އެއީ މީގެ 15 އަހަރު ކުރިން 2009 ވަނަ އަހަރެވެ. މާލެ ދުވާ ޓްރެކުގައި ދުވުމަށް ފަހު ޅ. ކުރެންދޫ ދޭލިޔާގެ، ފާތިމަތު އިބްރާހިމް، 29، ގެއަށް ދިޔައީ ދުވަހުގެ ވަގުތުތަކުގެ ތެރެއިން ވަގުތުކޮޅެއް ކަސްރަތަށް ހުސްކޮށްލެވުމުގެ އުފަލާ އެކު އެވެ. އެކަމަކު އުފަލުގެ އިހުސާސްގައި ހޭދަވީ އިރުކޮޅަކު އެވެ. ބޮލަށް އެނބުރުން އަރައި، މޫނު މައްޗަށް އަނދިރި ވެއްޖެ އެވެ.
ހޮސްޕިޓަލަށް ގެންދިޔުމުން، ގޭސްޓްރިކް އެޓޭކެއް ކަމަށް ބުނެ އެރޭ ފަތިސް ވަންދެން ބޭއްވުމަށްފަހު އޭނާ ދޫކޮށްލީ އެވެ. އެހެން ނަމަވެސް އަމިއްލަ ހަށިގަނޑުގައި ކޮންމެ ވެސް ކަމެއް ގޯސްކަމުގެ އިހުސާސް އޭނާއަށް އޭރު ވެސް ކުރެވެ އެވެ. އެކަމަކު، އޭނާގެ ދިރިއުޅުން މި ބަދަލުވަނީކަން ފާތުންއަކަށް ހިތަކަށް ވެސް ނާރަ އެވެ.
ނަމަވެސް، އޭގެ ފަހުން އެކި ފަހަރު މަތިން އިތުރަށް ޑޮކްޓަރަށް ދައްކަން ޖެހުނީ، ފަހުން ފެންނަން ފެށި އަލާމާތްތަކުގެ ސަބަބުންނެވެ.
"އެއް ދުވަހު ހޭލި އިރު އަތަކު ވާތްގެއް ނެތް، ކައިކައި ހުއްޓާ ބަތް ތަށި، ސަމުސާ ވެއްޓޭނެ، ލިޔެލިޔެ އިންދައި ގަލަން ވެއްޓޭނެ، އަތް ނަގަން އުޅޭ ވަރަކަށް އަތް ނުނެގޭ ފަހަރު ވެސް އާދޭ، މަގުމަތިން ހިނގަހިނގާ ހުއްޓައި، ފައި ވެސް ދަމަމުން ހިނގަން ޖެހޭ ފަހަރު ވެސް އާދޭ، ފައިވާން ވެސް ދޫވޭ،" ފާތުންގެ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުންޏެވެ.
ފާތުން ދެވަނަ ފަހަރު ޑޮކްޓަރަށް ދެއްކީ، ނާރުތަކުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށެވެ. އައިޖީއެމްއެޗްގެ އެ ޑޮކްޓަރަށް ގަބޫލުކުރެވުނީ ވަޒީފާގެ މާހައުލުގައި މާ ބުރަކޮށް އުޅޭތީ ފާތުން ސްޓްރެސް ވަނީ ކަމަށެވެ. އެހެންވެ ލަފާ ދިނީ 10 ވަރަކަށް ދުވަހުގެ މުއްދަތަކަށް އެނދުގައި އަރާމު ކުރުމަށެވެ. އެނދުމަތީ އަރާމު ކުރަން ދުވަސްތައް ހޭދަކުރި ނަމަވެސް، ފަހުން ފަހުން ހަމަ އަމިއްލައަކަށް ނުތެދުވެވެ އެވެ.
ފާތުން ދެން ނިންމީ އަވައްޓެރި ސްރީލަންކާއަށް ގޮސް، ސިއްހީ ހާލަތު އިތުރަށް ދެނެގަތުމަށެވެ.
ހަޔާތް ބަދަލުކޮށްލި ބަލީގެ އެނގުން
"ލަންކާއަށް ގޮސް ޑޮކްޓަރުގެ ކޮޓަރިއަށް ރަނގަޅަށް ނުވަދެވެނީސް ޑޮކްޓަރު އަހަނީ ތިއީ ސްޓްރޯކް ޕޭޝަންޓެއް ދޯ އޭ، ފުރަތަމަ ހަމަ ޝޮކެއް ލިބުނީ, ދެން ހިތަށް އެރީ ނޫނެކޭ, ސްޓްރޯކެއް ނުޖެހެއޭ," އޭނާ ކުރި ތަޖުރިބާ ހިއްސާކޮށްދިނެވެ.
