ރިޕޯޓުއެއް ވާހަކައެއް ރައީސް ދައްކަވަނީ ދުވާލަކު ގޮތަކަށް!

އެއް ވާހަކައެއް ރައީސް ދައްކަވަނީ ދުވާލަކު ގޮތަކަށް!

ރައީސް މުއިއްޒު އެކި ކަންކަމާއި ގުޅިގެން ދައްކަވާ ވާހަކަފުޅު އެކި ފަހަރުގެ މަތިން ބަދަލުވާ ބަދަލުވުމުން ފާހަގަކުރެވޭ އެއް ކަމަކީ ދިގު މުއްދަތަކަށް ދެމިގެންދާ މާސްޓާ ޕްލޭނެއް ބޭނުންވާކަން. ދެގޮތަށް ވާހަކަދައްކާ، ހިޔާލު ތަފާތު ސަރުކާރުތަކާއިއެކު ވެސް، ގައުމު ހިންގޭނީ އޭރުން.

އެއް ވާހަކައެއް ރައީސް ދައްކަވަނީ ދުވާލަކު ގޮތަކަށް!

"ދުވަހަކު ވެސް އަޅުގަނޑު މިއަދާ ހަމައަށް އައިރުގައި، ކެމްޕެއިން ތެރެެއިން ފެށިގެން، ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރުގައި އެންމެ މައުލޫއެއްގައި ވެސް ތަފާތު ގޮތަކަށް ވާހަކަ ދައްކައިފިންތޯ، ނޯންނާނެ ދައްކާފައެއް،" މިދިޔަ ފެބްރުއަރީ 7، ގައި ތ. ވޭމަންޑޫގައި އޮތް ޖަލްސާއެއްގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު މިފަދައިން ރައްދު ދެއްވީ އެކި މަންސަތަކުގައި ރައީސް ދައްކަވާ ވާހަކަތައް ބަދަލުވަމުންދާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ. އެއީ ކުރީގެ ރައީސް އަބްދުالله ޔާމީން މިނިވަން ކުރުމާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާ ގުޅޭގޮތުން ރައީސް ދައްކަވާފައިވާ ވާހަކަތައް ބަދަލުވެފައިވާ ކަމަށް ބުނެ އާންމުންގެ ތެރޭގައި ނުތަވަސްކަން ބޮޑުވުމުންނެވެ.

އެކަމަކު، ރައީސްގެ ވާހަކަ ބަދަލުވަމުންދާކަން، މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް މުއިއްޒުގެ ކެންޑިޑޭންސީ އިއުލާނުކުރުމުން ފެށިގެން މިއަދާއި ހަމައަށް ދެއްކެވި ވާހަކަފުޅުތަކާއި ވެވަޑައިގަނެފައިވާ ވައުދުތައް ބަލާނަމަވެސް ފާހަގަވެ އެވެ. އެއް ދުވަހު ދައްކަވާ ވާހަކަ އާއި އަނެއް ދުވަހު ދައްކަވާ ވާހަކައިގަ ތަފާތުތަކެއް ހުރެ އެވެ.

ކުރީގެ ރައީސް ޔާމީނު މިނިވަން ކުރުމުގެ ވައުދު

ރިޔާސީ އިންތިހާބުގައި އެ ކޯލިޝަނުގެ ކެންޑިޑޭޓަކީ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމު ކަމަށް ބުނެ, ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޔާމީނަށް ކެންޑިޑޭންސީ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އޮގަސްޓު 3، 2023، ގަ އެވެ.

އެއާއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރަން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހެޅި އެވެ.

ނަމަވެސް އޮގަސްޓު 6، 2023، ގައި ޔާމީނުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުވުމުން، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅުއްވާފަ އެވެ.

އޭރު އެ ކޯލިޝަނުގެ ބެކްއަޕް ޕްލޭނަކީ ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމެވެ. އަދި އެގޮތަށް ނިންމައި އޮގަސްޓު 3، 2023، ގައި ޕީޕީއެމުން ވަކިވެވަޑައިގަނެ، ޕީއެންސީއަށް ގުޅިވަޑައިގަތް އޭރުގެ މާލޭގެ މޭޔަރު ރައީސް މުއިއްޒު ސެނެޓު މެދުވެރިކޮށް ނެގި ޕްރައިމަރީ ކާމިޔާބުކުރެއްވި އެވެ.

ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވީ ވެސް "ރައީސް ޔާމީނު އެންޑޯޒް ކުރައްވާފައިވާ ކެންޑިޑޭޓު" ގެ ގޮތުގަ އެވެ. ކެމްޕެއިނު ޖަލްސާތަކުގައި އެންމެ ބޮޑަށް ދެއްކެވީ ވެސް ޔާމީނުގެ ވާހަކަ އެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރާއްޖެއަށް ގެނައި ތަރައްގީގެ ވާހަކަ އެވެ.

ޔާމީނު މިނިވަންކުރެވޭނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސްގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ވެސް އެއީ އެވެ. ރައީސް ޔާމީނު މިނިވަންކުރުމެވެެެ.

ރިޔާސީ ކެމްޕޭނުގައި ހަމައެކަނި ރައީސް މުއިއްޒުގެ ދޫފުޅުން ޔާމީނަށް 749 ފަހަރު މުހާތަބު ކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ "ރައީސް ޔާމީނު" މިހެން ވިދާޅުވި 359 ފަހަރާއި "ރައީސް އަބްދުﷲ ޔާމީނު" މިހެން ވިދާޅުވި 165 ފަހަރާއި ޔާމީނަށް ނިސްބަތްކުރައްވާ "އެމަނިކުފާނު" ކަމަށް ވިދާޅުވި 225 ފަހަރެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު, ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށި އެވެ.

ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އޮތީ ފުދިއްޖެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ކަމުގައި ކުރިން ހުންނެވި މުހައްމަދު ޝަހީބު ޑިސެމްބަރު 28، 2023، ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ. ނަމަވެސް، އެމަނިކުފާނު ހުންނެވީ ގޭބަންދުގަ އެވެ.

"ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރު، އެ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވަރަށް ސާފު އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނިއްޔޭ، ސަރުކާރުން ޖުޑީޝަރީ ތެރެއަށް އަތެއް ނުބާނަމޭ. ކޯޓުތަކުގެ ތެރެއަށް އަތެއް ނުބާނާނަމޭ، ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމާ އެ ދުވަހުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެއޮތީ ނިމިފައި. އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި،" ޝަހީބު އެދުވަހު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ވައުދު

އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބުނަމުން ދިޔައީ ރާއްޖޭގައި އިންޑިއާގެ އެތައް ހާއްސަ ސިފައިން ތިބި ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެންމެ ބޮޑަށް ވިއްކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ވާހަކަ އެވެ.

ސަރުކާރުން ފެބްރުއަރީ 2، ގައި ހާމަކުރި ގޮތުގައި ރާއްޖޭގައި މި ވަގުތު ތިބީ ހެލިކޮޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި އިންޑިއާގެ 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަ ވެގެން ތިބި 25 ސިފައިންނެވެ. ދެން އިތުރަށް ތިބީ ސެނަހިޔާ އަސްކަރީ ހޮސްޕިޓަލުގައި ބަލި މީހުން ބަލައި އިންޑިއާ ސިފައިންގެ ޑޮކްޓަރުންނެވެ.

"އިންޑިއާ އައުޓު" ގެ ވައުދާއެކު އިންތިހާބުވި މި ސަރުކާރުން އިންޑިއާއާއެކު ޖެނުއަރީ 14، ގައި ބޭއްވި ވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗު 15، ގެ ކުރިން ގެންދިޔުމަށް ހުށަހެޅި އެވެ. ނަމަވެސް، އެ ތާރީހު މެއި 10، އަށް ބަދަލުކުރަން ދެ ގައުމުން އެއްބަސްވި އެވެ.

"މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ވަނީ ހުށަހަޅުއްވައިފަ. ސަރުކާރުން، ރައީސް އޮފީހުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ އެޖެންޑާއަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފަ. އެ މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު ކުރިއަށްދަނީ،" ޖެނުއަރީ 14، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕޮލިސީ ޑިރެކްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި އެވެ.

