުކާރީ އާއި މޭވާގެ އިތުރުން އެކި ބާވަތްތަކުގެ މަހުގެ އަގުތައް މިދިޔަ އަހަރަށް ވުރެ ބޮޑެވެ. ބައެއް ބާވަތްތަކުގެ އަގުތައް ހުރީ އަތް ނުފޯރާ ފަށުގަ އެވެ. ދިވެހި ބައެއް އުފެއްދުންތަކުގެ އިތުރުން ބައެއް ކަހަލަ މަހުގެ އުފެއްދުންތައް މާރުކޭޓުން ލިބެން ހުންނަވަރު މަދެވެ.
ތަކެތީގެ އަގު ބޮޑުވެގެން ގޮސްފައި ވަނީ ރަށްރަށުން އަންނަ މުދާތައް އައުން ލަސްވުމާއި މި ފަހަކަށް އައިސް ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ބޮޑުވުމުން ކަމަށް މާރުކޭޓު ގޮޅިތަކުން "އަދަދު" އާ ވާހަކަ ދެއްކި ބައެއް މީހުން ފާހަގަކުރި އެވެ. ނަމަވެސް ބާޒާރުގައި ތިޔާގިވާ ކޮންމެ އެއްޗެއްގެ އަގު އެ ދުވަހަކު ހެޔޮވާކަން ފާހަގަކުރެވެ އެވެ.
މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން މަސް މާރުކޭޓުގައި މަސައްކަތް ކުރާ ފަރާތްތަކުން އެމީހުން ތަކެތި ވިއްކަން ތިބޭ ގޮޅީގެ ޖާގައިގެ ދަތިކަމުގެ ކަންބޮޑުވުން ފާޅުކޮށް، މުދާ ރައްކާކުރަން ބޮޑެތި އުނދަގޫތަކެއް ދިމާވާކަން ވެސް ފާހަގަކޮށްފަ އެވެ. އަދި މުދާތައް ރައްކާކުރާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ސިޓީ ކައުންސިލުން އެ ފަރާތްތައް ޖޫރިމަނާ ކުރާތީ ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ރޯދަ މަސް ފެށުނުއިރު އަގު އަތް ނުފޯރާ ފަށުގައި، މިދިޔަ އަހަރަށްވުރެ އަގު ބޮޑު
ރޯދަ މަސް ފެށުނުއިރު ތަކެތީގެ އަގު ހުރީ އަތް ނުފޯރާ ފަށުގައިކަން ފާހަގަކުރެވެ އެވެ. އެގޮތުން ތަރުކާރީ އާއި މޭވާގެ އަގުތައް ވެސް ހުރީ އުފުލިފަ އެވެ. އަދި ދިވެހި އުފެއްދުންތައް ބާޒާރުން ފުރަތަމަކޮޅު މަދުވެގެންދިޔަ އެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ރޯދަ މަސް ފެށުނުއިރު އެންމެ ޑިމާންޑު ބޮޑު ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 75ރ. އާއި 85ރ. އާ ދެމެދުގެ އަގެއްގަ އެވެ. ނަމަވެސް އަގު މަޑު މަޑުން ތިރިވަމުން ގޮސް މިހާރު 100 ގްރާމު ލިބެން ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ދިވެހި ޖުމްހޫރީ މޭވާ މިފަހަރު ބާޒާރުގައި ވަރަށް މަދުން ލިބެން ހުރިއިރު، ގިނަ ދުވަހު ދިވެހި ޖުމްހޫރީ މޭވާ ނުވެސް ހުރެ އެވެ. ބާޒާރުގައި ލިބެން ހުރީ ލަންކާ، އިންޑިއާ އަދި ޔުގާންޑާގެ ޖުމްހޫރީ މޭވާ އެވެ. އެގޮތުން އޭގެ ކިލޯއެއްގެ އަގު ރޯދަ މަސް ފެށުނުއިރު 150ރ. އަށް ހުރި ނަމަވެސް، މިހާރު އަގު ވަނީ 130ރ. އާއި 140ރ. އަށް ވެއްޓިފަ އެވެ.