ސްކޫލް ދައުރުއްސުރެން އޭނާއަކީ ކުޅިވަރުގައި ހަރަކާތްތެރި، ފިޓު މީހެކެވެ. ސްޓްރޯކް ޖެހުނު ކަމަށް އެ ބުނާ ރޭ ވެސް، ޓްރެކްގައި އޭނާ އަށް ފަހަރު ވަށައި ދުވި އެވެ. މިހާ ދުޅަހެޔޮކޮށް ހުއްޓައި ކުއްލިއަކަށް މިވީ ކޮން ކަމެއް ހެއްޔެވެ؟ މި ސުވާލުތަކުގެ ތެރޭގައި ހުއްޓައި ލަންކާގެ ޑޮކްޓަރަށް ދެއްކުމުން އޭނާ ފުރަތަމަ ވެސް ފާތުން ފޮނުވީ އެމަޖެންސީގައި އެމްއާރުއައި ހެއްދުމަށެވެ. އޭނާއަށް ހުރީ އަސްލު ވެސް ސްޓްރޯކެއް ޖެހިފައިކަން އެ ހިސާބުން އެނގުނެވެ.
ސްޓްރޯކް ޖެހުނީ ކީއްވެގެން ކަން ބަލަން ފާތުން ބޭނުންވި އެވެ. އެހެންވެ، ކުރި ތަހުލީލުތަކުން އެނގުނީ ރުމަޓޮއިޑް އާތްރައިޓިސްއަށް ޕޮޒިޓިވް ވެފައިވާ ކަމެވެ. ފަހު ޓެސްޓަކަށް އޮތީ ލޫޕަސް ޓެސްޓް އެވެ. އެއީ ވަގުތު ނަގައި، މަރުހަލާތައް ދިގު އަދި އަގު ބޮޑު ޓެސްޓެކެވެ. އެކަމަކު ވެސް ސަބަބުތައް އެނގުން މުހިންމުވީތީ، އެ ޓެސްޓް ވެސް ހެދުމަށް، ފާތުން ކޮންމެހެން ބޭނުންވި އެވެ.
"މަސްލްސް އިޝޫ ހުރި ކަން އެނގޭ، ޑޮކްޓަރު މި ބުނަނީ ލޭގެ މައްސަލައެއް ކަމަށް. ޑޮކްޓަރު ބުނެފި ހިނގާށޭ ލޫޕަސް ޓެސްޓު ހަދަން، ވަރަށް އަގު ބޮޑު ވާނޭ, ބޭރަށޭ ފޮނުވަން ޖެހޭނީ, ވަރަށް ގިނަ ދުވަހުންނޭ ލިބޭނީ، ލަންކާއަކުން ވެސް މި ޓެސްޓުތަކެއް ނެހެދެއޭ, އެހެންވިޔަސް ފާތުން ބޭނުންވީ އެ ޓެސްޓު ހަދަން،" އޭނާ ބުންޏެވެ.
ނަތީޖާ ލިބުނުއިރު, ލޫޕަސްއަށް ޕޮޒިޓިވް އެވެ. އެންޓިފޮސްފޮލިޕިޑް ސިންޑްރޮމްއަށް ވެސް ޕޮޒިޓިވް ވެއްޖެ އެވެ. ލޫޕަސްއަކީ ހަށިގަނޑުގެ އޮޓޯއިމިއުން ސިސްޓަމުން ދުޅަހެޔޮ ސެލްތަކަށް ހަމަލާދިނުމަށް މަގުފަހިވާ ބައްޔެކެވެ. ލޫފަސް ޕޭޝަންޓުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި އެންޓިފޮސްފޮލިޕިޑް ސިންޑްރޯމް ހުރެއްޖެ ނަމަ ލޭ ގަނޑުވުމަށް މަގުފަހިވެ އެވެ. އެއީ ވެސް ސްޓްރޯކެއް ޖެހުމަށް މަގުފަހި ކުރުވާ ބައްޔެކެވެ.

ފާތުން; 15 އަހަރު ކުރިން ދިމާވި ހާލަތަކުން މުޅި ދިރިއުޅުން ބަދަލުކޮށް, އެކަމަކު މި ހިތްވަރެއް ނުގުޑާނެ
ލަންކާއިން ޑޮކްޓަރަށް ދައްކާ ނިންމައިގެން ފާތުން އޭނާގެ އާންމު ދިރިއުޅުމަށް އެނބުރި ހިނގައްޖެ އެވެ. އޮފީހަށް ވެސް ނުކުންނަން ފަށައިފި އެވެ. އެކަމަކު ވަރުބަލިކަމެއް ނުފިލަ އެވެ. އަނެއްކާ ވެސް ފާތުން ރާއްޖޭގެ ޑޮކްޓަރަކަށް ދެއްކި އެވެ. ނަމަވެސް އެ ޑޮކްޓަރުގެ ފަރާތުން ލިބުނީ އޭނާ އިތުރަށް މާޔޫސް ކުރުވި ޖަވާބެކެވެ.