މަތިންދާ ބޯޓާއި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ތިބި އަސްކަރީ މީހުން ގެންދިޔުމަށް ފަހު މަދަނީން ތިބުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ޖެނުއަރީ 14، ގައި ބޭއްވި ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖޭން ހުށަހެޅި އެވެ.

އެއާއެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލަނީ ނޫން ކަމަށާއި ޔުނިފޯމް ބާލާފައި އަލުން އަންނަނީ ކަމަށް ބުނެ އާންމުންގެ ބައެއް މީހުން ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށި އެވެ. އަދި އާންމުންގެ ތެރޭގައި އެމީހުން އުޅުމަކީ މާ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރި އެވެ.

ރަސްމީ ދަތުރެއްގެ ނަމުގައި މާޅޮސް މަޑުލަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ބ. އޭދަފުށީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ އިންޑިއާ ސިފައިން ރާއްޖޭން ފޮނުވައިލުމުގެ މަސައްކަތް އޮތީ ކާމިޔާބުވެފައި ކަމަށް ވިދާޅުވެފަ އެވެ. އަދި ފާޑުކިޔުންތަކަށް އެމަނިކުފާނު ރައްދު ދެއްވި އެވެ.

އޭގެ ފަހުން ރައީސް ތަކުރާރުކުރެއްވީ އިންޑިއާ ސިފައިން ފައިބާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ކުރިން ވެސް ދެއްވާފައިވާ ތާވަލެވެ. އެއީ މާޗް 10، ގައި އެއް ބެޗް ފޭބުމާއި މެއި 10، ގެ ކުރިން އަނެއް ބެޗް ފޭބުމެވެ.

"ދެން މިކަން ވެސް އަޅުގަނޑުމެންނަށް ކުރެވޭތީ އަނެއްކާ ވެސް ދޮގުހަދާ މީހުންނަށް މި އާދަވެފައި ހުންނަނީ ދޮގު ހަަދަން. އެމީހުން އެ ފައިބަނީއެއް ނޫނޭ، ޔުނިފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީއޭ، މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކުއުފައްދައި، ދޮގު ފެތުުރުމަކީ އަޅުގަނޑުމެން ފުރުސަތު ދީގެން ވާނެކަމެއް ނޫން،" މަދަނީ މީހުންގެ ނަމުގައި "ކުލަ ހެދުމުގައި" އިންޑިއާއިން އަންނާނީ ސިފައިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވި އެވެ.

އެ ޖަލްސާގައި އެމަނިކުފާނު އެދިވަޑައިގަތީ "ލޯކުރިމަތިން ފެންނަ ހަގީގަތް" ގަބޫލުކުރާ ބަޔަަކަށް ވުމަށެވެ. ކަމަކާ ބެހޭ ގޮތުން އެމަނިކުފާނު ވާހަކައެއް ދައްކަވާ ނަމަ އެ ވާހަކައެއް ދައްކަވާނީ ކަންކުރައްވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ އަަޅުގަނޑު މިދަންނަވާ ކޮންމެ ކަމެއް ވެސް މި ދަންނަވަނީ، އެކަމެއް ކުރަން ނިންމައި ކުރަމުންދާ ގޮތަށް، އެހެންވީމާ 10 މޭ އާ ހަމައަށް ދާއިރު ގައި އިރާދަކުރެއްވިއްޔާ ރާއްޖޭގައި ނުތިބޭނެ އިންޑިއާ ސިފައިންނެއް. އެއީ ޔުނީފޯމްގައިތޯ، ކުލަހެދުމުގައިތޯއެއް ނޫން، އެއްވެސް ކަހަލަ ހެދުމެއްގައި އިންޑިއާ ސިފައިންނެއް [އަދި] އެއްވެސް ގައުމެއްގެ ސިފައިންނެއް މިރާއްޖެއަކު ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން އަންނަ މަދަނީ މީހުންގެ ފުރަތަމަ ގްރޫޕް ފެބްރުއަރީ 26، ގައި ވަނީ ރާއްޖެއަށް އައިސްފަ އެވެ. އެކަމަކު އެއީ ކިތައް މީހުން ކަމެއް ޑިފެންސް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުން

ބޯހިޔާވަހިކަމކީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ. ތޮށްޖެހިފައިވާ މާލޭގައި ދަތި ހާލުގައި ދިރިއުޅޭ ރައްޔިތުން ތިބީ އެފަދަ ހިޔާވަހިކަމަކަށް އެދި އެދި އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރީ ސަރުކާރުން "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި އަދި ބިން ދިނުމުގެ މަޝްރޫއެއް ފެށި އެވެ.

ގެދޮރޮވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޭ 4,000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރުނީ ވެރިކަން ނިމެން 13 ދުވަހަށް ވެފައި އޮއްވައި ނޮވެމްބަރު 4، 2023 ގަ އެވެ. އެއީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ.

ސަރުކާރު ބަދަލުވާން ވަގުތު ކުޑަތަންވެފައި އޮއްވައި އިއުލާނުކުރި ފްލްޓު ލިސްޓާއެކު ގިނަ ބަޔަކު ކުރި ތުހުމަތަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް ގޯއްޗެއް ވެސް ފްލެޓެއް ވެސް ނުދޭނެ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މުއިއްޒު އޭރު ވިދާޅުވީ އެ ސަރުކާރުން ދީފައި އޮތް "ގޯއްޗެއް ފްލެޓެއް އަތުނުލައްވާނެ" ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް މި ވާހަކަތައް ދައްކާއިރު ވެސް ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތްކުރޭ. އަޅުގަނޑުމެންނެއް ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް އަދި ލިބެން އޮތް އެއްޗެއް ވިޔަސް އަތެއްނުލާނަން. އެއީ ފްލެޓެއް ކަމުގައި ވިޔަސް، ގޯއްޗެއް ކަމުގައި ވިޔަސް، ވަޒީފާއެއް ކަމުގައި ވިޔަސް، އެހެން މަޝްރޫއެއްް ކަމުގައި ވިޔަސް އަތެއްނުލާނަން،" މާލޭގައި ސެޕްޓެމްބަރު 14، 2023 ގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު 54 ޕަސެންޓު ވޯޓުން ކާމިޔާބުކުރައްވައި، ނޮވެމްބަރު 17، 2023, ގައި އެމަނުކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވި އެވެ. އެއަށްފަހު ޑިސެމްބަރު 5، 2023، ގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެމަނިކުފާނު ދެއްވީ އެ ޔަގީންކަމެވެ.

ފްލެޓް ލިސްޓްގައި ހެޔޮގޮތުގައި ހިމެނުނު އެއްވެސް މީހަކަށް ފްލެޓް ނުގެއްލޭނެ ކަމަށެވެ. ގެޒެޓް ކުރި ލިސްޓްތަކުގައި ހިމެނޭ މީހުންގެ ތެރެއިން ލިއުމެއް ނުލިބި ހުރި މީހުންނަށް ވެސް ފްލެޓާއި ގޯތި ލިބޭނެ ކަމަށް ވެސް ސާފުކޮށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަސްމީކޮށް ގެެޒެޓްކޮށްފައި އޮވެއްޖެއްޔާ އެމީހާއަށް އެއޮތީ [ފްލެޓް ނުވަތަ ގޯތި] ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް، ރަޖިސްޓްރީ ނުހެދި ވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް، އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން މިކަމާއި މެދު ވަނީ ޝައްކު އުފެދިފަ އެވެ.

ގެޒެޓްކުރި ލިސްޓްތަކަށް ފްލެޓާ ގޯތި ލިބޭނެ: ރައީސް

"އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ގެދޮރުވެރިޔާ ފްލެޓަށް ޝަރުތުހަމަވެ، ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިން ފެބްރުއަރީ 5، 2024، ގައި ބުންޏެވެ.

އޭސީސީން އެ މައްސަލައިގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓުކަމަށް އޭސީސީން މައުލޫމާތުދިނެވެ.

ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތަކެވެ. އެއީ ޖުމްލަ ފޯމުތަކުގެ 70 ޕަސެންޓެވެ. އޭގެ އިތުރުން ޕޮއިންޓު ދިނުމުގައި މައްސަލަ ހުރި ފޯމުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ބައެއް ފޯމު ވެސް ހިމެނެ އެވެ.

އޭސީސީގެ ނިންމުމަށްފަހު ފެބްރުއަރީ 10، ގައި ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޝަރުތު ހަމަވެ އިތުރު މައްސަލައެއް ނޫޅޭ ފޯމުތަކުގެ ލިސްޓެއް އޭސީސީން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް އެއްކުރި މައުލޫމާތުގެ އަލީގެ އެކުލަވާލާފައިވާ ލިސްޓެއް ކަމަށްވާތީ، އަލުން ފްލެޓު ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލަން ނިންމީ ކަމަށް ސަރުކާރުގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފްލެޓް ލިސްޓް: ދެއްކި ވާހަކައާއި އެންމެ ފަހުން ވީގޮތް!

އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް މުއިއްޒު ސާފުކޮށް ވިދާޅުވީ އެއްވެސް ލިސްޓަކަށް ބަދަލު ނައިސް ފްލެޓާއި ގޯތި ލިބޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ރާގު ބަދަލުވެ މިހާރު ދައްކަނީ ލިސްޓެއް އެކުލަވާލާ ވާހަކަ އެވެ.

ފެބްރުއަރީ 13، ގައި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހައުސިން މިނިސްޓަރު، އަލީ ހައިދަރު ހާޒިރު ކުރުމުން ވިދާޅުވީ 4،000 މީހުންގެ ފުލެޓު ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް އޭސީސީން ނިންމި 20 ޕަސެންޓު މީހުންނަށް ފުލެޓުތައް ދޫކުރަން ފަށާނެ ކަމަށެވެ.

ނަމަވެސް ފުލެޓު ދޫކުރުމުގެ މަސައްކަތް ނުފަށައި އޮއްވައި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދިޔަ "އަހާ" ފޯރަމްގައި ރައީސް މުއިއްޒު ވަނީ ފުލެޓުތަކަށް ކުރިމަތިލީ މީހުންގެ ލިސްޓު ރިވިއު ކުރަން މިނިވަން ކޮމެޓީއެއް އެކުލަވައިލާނެ ކަމަށް ވިދާޅުވެފަ އެވެ.

ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ލިސްޓްގައިވާ އެއްވެސް މީހެއްގެ ފްލެޓް ބާތިލުނުކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ބަޔަކު ވަނީ ޕެޓިޝަނެއް ވެސް ލާފަ އެވެ. އެ ޕެޓިޝަނާ މެދު ގޮތެއް ނިންމަން ޕަބްލިކް ފޯރަމެއް ބާއްވަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ ނިންމާފަ އެވެ.

އެ ފޯރަމް ބާއްވާނީ ފްލެޓް ދިނުން ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކާއި ހައުސިން މިނިސްޓްރީގެ އޮފިޝަލުންނާއި އެ މިނިސްޓްރީގެ ކުރީގެ އޮފިޝަލުން ވެސް ބައިވެރިކޮށްގެންނެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުން

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރި އިރު، ގޯތި ދިނުމުގައި ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށް ފެބްރުއަރީ 7، ގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ.

އޭސީސީން ތަހުގީގު ކުރަމުންދަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ މަރުހަލާ ތެރޭގައި ހިނގާފައި ހުރި ކަންކަމެވެ.

"އަޅުގަނޑުމެން ބަލަމުން ދަނީ ގޯތި ދިނުމުގެ ޕްރޮސެސްގެ ތެރޭގައި ހިނގާފައި ހުރި ކަންތައްތަކެއް، މިވަގުތަށް ކުރިއަށްދާ މައްސަލައެއް ވީމާ އިތުރު ތަފުސީލެއް ހާމަ ކުރެވޭކަށް ނެތް،" އޭސީސީގެ މީޑިއާ އޮފިޝަލް، ހަސަން މަނިކު ވިދާޅުވި އެވެ.