އޮރެންޖެއްގެ އަގު ރޯދަ މަސް ފެށުނުއިރު ބާޒާރުން 10ރ. އަށް ލިބެން ހުރި ނަމަވެސް، މިހާރު އަގު ވަނީ 7ރ. އަށް ވެއްޓިފަ އެވެ. އަދި ފެހި އާފަލުގެ އަގު 10ރ. އަށް ހުރިއިރު، ފަހުން 12ރ. އަށް އަގު އެރުމަށްފަހު މިހާރު ވަނީ 8ރ. އަށް ވެއްޓިފަ އެވެ.

މީގެ އިތުރުން ރޯދަ މަސް ފެށުނުއިރު ބާޒާރުން ދޮންކެޔޮ ލިބުން ދަތިވިއިރު، ދޮންކެޔޮ ކިލޯއެއްގެ އަގު 60ރ. އާއި 70ރ. އަށް އަރައިގެންދިޔަ އެވެ. ނަމަވެސް މިހާރު ބާޒާރުގައި ދޮންކެޔޮ ކޮންމެވެސް ވަރަކަށް ތިޔާގި ވެގެންދިޔައިރު، އަގު ހުރީ 35ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ.
"ތަކެތީގެ އަގު މައްޗަށް މިދަނީ ބޯޓުތައް އައުން ލަސްވުމުން. ނަމަވެސް ސްޓޮކު ލިބުމާއެކު އާންމުކޮށް އަގުތައް ވެއްޓޭނެ. އެވްރެޖުކޮށް މިދިޔަ އަހަރަށްވުރެ ތަކެތީގެ އަގު ބޮޑުކަން ފާހަގަކުރެވޭ،" ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި މަސައްކަތް ކުރާ ގާސިމް ހަސަން، 62 ބުނި އެވެ.
ރޯދަ މަސް ފެށެން ގާތްވެފައި ވަނިކޮށް 80ރ. އަށް ލުނބޯ ކިލޯއެއް ލިބެން ހުރުމާއެކު އެސްޓީއޯއިން ޝިޕްމަންޓެއް ގެނެސް ލުނބޯ ކިލޯއެއް 70ރ. އަށް ވިއްކަން ފެށުމާއެކު އަގު ދަށްވި އެވެ. އެގޮތުން ރޯދަ މަސް ފެށުނުއިރު 70ރ. އަށް ލިބެން ހުރި ލުނބޯ ކިލޯއެއްގެ އަގު މިހާރު ވަނީ 60ރ. އާއި 65ރ. އަށް ވެއްޓިފަ އެވެ.
ލެޓިއުސް ކިލޯއެއް ރޯދަ ފެށުނުއިރު 70ރ. އަށް އަރައިގެންދިޔައިރު، ފަހުން އަގު ވަނީ 50ރ. އަށް ވެއްޓިފަ އެވެ. އަދި ޕެއާސް ކިލޯއެއް 120ރ. އަށް ކުރިން ލިބެން ހުރި ނަމަވެސް މިހާރު ވަނީ 80ރ. އަށް އަގު ވެއްޓިފަ އެވެ.
މަހުގެ އަގުތައް އެވްރެޖުކޮށް ހިފެހެއްޓިފައި، ނަމަވެސް ބައެއް ބާވަތްތައް ނުލިބޭ
ރޯދަ މަސް ފެށުނުއިރު މަސް މާރުކޭޓުން ކަނޑު މަސް ކިލޯއެއް 40ރ. އާއި 50ރ. އަށް ލިބެން ހުރިއިރު، ކަންނެލި ކިލޯއެއްގެ އަގު ވެސް ހުރީ އެވަރުގަ އެވެ. ނަމަވެސް ފަހުން އަގު ވަނީ 30ރ. އާއި 35ރ. އަށް އަގު ވެއްޓިފަ އެވެ.
މާރުކޭޓުގައި ރަސްމަސް އާންމުކޮށް ކިލޯ ކިރައިގެން ވިއްކަމުންދާއިރު، ކިލޯއެއް ލިބެން ހުންނަނީ 80ރ. އާއި 90ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި މިއީ މުޅި ރޯދަ މަހުވެސް އަގު ދަށަށް ގޮސްފައި ނުވާ ބާވަތެއްކަން ފާހަގަކުރެވެ އެވެ.