"ވަރަށް ބޮޑަށް ވަރުބަލި ވާތީ ރާއްޖޭގެ ޑޮކްޓަރަކަށް ދައްކާލީ. ލޫޕަސް އޭ, ސްޓްރޯކެއް ޖެހުނީއޭ ކިޔާފަ ފައިލް ދިނީ ޑޮކްޓަރު ބަލާލަން. ދިނީމަ ހަމަ އެއްލާލާފަ ބުނީ 'ލޫޕަސްއޭ, ދިވެހިންނަކަށް ލޫޕަސްއެއް ނުޖެހޭނެއޭ' ބުނީމަ ދެން ހިތަށް އެރީ ރަނގަޅަށް ވެއްޖިއްޔާމު ލަަންކާއިން މިސްޑައިގްނޯސް ކުރީއޭ," އަނެއްކާ ވެސް ހައިރާންކުރަނިވި ކަންކަން ތަޖުރިބާކުރިކަން ހިއްސާކޮށްދިނެވެ.
ދެން ތިން މަސް ފަހުން ފޮލޯ-އަޕް އަށް ލަންކާއަށް ގޮސް ފާތުން އެދުނީ އަލުން ލޫޕަސް ޓެސްޓު ހެދުމަށެވެ. އެހާ ގިނަ ދުވަހުން ނަތީޖާ ލިބޭ, އަގު ބޮޑު ޓެސްޓެއް އަލުން ހަދަނީ ކީއްކުރަންތޯ ޑޮކްޓަރު ސުވާލު ވެސް ކުރި އެވެ. އެކަމަކު ވެސް އޭނާގެ ހިތްހަމަޖެހުމަށް ޑޮކްޓަރު ޓެސްޓުތައް އޯޑަރު ކުރި އެވެ. ދެން ވެސް ނަތީޖާއަކަށް ބަދަލެއް ނާދެ އެވެ.
ރާއްޖޭގެ ޑޮކްޓަރާ މެދު އޭނާގެ އުއްމީދު ގެއްލުނީ އެ ހިސާބުންނެވެ.
އާންމު ދިރިއުޅުމަށް އަލުން އައިސް އޮފީހަށް ނުކުމެ މަސައްކަތް ކުރުމާއި ދަރިފުޅުގެ ކަންކަން ބަލަމުން އައިސް، ކޮންމެ ތިން މަހަކުން ޑޮކްޓަރަށް ދައްކަން ދަނީ ލަންކާއަށެވެ. ރާއްޖޭގައި އޭރު އުޅުނު ޑޮކްޓަރުންނަށް އޭނާގެ އިތުބާރު ނެތީމަ އެވެ. އެކަމަކު އެހެން ދަތުރު ކުރުމުގައި ފަހަރަކަށް ވުރެ ފަހަރެއް ވަރުބަލިވެ އެވެ.
"ޑޮކްޓަރު ބުނެފި ތިހެން އަޕް އެންޑް ޑައުން ފްލައި ކުރަންޏާ ސްޓްރޯކް ޕޭޝަންޓަކަށް ވަރަށް ގެއްލުންވާނޭ. ތީގެން ރިކަވާ ވާން ބޭނުން ވަންޏާ ޓްރީޓްމަންޓް އެބަ ނަގަން ޖެހެއޭ. އަތުގެ ވާގިއާ ހުރިހާ އެއްޗެއް މި އޮތް ދަނީ, ދަމުން ދަމުން ގޮސް އެއްވެސް އެއްޗެއްގައި ނުއެއް ހިފޭ އަތަކުންނެއް. އަތަށް ވެސް ހުންނަނީ ދަގަނޑު ސްޓްރިޕްތަކެއް ހުންނަ އަންގި ލައްވާފައި, އިނގިލިތައް ލެނބޭތީ ވަރަށް ހާލުގައި," އޭނާ ކިޔައިދިނެވެ.
ލަންކާއަށް ބަދަލުވާން ފާތުންއަށް މަޖުބޫރު ވެއްޖެ އެވެ. އަމިއްލަ ވަތަނާއި، އާއިލާއާ މާ ދުރުގައި "ވީހާލެއްގައިވާން" ލަންކާ ބަދަލުވީ މި ކަމެއްގައި އޭނާ އުޅޭތާ ތިން އަހަރެއްހާ ދުވަސްވެފައިވަނިކޮށެވެ. އެއީ 2012 ވަނަ އަހަރެވެ. އޭނާގެ ކައިވެނި ވެސް އޭރު ރޫޅިއްޖެ އެވެ. ދަރިފުޅު ބެލޭ ހާލަތަށްވުރެ ބަލިވުމުން ދަރިފުޅު ވެސް ބައްޕައަށް ދޫކޮށްލި އެވެ. ކަން ދިމާކުރި ގޮތުން، ލަންކާގައި އޭރު ދިރިއުޅޭ އޭނާގެ ބޮޑުދައިތައަކާއި ކިޔަވަން ގޮސް ތިބި ކޮއްކޮއިން އަދި ރައްޓެހިންގެ ފަރާތުން އެހީތެރިކަން ވެސް ލިބެމުން ދިޔަ އެވެ.

