ޗެންނާއީ، އިންޑިއާ (މާޗް 23) - ދުނިޔޭގެ އެންމެ ފޯރިގަދަ ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މި ފަހަރުގެ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން، ޗެންނާއީ ސުޕަ ކިންގްސް އިން ހަ ވިކެޓުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިކޮށްފި އެވެ.
މަޝްހޫރު ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ބެންގަލޫރުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމަށް 20 އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 173 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޓީމުގެ ކެޕްޓަން، ސައުތު އެފްރިކާގެ ފާފް ޑޫ ޕްލެސިސް އާއި އަނޫޖް ރާވަތު އަދި ދިނޭޝް ކާތިކް އެވެ.
ނުބައިނުވެ، އަނޫޖް ވަނީ 48 ލަނޑު ހަދައިފަ އެވެ. ދިނޭޝް 38 ލަނޑު ހެދިއިރު، ޑޫ ޕްލެސިސް ވަނީ 35 ލަނޑު ހަދައިފަ އެވެ. އެކަމަކު، ޓީމުގެ ތަރި ވިރާތު ކޯލީ ނުބައިވީ 20 ބޯޅައިން 21 ލަނޑު ހެދިތަނުންނެވެ. ޗެންނާއީ ޓީމަށް މުސްތަފިޒުރް ރަހުމާން ވަނީ ހަތަރު ވިކެޓް ނަގައިދީފަ އެވެ.
ޗެންނާއީ އިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ބެންގަލޫރު ބަލިކުރީ، ރޭ ޖަވާބުގައި ކުޅެން އަރައި، 18.4 އޯވަރުގެ ތެރޭގައި 176 ލަނޑު ހަދައިގެންނެވެ. ޗެންނާއީ ޓީމަަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ރަވިންދުރަ ޖަދޭޖާ އާއި ޝިވަމް ދޫބޭ އެވެ. ޖަދޭޖާ ނުބައިވީ، 15 ބޯޅައިން 37 ލަނޑު ހެދިފަހުންނެެވެ. ޝިވަމް ވަނީ ކުޅެން އަރައި، ނުބައިނުވެ، 34 ލަނޑު ހަދައިފަ އެވެ. ޝިވަމް ވަނީ ހަތަރު ފަަހަރު ހަތަރަކަށް އަދި އެއް ފަހަރު ހަޔަކަށް ޖަހައިފަ އެވެ.
ޗެންނާއީގެ ތަރި، މަހިންދުރަ ސިންގް ދޯނީ މި މެޗުގައި ކުޅެން ނުކުންނަން ނުޖެހި އެ ޓީމުން މޮޅުވީ އެވެ. އަނެއްކޮޅުން، 2008 ގެ ފަހުން، ޗެންނާއީ ދަނޑުގައި، މޮޅެއް ހޯދަން ބެންގަލޫރުން ކުރާ އިންތިޒާރު ދިގުލީ އެވެ.
އައިޕީއެލްގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ ޗެންނާއީ އެވެ. އެ ޓީމުން މިދިޔަ އަހަރު ވަނީ ފަސް ވަނަ ފަހަރަށް އައިޕީއެލްގެ ތަށި އުފުލާލައި، މުމްބާއީ އިންޑިއަންސްގެ ރެކޯޑާ ހަމަކޮށްފަ އެވެ.












