ބެންގަލޫރު (މާޗް 26) - އިންޑިއަން ޕްރިމިއާ ލީގުގައި ފަހު އޯވަރުތަކުގައި ދިނޭޝް ކާތިކް ދެއްކި ތަފާތު ކުޅުމާ އެކު، ހަ ވިކެޓުން ޕަންޖާބް ކިންގްސް ބަލިކޮށް، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ފްރެންޗައިސް ލީގުގައި ރޭ ކުޅުނު މެޗުން ބެންގަލޫރުން ކުރިހޯދުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ، 49 ބޯޅައިން 77 ލަނޑު ހެދި، ބެންގަލޫރުގެ ތަރި، ވިރާތު ކޯލީގެ އިތުރުން، ޕްރެޝަރު ވަގުތުގައި އަރައި، ތަފާތު ފޯމެއްގައި ކުޅެލި، ދިނޭޝް ކާތިކް އެވެ. ކާތިކް ވަނީ ރޭގެ މެޗުގައި، ނުބައިނުވެ، 10 ބޯޅައިން 28 ލަނޑު ހަދައިފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން، ބެންގަލޫރު ވަނީ ރަށުންބޭރުގައި، ޗެންނާއި ސުޕަ ކިންގްސް އަތުން ބަލިވެފަ އެވެ. އަނެއްކޮޅުން، ޕަންޖާބުން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ހަތަރު ވިކެޓުން ދިއްލީ ކެޕިޓަލްސް ބަލިކޮށްފަ އެެވެ. މުބާރާތުގައި ރަނގަޅު ރޫހެއްގައި ކުރިއަށްދާން ރޭގެ މެޗުގައި، ބެންގަލޫރަށް އޮތީ މޮޅެއް މުހިންމުވެފަ އެވެ. އެކަމަކު، މިއީ ފަހު އޯވަރާ ހަމައަށް ހިތްވަރުކޮށްގެން ބެންގަލޫރުން ހޯދި މޮޅެކެވެ.

ރޭގެ މެޗުގެ ތެރެއިން ބެންގަލޫރުގެ ވިރާތު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ
ޓޮސް ދިމާވުމުން ބެންގަލޫރުން ނިންމީ ހޮވާށެވެ. ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޕަންޖާބުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 176 ލަނޑު ހެދި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 37 ބޯޅައިން 45 ލަނޑު ހެދި، ޓީމުގެ ކެޕްޓަން ޝިކާރް ދާވަން އެވެ.
މި އިިނިންގްސްގައި ބެންގަލޫރުގެ މުހައްމަދު ސިރާޖާއި ގްލެން މެކްސްވަލް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ބެންގަލޫރު މެޗުގެ ތެރޭގައި ދެމެހެއްޓީ ވިރާތު އެވެ. އޭނާ ނުބައިވީ ބާކީ ހަތަރު އޯވަރު އޮއްވަ އެވެ. ވިރާތު ރޭގެ މެޗުގައި، ހާފް ސެންޗަރީ ހެދިއިރު، މިއީ، އައިޕީއެލް ތާރީހުގައި އޭނާ ހެދި 51 ވަނަ ހާފް ސެންޗަރީ އެވެ. ވިރާތު، ނުބައިވުމުން އެ ޓީމަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވިއިރު، އެކަމުން އަރައިގަނެވުނީ، ކާތިކް އާއި މަހިޕާލް ލޮމްރޯރް ދެއްކި ހިތްވަރުންނެވެ. ކާތިކް ވަނީ، ފަހު އޯވަރު ފެށުނުތަނާ ހެން، ތަފާތު ދައްކައި ބެންގަލޫރު މޮޅުކޮށްދީފަ އެެވެ. ތިން ފަހަރު ހަތަރަކަށް ޖެހިިއިރު، ދެ ފަހަރު ހަޔަކަށް ޖެހި އެވެ.
މުބާރާތުގައި މިރޭ އޮތީ ފޯރިގަދަ ކުރިމަތިލުމެކެވެ. ޗެންނާއީ އިން ބައްދަލުކުރާނީ މިދިޔަ އަހަރުގެ ފައިނަލުގައި އެ ޓީމު އަތުން ބަލިވި ގުޖުރާތު ޓައިޓަންސްއާ ދެކޮޅަށެވެ. ގުޖުރާތުން މި ފަހަރުގެ މުބާރާތް ފެށީ މުމްބާއި އިންޑިއަންސް ބަލިކޮށްފަ އެވެ.