ފާތުން އިންޓަވިއު ދެނީ; ސްޓްރޯކަކާއެކު ދިރިއުޅުން މުޅިން ބަދަލުވެ ދިޔަ ގޮތް ކިޔައިދިން -- ފޮޓޯ: މިރާޝް/ އަދަދު
އަހަރު ދުވަސް ފަހުން، ފާތުންގެ ހަޔާތަށް އައި އާ ބައިވެރިޔާ މުހައްމަދު ސައީދު ވެގެން ދިޔައީ އޭނާއަށް އާ ހިތްވަރަކަށެވެ.
"މިދޭތެރެއިން ވަރަށް ބަލިވެސްވި, ބަނޑު ވަރަށް ބޮޑަށް ފުއްޕާފައި ހުންނަނީ, އެއްވެސް އެއްޗެއް ނުއެއް ކެވޭ, ވަރުބަލި ވެސް ވަމުން ދަނީ، ލަންކާއިން ބޭސްތަކުގެ ޑޯޒް މާ މަތި ކުރަން ފެށީމާ އިތުރަށް ވަރުބަލިވާން ފެށީ. ފިރިމީހާ ކިޔައިފި ހިނގާށޭ އެހެން ގައުމެއް ވިޔަސް ބަލާލަން، ސިންގަޕޫރަށް ވެސް ދިޔައިން މެލޭޝިޔާއަށް ވެސް ދިޔައިން ތައިލެންޑަށް ވެސް ދިޔައިން," އޭގެ ފަހުން ދަތުރު ދިޔަ ގޮތް ކިޔައިދިނެވެ.
އަނެއްކާ ވެސް ފާތުންއަށް ލިބުނީ ސިހުން ގެނުވި ހަބަރެކެވެ. މި ފަހަރު ތައިލެންޑުން މި ދެއްކި ޑޮކްޓަރުގެ ފަރާތުންނެވެ. ލިވާ ފެއިލް ވަނީ ކަމަށް ބުނެ ހެއްދި ޓެސްޓުތަކުން ދެއްކީ، 21 ޕަސަންޓު ފެއިލްވެފައިވާ ކަމެވެ. ދެން ތައިލެންޑާއި ލަންކާއާ ދެމެދު ދަތުރުކުރަން ޖެހުނީ އެވެ. ދެވަނަ ދަތުރުގައި ޑޮކްޓަރު އެންގީ ދަތުރުކޮށްގެން އެ ފަރުވާ ނުނެގޭނެ ކަމަށާއި ފަރުވާ ކުރެވޭނީ ތައިލެންޑަށް ބަދަލުވެގެން ކަމަށެވެ.
ހަޔާތުގެ އެންމެ އުނދަގޫ ޖެހުނު ތަޖުރިބާ
ތައިލެންޑަށް ބަދަލުވެ ބޭސްކުރަމުން ގެންދަނިކޮށް, 2015 ވަނަ އަހަރު ވެގެން ދިޔައީ ފާތުންއަށް ވަރަށް ހިތްދަތި އަހަރަކަށެވެ.
"ތިމާ އެބަޔަކާ ނުލައި ނުޅޭވޭނޭ ހީކުރެވުންފަދަ ބަޔަކު ވަރަށް ބޮޑަށް ދުރުވެގެން ދިޔައީ. ވަރަށް އެކަނިވެރި, މާޔޫސްވެ, ޑިޕްރެޝަންއަށް ގޮސް, ވަރަށް ބޮޑަށް ވަރުބަލިވެ ގޮތް ގޮތް ވާން ފެށީމައި އޭރު ދެން އިނގޭ މި ދަނީކަން. ވަރަށް ބޮޑަށް ހަށިގަނޑަށް ވެސް ބަދަލުތައް އާދޭ. އެއް ދުވަހު ހޭލިއިރު ނުއެއް ތެދުވެވުނު, އެއްފަޅި ވާގި ގޮސްފައި އޮތީ. އެއްވެސް ވަރަކަށް އަތެއް ފައެއް ގުޑުވައި ނުލެވޭ," އޭނާ ބުންޏެވެ.
އެހިސާބުން ފާތުންއަށް ޖެހުނީ ފުރޮޅުލީ ގޮނޑިއެއްގައި ދުވަސްތައް ހޭދަކުރާށެވެ. ވާގި ނެތުމުގެ ސަބަބުން އޭރު އޭނާއަށް ހިނގާކަށް ނުވަތަ ފައި ނަގާކަށް ވެސް ހަނދާނެއް ނެތެވެ. އެއްގޮތަކަށް ވެސް ނުހިނގި ގޮނޑީގައި އިންނަނީ އެވެ. ތައިލެންޑުގެ ސިރިރާޖް ހޮސްޕިޓަލުން ފާތުން ފަރުވާ ހޯދަމުން ދިޔައީ އެ ހޮސްޕިޓަލުން ލޫޕަސްއަށް ހަދަމުންދިޔަ ދިރާސާތަކަކުން އަލަށް އުފެއްދި ޓްރީޓްމަންޓެއްގެ ދަށުންނެވެ.