"މިދިޔަ އަހަރާ އަޅާ ބަލާއިރު މަހުގެ އަގަށް މާބޮޑު ތަފާތެއް ނާދޭ. ޑިމާންޑާ އެއްވަރަށް މަސް ފޯރުކޮށްދެވޭ. މަހުގެ އަގަށް ބަދަލު މި އަންނަނީ ކޮލެޓީއަށް ބަލާފައި،" މާރުކޭޓުން ވާހަކަ ދެއްކި ރާމިޒް މުހައްމަދު، 52 ބުންޏެވެ.

ނަމަވެސް ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ރެހި، މާރުކޭޓުން ގިނަ ދުވަސްތަކުގައި ލިބެން ނުހުންނަކަން ފާހަގަކޮށްލެވެ އެވެ. އަދި ލިބެން ހުންނަ ދުވަހަކު ރެހި ޖޯޑެއްގެ އަގު ހުންނަނީ 20ރ. އަށެވެ. މިއީ ކުރިން 5ރ. އަށް ލިބެން ހުންނަ ބާވަތެއްކަން ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން ބާޒާރުގައި ރިންމަސް އަގުހެޔޮކޮށް 1ރ. އަށް އެއްޗެއް ލިބެން ހުންނައިރު ބައެއް ދުވަސްތަކުގައި 2ރ. އަށް ވެސް މަހެއް ލިބެން ހުރެ އެވެ.
"ފަރުމަހުގެ އަގު ބޮޑުވެފައި މިވަނީ މަސް ލިބޭވަރު މަދުވީމަ. މަސް ނުލިބޭ ވަރަކަށް ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އަގު މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ،" މާރުކޭޓުގައި މަސް ވިއްކަން އިން އަބްދުލް މަޖީދު އަހުމަދު، 59 ބުނި އެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ޖާގައިގެ ދަތިކަން ދިމާވުމުގެ ޝަކުވާ
ދަތުރުވެރިންގެ މާރުކޭޓުގައި ޖާގައިގެ ދަތިކަން ދިމާވުމުން އެތަންތަން ހިންގާ މީހުން ވަނީ ޝަކުވާ ކޮށްފަ އެވެ. އެގޮތުން ވިޔަފާރިކުރަން އެކަށީގެންވާ މާހައުލެއް ނުލިބި، ގޮޅިތައް ސާފު ކުރުމާއި، ގޮޅިތަކުގައި އެއްޗެހި ރައްކާ ކުރުމަށް ވެސް އުނދަގޫވާ ކަމަށް ވަނީ ބުނެފަ އެވެ.
ގޮޅިތައް ހިންގާ މީހުން ބުނީ ހަމަޖެހިލައިގެން ވިޔަފާރި ކުރެވެނީ ދެ ގޮޅި އެއްކޮށް ނަގައިގެން ކަމަށާއި، އެހެން ނޫންނަމަ ތަކެތި ރައްކާ ކުރުމަށާއި، ތަކެތި ވިއްކަން ވަރަށް އުނދަގޫވާ ކަމަށެވެ.

"ރަށްރަށުން ގެންނަ މުދާތައް ގޮޅީގައި ސްޓޮކުކުރާ ގޮތާމެދު ސިޓީ ކައުންސިލުން ހިތްހަމަ ނުޖެހޭ ކަންކަން އެބަހުރި. އެމީހުން ބޭނުންވާ ގޮތަށް ސްޓޮކު ނުކޮށްފިނަމަ ޖޫރިމަނާ ކުރޭ. އަހަރުމެންނަށް މިތަނުގައި މުދާތައް ކުޑަ ޖާގައެއްގައި ބަހައްޓައިގެން ވިޔަފާރި ކުރަން ވަރަށް އުނދަގޫ. މިއީ ކޮންމެ ރޯދަ މަހަކު ދިމާވާ ކަމެއް،" އަލީ ރިޒާ ބުނި އެވެ.
މާރުކޭޓުގެ ގޮޅިތައް ހިންގާ މީހުން ބުނީ ވިޔަފާރި ކުރަން އެކަށީގެންވާ މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށާއި، އެމީހުން މިހާރު ވިޔަފާރި ކުރަނީ ވަރަށް ހާލުގައި ކަމަށެވެ.











