ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ރައްދުވާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެ އެސޯސިއޭޝަންގެ އޮފީހަށް އޭސީސީގެ ޓީމަކުން ވަދެއްޖެ އެވެ.
އޭސީސީއިން މީޑީއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ޓީމު މިހާރު ބީއޭއެމްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެ ޓީމުން ދަނީ ބީއޭއެމާ ދެކޮޅަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދަމުން ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދާއި ރައްދުވާ ވަކިވަކި ފަރާތްތަކުގެ ތަފުސީލެއް އޭސީސީއިން ދީފައެއް ނުވެ އެވެ.
އޭސީސީ އިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ވަދެފައި މިވަނީ އެ އެސޯސިއޭޝަނުގެ އިންތިހާބު މި މަހުގެ 22 ގައި ބާއްވަން މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި މިއަދު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމަށްޓަކައި، އެސޯސިއޭޝަނަށް 2 ޖަހާއިރު އައުމަށް ވެސް ވަނީ އިއުލާނެއް މެދުވެރިކޮށް އަންގައިފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގައި (އަސާސީ ގަވާއިދުގައި) ހުރި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް މޫސާ ނާޝިދު (މޫސަ) އަށް ކޮޕަރްޝަންގެ ގިނަ ތުހުމަތުތަކެއް ވަނީ އަމާޒުކޮށްފަ އެވެ.
މި ހުރި މައްސަލަތައް ރަނގަޅުނުކޮށް ބާއްވާ އިންތިހާބެއް ބަލައިނުގަންނާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރު ހިންގަން އިސްކޮށް ތިބި ފަރާތްތަކަށް މި ކަންކަމުގެ މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފަ އެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސް އަށް ފައިދާވާ ގޮތަށް ބޯޅަ ގަތުން (މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވޭ)، މީގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެ އަކުން އެޕާޓްމަންޓް ކުއްޔަން ނަގައި، ކުލި މޫސަ އަށް ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒުވެފަ އެވެ. ގާނޫނާއި ގަވާއިދާ އެއްގޮތަށް ލިޔެކިޔުން ބަލަހައްޓާފައި ނުވުމާއި ބަޖެޓް ނެތް ކަމަށް ބުނެ، މިދިޔަ އަހަރުގެ އަތޮޅު ލީގާއި އޮފީސްތަކުގެ މުބާރާތް ކެންސަލް ކުރިއިރު، އެސޯސިއޭޝަނުގައި ބަޖެޓް ހުރެ، ފަހުން އެ ފައިސާ އެކި ކަންކަމަށް ބޭނުންކޮށް، ކުއްލިއަކަށް 5000 ޓީޝާޓް ގަތުމަށް ބީލަމަށްލި ކަމަށާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮފްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެ އެވެ.
އަދި އެސޯސިއޭޝަންގެ ސާވާ/އާކައިވް އަށް ކުއްލިއަކަށް މައްސަލަ ދިމާވުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ސާވާ/އާކައިވް އަށް ނުވަދެވޭއިރު، މިއީ މެމްބަޝިޕް ފީ އާއި އެހެނިހެން ފައިސާގެ މުއާމަލާތުގެ ރެކޯޑްސް ވެސް ބަލަހައްޓަމުން އަންނަ ސާވާ/އާކައިވް ސްޓޯރޭޖެއްގަ އެވެ. ޓޫރިސްޓް ވިސާގައި ރާއްޖޭގެ މުބާރާތްތަކަށް ބޭރުން އޮފިޝަލުން ގެނައުމާއި އިންވެންޓަރީ އާއި ސްޓޮކް ރަނގަޅަށް ނުބެލެހެއްޓުމަކީ ވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރުގެ ލީޑަޝިޕަށް އަމާޒުވާ ތުހުމަތެކެވެ.
ސްޕޮންސަރުން އަތުން ލިބޭ ފައިސާގެ މައުލޫމާތު ފެންނަން ނުހުުރުމާއި ބެޑްމިންޓަން ކުޅުންތެރިންނަށް އެކި ސްކޮލަޝިޕްތަކުން ލިބޭ ފައިސާތައް ހަރަދުކުރާ ގޮތް ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ނުދާ މައްސަލަ ވަނީ ފެންމަތިވެފައިވާއިރު، މި ކަން ވަނީ އޮލިމްޕިކް ކޮމިޓީ އަށް ވެސް އަމިއްލަ ފަރާތަކުން މައްސަލަ ހުށަހަޅައިފަ އެވެ.