ހެނދުނު 7:30 ގައި ހައިޑްރޯތެރަޕީ ފަށައި, އެއް ގަޑިއިރު ހޫނު ޕޫލެއް ތެރޭ ހިނގައި, މޮބިލިޓީ ކަސްރަތުތަށް ކުރެ އެވެ. އެއަށްފަހު ފިޒިއޮތެރަޕީގައި ކަރަންޓު ޝޮކް ދިނުމާއި, ނާވް ޓެންސް ކުރުމާއި, އެކި ކަހަލަ ސްޓިމިއުލޭޝަންސް ދެ އެވެ. އެއަށްފަހު ދަނީ އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީއަށް އަދި ވެކްސް ޓްރީޓްމަންޓަށެވެ. ހައެއްކަ މަސްދުވަހު އޭނާ އުޅުނީ މި ޓްރީޓްމަންޓްތައް ނަގަން ރިހެބިލިޓޭޝަން ސެންޓަރުގަ އެވެ.
ގޮނޑިން ތެދުވަން ފާތުންއަށް ހިތްވަރު ލިބުނީ އެވަގުތު ރިހެބިލިޓޭޝަން ސެންޓަރާ ހަވާލުވެ ހުރި ޕްރޮފެސަރުގެ ފަރާތުންނެވެ. ޕޯލިއޯ ޖެހިގެން އައި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ގޮނޑީގައި އިނދެފައި, އަދި އޭގެ އިތުރަށް އެކްސިޑެންޓެއް ވެސް ވެފައި އިންނަ, ޕްރޮފެސަރު ސިފަ ކޮށްދެމުން ފާތުން ބުނި ގޮތުގައި އެއީ ވަރަށް އިންސްޕަޔަރިން މީހެކެވެ.
"[ޕްރޮފެސަރު] ފާތުންގެ ލޮލާ ލޯ ދިމާކޮށްފައި ބުނީ ބޭނުމީ މި ހޮސްޕިޓަލް [ފާތުންގެ] ގެއަށް ހަދަންހޭ ނޫނީ އަމިއްލަ ގެ، ގެއަށް ހަދަންހޭ ބޭނުމީ. ފާތުން ބުނީ އޮފްކޯސް ގެ އޭ. ބުނީމަ ބުނީ ދެން ޔޫ ހޭވްޓު ވޯކް ފޯ އިޓް އޭ, އިޓް ޝުލްޑް ކަމް ވިތްއިން ޔޫ އޭ, ދެން ޑޮކްޓަރު ކައިރި އެހީ ތި ފަރުވާ މަސައްކަތް ކޮށްފިއްޔާ ކިހާ ދުވަހެއް ވާނެހޭ ކޮޅަށް ހުންނަން. ބުނީމަ ޑޮކްޓަރު ބުނީ އެއް އަހަރޭ," އޭނާ ބުންޏެވެ.

ފާތުން ފުރޮޅުލޫ ގޮނޑީގައި; އެ ދުވަސްތަކުގައި އެންމެ ބޮޑު އެހީއަކަށްވީ ފިރިމީހާ ކަމަށް އޭނާ ބުނޭ
އެ ދުވަހު ކާރުގައި ގެއަށް ދަމުން ފާތުން އަޒުމް ކަނޑައެޅީ ވަގުތުން މަސައްކަތް ފަށައި, ހަ މަސް ދުވަހުގެ ތެރޭގައި ގޮނޑިން ތެދުވުމަށެވެ. ފަރުވާއަށް ހަ މަސް ވީއިރު, އެކަން ހާސިލުވެއްޖެ އެވެ. ތެދުވެގެން ހިނގަން ތައްޔާރު ނޫން ކަމަށް ޑޮކްޓަރު ބުނުމުން ވެސް, އެ ދުވަހު މަސައްކަތް ކޮށްފިއްޔާ ތެދުވެވޭނެކަމުގެ އިހުސާސް ފާތުންއަށް ކުރެވުނެވެ.
"ފާތުން ކިޔައިފިން ފިޒިއޮތެރަޕިސްޓު ކައިރީގައި ޓުޑޭ އައި ވޯންޓުއޭ, ކޭން ޔޫ ޕްލީޒް ލިފްޓް މީއޭ. ބުނީމަ ކޮށިގަނޑެއް ގެނެސްފަ ބުނީ އަމިއްލައަކަށް ތެދުވެފައި ދައްކަބަލާށޯ. ފުރަތަމަ ތެދުވަން އުޅުނުތަނާ ވެއްޓުނީ. ވެއްޓުނީމަ ނަގާ ގޮނޑިއަށް ލައިފި, އެހެން ނުތެދުވެވޭނެ ނޫންހޭ, އެހެން ދުވަހަކުން ޓްރައި ކުރާނީދޯއޭ ސަމާސާއަކަށް ބުނިއިރަށް ފާތުން ބުނީ މިއަދު އަދި ޓްރައި ކުރާނަމޭ. ކިޔާފައި ތެދުވީ. ވަރަށް ހިތްވަރުކޮށްފައި ތެދުވެވުނު," އުފާވެރި އެ ވަގުތުކޮޅުގެ ހަނދާން އާކުުރަމުން އޭނާ ބުންޏެވެ.
