އަހުމަދުއާބާދު، އިންޑިއާ (މާޗް 25) - ޒުވާން ކެޕްޓަން، ޝުބްމަން ގިލްގެ ކެޕްޓަންކަމުގައި ގުޖުރާތު ޓައިޓަންސް އިން އިންޑިއަން ޕްރިމިއާ ލީގު ކްރިކެޓް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހަ ލަނޑުން މުމްބައީ އިންޑިއަންސް ބަލިކޮށްފި އެވެ.
ގުޖުރާތާ ދެކޮޅަށް، މުމްބައި އިން ނަރެެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު ތިން މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. ރޭގެ މެޗު ހާއްސަވަނީ މި ފަހަރު ގުޖުރާތުގެ ކެޕްޓަންކަން ކުރަމުން އަންނަ ގިލް އަށެވެ. ގިލް އަށް ކެޕްޓަންކަން ލިބުނީ، މިދިޔަ ދެ ސީޒަނުގައި، ގުޖުރާތުގެ ކެޕްޓަންކަން ކުރި ހާޑިކް ޕާންޑްޔާ މުމްބައި އަށް ބަދަލުވުމުންނެވެ.
ރޭގެ މެޗަކީ، ހާޑިކްގެ ކެޕްޓަންކަމުގައި މުމްބައި ކުޅުނު ފުރަތަމަ މެޗެެވެ. ހާޑިކްގެ ކެޕްޓަންކަމުގައި ވެސް ގުޖުރާތުން ވަނީ އަމިއްލަ ދަނޑުގައި މުމްބާއި ބަލިކޮށްފަ އެވެ.
ރޭގެ މެޗުގައި، ޓޮސް ދިމާވުމުން މުމްބައި އިން ނިންމީ ހޮވުމަށެވެ.
ގުޖުރާތުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 168 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 45 ލަނޑު ހެދި ސައި ސުދަރްސަން އެވެ. ސުދަރްސަން ވަނީ ހަތަރަކަށް ތިން ބޯޅަ އަދި ހަޔަކަށް އެއް ބޯޅަ ޖަހައިފަ އެވެ. ގިލް ވަނީ 22 ބޯޅައިން 31 ލަނޑު ހެދިއިރު، ހަތަރަކަށް ތިން ބޯޅަ އަދި ހަޔަކަށް އެއް ބޯޅަ ޖަހައިފަ އެވެ.
މި އިނިންގްސްގައި މުމްބައިގެ ޖަސްޕްރީތު ބުމްރާ ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަަގައިފަ އެެވެ.
ޖަވާބުގައި ކުޅެން އަރައި، މުމްބައި އަށް 20 އޯވަރުގެ ތެރޭގައި ނުވަ ކުުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. މުމްބައި އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 46 ލަނޑު ހެދި ޑެވާލްޑް ބްރެވިސް އެވެ. މުމްބައިގެ ކުރީގެ ކެޕްޓަން، ރޯހިތު ޝަރްމާ ނުބައިވީ، 29 ބޯޅައިން 43 ލަނޑު ހަދައިފައިވަނިކޮށެވެ. ޕްރެޝަރު ވަގުުތުގައި ކުޅެން އެރި ހާޑިކް އަށް ހަތަރު ބޯޅައިން ހެދުނީ 11 ލަނޑެވެ.
ގުޖުރާތުން މި އިނިންގްސްގައި ތަފާތު ދެއްކީ، އުމޭޝް ޔާދަވް އާއި އަޒްމަތުﷲ އޮމަރްޒާއީ އެވެ. ކޮންމެ ކުޅުންތެރިއަކު ވެސް މުހިންމު ދެ ވިކެޓް ނެގި އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ޕަންޖާބް ކިންގްސް އާއި ރޯޔަލް ޗެލެންޖާސް ބެންގަލޫރު އެވެ. ބެންގަލޫރު ވަނީ ފުރަތަމަ މެޗުން ޗެންނާއި ސުޕަ ކިންގްސް އަތުން ބަލިވެފަ އެވެ. ޕަންޖާބް ކިންގްސް ކުޅުނު މެޗުން ވަނީ ދިއްލީ ކެޕިޓަލްސްގެ މައްޗަށް ކުރިހޯދައިފަ އެވެ.