ގޮނޑިން ތެދުވެވުމާއެކު ދެން ފެށީ އަސާ ވިއްދައިގެން ހިނގަން އަދި ސިޑިން އަރަން ދަސްކުރާށެވެ.
މި ހުރިހާ ކަމެއްގެ ތެރޭގައި ފާތުންގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ފިރިމީހާ މުހައްމަދު ސައީދެވެ. ފާތުން އެންމެ ބަލިވި ދުވަހު ވެސް ފިރިމީހާ އެންމެ ފުރިހަމައަށް އަޅާލައި, ހިދުމަތް ކޮށްދިނެވެ.
"އެއްވެސް ފަރުވާއަކަށް އެންމެ ދުވަހަކު ވެސް ގަޑިޖެހިގެން ދާކަށް ނުޖެހޭ. ސްޓްރޯކް ޖެހިގެން މިހިސާބަށް އައި އިރު މީހާ ފޮއްސިވެގެން ދުޅަވެފައި, ވަރަށް ބަރުވާނެ. ބަލި މީހަކު ބަލަން އެހާ ފަސޭހައެއް ނުވާނެ. އަދި ޒުވާންވެފައި އެޓިޓިއުޑް ވެސް އަންނާނެ, މީހާ ސްޓްރެސް ވީމަ ރުޅި ގަދަވެސް ވާނެ," އޭނާ ކިޔައިދިނެވެ.
ފިރިމީހާގެ އިތުރުން ފާތުން ހިތްވަރު ހޯދީ ނަމާދާއި ދުއާއިންނެވެ. އެއްވެސް ވަގުތަކު ނަމާދު ދޫކޮށެއް ނުލަ އެވެ. އޭގެ އިތުރަށް ސައިކޮލޮޖިކަލް ސެލްފް ހެލްތް ފޮތްތައް ކިޔައިގެން, އެ ފޮތްތަކުން ފައިދާ ލިބިގަތެވެ.
ގޮނޑިން ތެދުވެ, ކާމިޔާބީއަށް ކުރި ދަތުރު
މިއަދު ފާތުންނަކީ ދަރިވަރުންގެ ލޯތްބާއި ގަދަރު ލިބިފައިވާ ޓީޗަރެކެވެ. މިއަދު އޭނާ ހުރި ހިސާބަށް އާދެވުނީ, ދިރިއުޅުމުގައި ކުރަން ޖެހުނު ހިތްދަތި ތަޖުރިބާތަކުން ހިތްވަރު ލިބިގަނެ ކުރި މަސައްކަތުންނެވެ. ފާތުން ބޭނުންވީ އޭނާގެ ތަޖުރިބާ ލިޔެ, އެހެން މީހަކަށް އެކަމުން ހިތްވަރު ހޯދައިދިނުމެވެ.
ފުރޮޅުލީ ގޮނޑިން ތެދުވުމަށްފަހު އެއް ދުވަހު ބަހުގައި ދަނިކޮށް ފެނުނު ސްކޮލާޝިޕަކަށް އެޕްލައި ކޮށްގެން ސައިކޮލޮޖީގެ ދާއިރާއިން ކިޔަވަން ފެށީ ވެސް އެ މަގްސަދުގަ އެވެ. އޭނާގެ ތަޖުރިބާ ލިޔެ ހިއްސާ ކުރުމަށް އެ ދާއިރާގެ ތައުލީމު ބޭނުންވާތީ އެވެ. އެމެރިކާ ޔުނިވާސިޓީއަކުން ތައިލެންޑުގައި ދިރިއުޅޭ އޭޝިޔާ ޔުނިވާސިޓީގެ ދަރިވަރުންނަށް ހުޅުވައިލި ސްކޮލާޝިޕަކަށް އެޕްލައިކޮށްގެން ފާތުން ފެށީ ބީއޭ އިން ސައިކޮލޮޖީ ކިޔަވާށެވެ.
ސްކޮލާޝިޕްގެ ފަހު އަހަރާ ޖެހުނުއިރު ފާތުންއަށް ޖެހުނީ އަނެއްކާވެސް އިމްތިހާނަކަ ކުރިމަތިލާށެވެ. ދަރިފުޅުގެ ބައްޕަ ނިޔާވުމުން ދަރިފުޅު އެކަނިވީ އެވެ. ދަރިފުޅު ތައިލެންޑަށް ގެނެވޭނެ ގޮތް ނުވުމުން, އޭނާއަށް ޖެހުނީ ކޯސް ދޫކޮށްލާފައި ލަންކާއަށް ބަދަލުވާށެވެ. ދަރިފުޅު އޯލެވެލް ހެދީ ލަންކާގެ ޓިއުޝަން ސެންޓަރަކަށް ދިއުމުގެ އިތުރުން ގޭގައި ފާތުން ކިޔަވައިދީގެންނެވެ. ތައިލެންޑުން ހެދި ކޯސް ދޫކޮށްލުމަށްފަހު ލަންކާއަށް ބަދަލުވެގެން ވެސް ފާތުން ކިޔެވުން ދޫކޮށެއް ނުލަ އެވެ. ލަންކާގައި ހުރެގެން ތުރުކީ ޔުނިވާސިޓީއަކުން ބީއެސްސީ ކިޔެވި އެވެ.

ފާތުން އޭނާގެ ގްރެޖުއޭޝަނުގައި; ކިޔަވަން ނިންމީ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތަކުގައި
އޭގެ ފަހުން އޭނާއަށް ކުރިމަތިލާން ޖެހުނީ އަނެއްކާވެސް އިމްތިހާނަކާ އެވެ. އޭނާގެ ބައްޕައަށް ކެންސަރު ޖެހުނީ އެވެ. ފާތުން އަކީ ލޫޕަސްއަށް ފަރުވާއެއް ނެތުމުން އެ ހުރިހާ އަހަރުތަކެއްގައި ކެންސަރު ބޭސް ކަމުން އައި މީހަކަށްވާތީ, އެކަމުގައި ހުރި ވޭން އޭނާއަށް އެނގެ އެވެ. ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް ބައްޕަ ނިޔާވީ އެވެ. އޭރު ފާތުން ގެންދިޔައީ ސައިކޮލޮޖިކަލް ކައުންސެލިން ދާއިރާއިން މާސްޓާސް ހަދަމުންނެވެ.
"ބައްޕަ ނިޔާވުމާ މި ހުރިހާ ކަމެއްގެ ތެރޭގައި ހިތަށް އެރީ, ވަރަށް ތަޖުރިބާ ކުރެވިއްޖޭ, އައި ލޮސްޓް އަ ލޮޓް އޭ. ދެން އަމިއްލަ ނަފްސަށްޓަކައި ކަމެއް ކުރަންވީ ވަގުތޭ މިއީ. ދިރިއުޅުމުގައި އެމީހަކާ ނުލާ ނޫޅެވޭނީ ހިތަށް އެރި ވަރަށް ގިނަ މީހުން އޭރު ވަކިވެގެން ގޮސްފި. މާބޮޑު މައްސަލަތަކެއް ވެސް ޖެހިގެނެއް ނޫން. އޭގެ ތެރޭގައި މަންމަ ނެތްތާ މަންމަ, ބައްޕަ ނެތްތާ ބައްޕަ ކިޔާހާ ގާތް މީހުން ވެސް ހިމެނޭ. ބޭނުންވީ މާސްޓާސްގެ ޕްރޮގްރާމުން އެއްވަނަ ގެނައުން," ފާތުން ބުންޏެވެ.
އެ ހިތްވަރާއެކު މާސްޓާސްގެ ފުރަތަމަ ސެމިސްޓާގެ ޓެސްޓު ވެސް އޭނާ ހެދީ ބައްޕަގެ ޖަނާޒާއަށް މާލެ އައުމަށްފަހު އެނބުރި ގޮސް އަނެއް ދުވަހެވެ. ޕްރޮގްރާމުން އެއްވަނަ ގެނައުމުގެ އަޒުމުގައި އޭނާ ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން ކިޔެވި އެވެ. ކިޔަވަން އެހެން މީހުން ނުކުރާ މަސައްކަތެއް ކުރަމުން ގޮސް އޭނާ ކަނޑައެޅި ލަނޑުދަނޑި ހާސިލުވެއްޖެ އެވެ.
"ދެން ޕީއެޗްޑީ ހަދަން ފެށިއިރު މި އެނގުނީ ރާއްޖެއިން ޕީއެޗްޑީ ގަބޫލުނުކުރާ ކަން އެހެން ޔުނިވާސިޓީއެއް މެދުވެރިކޮށްގެން ކިޔަވައިގެން. އެއަށް ޖެހުނީ ތުރުކީއަށް ދާން. އެކަމަށް ތައްޔާރުވަމުން ދަނިކޮށް ކޮވިޑް އައީ. ކޮވިޑާއެކު ތައިލެންޑުގައި ސްކޮލާޝިޕުން ހެދި ކޯސް އޮންލައިންކޮށް ކިޔެވޭ ގޮތްވީ. އެންމެ ފަހު އަހަރު ނުކިޔެވި އޮތީ އެހެންވެ އެ ކޯސްވެސް ފުރިހަމަ ކުރީ," އޭނާ ބުންޏެވެ.
ކޮވިޑު ދުވަސްވަރު ލަންކާ ކޮލެޖެއްގައި މަސައްކަތް ކުރަމުން, އޮންލައިންކޮށް ކިޔަވަމުން ދަނިކޮށް ލަންކާގެ ހާލަތު ގޯސްވާން ފެށުމުން ފާތުން ޖެހުނީ ރާއްޖެ ބަދަލުވާށެވެ. އެއީ އެ ދުވަސްވަރު މިނީ ސްޓްރޯކެއް ޖެހުމާއި, ފިރިމީހާ ރާއްޖޭގައި ހުރުމުން, އެކަނި ނޫޅެވޭނެތީއާ ވެސް އެކު އެވެ.
ރާއްޖެ އައިސް ފާތުން ފެށީ ރާއްޖޭގެ ދެ ކޮލެޖެއްގައި ޕާޓް-ޓައިމްކޮށް ކިޔަވައިދޭށެވެ. އެތަނުން އެއް ކޮލެޖުގެ ޑީންގެ މަގާމު ވެސް ލިބުނެވެ. ތިން އަހަރު ރާއްޖޭގައި މަސައްކަތް ކުރުމަށްފަހު އަނެއްކާ ވެސް ފާތުން ވަނީ އިތުރަށް ކިޔަވަން ރާއްޖެއިން ބޭރަށް ދިިރިއުޅުން ބަދަލުކޮށްފަ އެވެ. އެއީ ސައިކޮލޮޖިކަލް މެޑިސިން ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރުމަށް މެލޭޝިޔާއަށެވެ.

ފާތުން; ނަފްސާނީ ސިއްހަތާ ގުޅުންހުރި ސެޝަނެއް ނަގައިދެނީ; އޭނާ މިހާރު ގެންދަނީ އެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަމުން
މިހާރު ބަލި ކޮބާ؟ ނޯމަލް ދޯ؟
ކުރި މަސައްކަތުން މިއަދު ފާތުން ކުރިއަރައިގެން ދާއިރު މީހުން އެންމެ ގިނައިން ކުރާ ސުވާލަކީ މިހާރު އޭނާ ބަލިތޯ އެވެ. ބަލިން ރަނގަޅުވެ ނޯމަލްވީތޯ އެވެ.
"ނޯމަލްއެއް ނޫން. އެއްވެސް ދުވަހަކު އިރު އަރައިގެން ފައި މައްޗަކަށް ނުތެދުވެވޭ ބައި ގަޑިއިރުގެ ރިހުމާއި ވޭނާއި އެ އިހުސާސްކޮށްފައި ނޫނީ. ސްޓްރޯކް ޖެހި 10-12 އަހަރު ވެގެން ދިޔައިރު އެންމެ ދުވަހެއް ވެސް ނުދޭ ގައިގަ ވޭން ނާޅާ. ސްޓްރޯކް ޖެހުމުގެ ސަބަބުން ލިބުނު ނުކުޅެދުންތެރިކަން ފިލައިގެނެއް ނުދޭ," ތުރު ތުރު އަޅާ އަޑަކުން ފާތުން ކިޔައިދިނެވެ.
ބޭރަށް ފެންނަން ނެތަސް ކޮންމެ ދުވަހަކީ ވެސް ފާތުން އޭނާގެ ބައްޔާ ހަނގުރާމަ ކުރާ ދުވަހެކެވެ. ހޮސްޕިޓަލަށް ދާން ނުޖެހޭ މަހެއް ނޯވެ އެވެ. ކޮންމެ ތިން މަހަކުން ހިތުގެ ޓެސްޓުތައް ހަދަން ޖެހެ އެވެ. ދަތުރުކުރަން ހުއްދަ ލިބެނީ 24 ގަޑިއިރު ކުރިން ޓެސްޓުތައް ހެދުމުންނެވެ. އުމުރު ދުވަހަށް ބޭސް ކާން ޖެހެ އެވެ. އެންމެ ގުޅައެއް ވެސް ވައްޓައެއް ނުލެވެ އެވެ. ބޭސް ކޮތަޅު ނުލައި ފާތުންއަށް އެއްވެސް ތަނަކަށް ނުދެވެ އެވެ.
"ކޮންމެ ދުވަހަކު ހޭލާފަ ހިތަށް އަރާ, މިއަދު މީހަކު ހަޅޭއްލަވައިގެންފިއްޔާމު, މީހަކު އަހަރެންދެކެ ހިތްހަމަ ނުޖެހިއްޖެއްޔާ މިއަދު މީ އަހަރެންގެ ފަހު ދުވަސް ބާވައޭ. އެހާވެސް ބައްޔާމެދު ކަންބޮޑުވޭ," އޭނާ ބުންޏެވެ.
ބައްޔާމެދު ކަންބޮޑުވިޔަސް, ބަލި އެނދުގައި އޮވެ މަރުވެދާކަށް ފާތުން ބޭނުމެއް ނުވެ އެވެ. ބޭނުންވަނީ ކަމެއް ކުރަމުން, އެހެން މީހަކަށް ހިތްވަރު ދެމުން, ލިބިފައި ހުރި ތައުލީމުގެ ބޭނުން ހިފަމުން, އެހެން މީހުން ވެސް ގާބިލު ބަޔަކަށް ހަދައިދެމުން އުޅޭށެވެ.