އެ ސްކީމުގެ ދަށުން ދޫކުރި ގޯތީގެ މައްސަލަތަކެއް އޭސީސީން ތަހުގީގު ކުރަމުންދާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދިން ގޯތި ރެޖިސްޓަރީތަކުގެ ސައްހަކަމާމެދު މިހާރުގެ ހައުސިން މިނިސްޓަރު، އަލީ ހައިދަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މިނިސްޓަރީއާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ނޫސްވެރިންނާ ކުރެއްވި ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ ނުހިއްކާ އޮތް ބިމަކުން ގޯތި ނުދެވޭނެ ކަމަށާއި އެކަމުގައި ގާނޫނީ މައްސަލައެއް އުޅޭ ކަމަށެވެ.

"އޭގައި އެބަ އުޅޭ ވަރަށް ބޮޑު ގާނޫނީ މައްސަލައެއް. ރެޖިސްޓްރީއެއް ދުލެއް ނުކުރެވޭނެ އިން ކަނޑަނޭޅޭ ތަނަކުން. މޫދަކުން ދޭ ބިމަކަށް ރެޖިސްޓްރީ ކަނޑަނޭޅޭނެ. އެއީ ގަވާއިދު އޮތް ގޮތް," މިދިޔަ ނޮވެމްބަރު 20، ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވި އެވެ.

ހައިދަރު އެހެން ވިދާޅުވި ނަމަވެސް ކުރީ ސަރުކާރުން ގޯތިތަކުގެ ރެޖިސްޓަރީ ދޫކޮށްފައި ވަނީ "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރެޖިސްޓަރީ ކުރުމާބެހޭ ގަވާއިދު" އަށް އިސްލާހެއް ގެނެސްގެންނެވެ. މިދިޔަ އަހަރުގެ އޯގަސްޓު 26 ގައި ގެނައި އެ އިސްލާހުގައި ބުނެފައި ވަނީ ގޯތި ދޫކުރާއިރު، ނުހިއްކައި ނުވަތަ އިން ނުކަނޑާ އޮތް ތަނަކުން ވެސް ގޯތި ދޫކުރެވިދާނެ ކަމަށެވެ.

ބޯހިޔާވަހިކަން ފަދަ މުހިންމު މައްސަލައެއްގައި ރައީސް އަދި ސަރުކާރުގެ މިނިސްޓަރުގެ ވާހަކަތަކާއި އަމަލުފުޅުތައް ދިމާނުވާއިރު، ލަސްވަމުން އެދަނީ އެތައް ރައްޔިތުންނެއްގެ ހައްގެވެ. ރައީސްގެ ވައުދާ އެއްގޮތަށް ގެޒެޓުކޮށްފައިވާ ލިސްޓުތަކުގައި ތިބި ޝަރުތުހަމަވާ މީހުންނަށް ގޯއްޗާއި ފްލެޓު ލިބޭނެކަމާ މެދު ރައްޔިތުންގެ ހިތުގައި ވަނީ ޝައްކު އުފެދިފަ އެވެ.

ބޮޑެތި އާބާދީތަކަށް އިސްކަންދިނުމާއި އެއްފަސްކުރުމުގެ ވާހަކަ

ރާއްޖޭގެ ހައުސިން މިނިސްޓަރުގެ މަގާމު 2012 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް ރައީސް މުއިއްޒު އަދާކުރެއްވި އެވެ. އެ މުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަނީ އާބާދީއާ ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަ ރަށްތަކުގެ އަދަދު ދެބައިކުޅަ އެއްބައި މަދުކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އާބާދީ އެއްފަސްކުރުމަށް މަސައްކަތް ވެސް ކުރެއްވި އެވެ.

"އަޅުގަނޑުމެން އެކުލަވައިލާފައިވާ ސިޔާސަތުގެ މައްޗަށް ބަލާނަމަ ރާއްޖޭގައި މިހާރު މީހުން ދިރިއުޅެމުން އަންނަ ރަށްރަށުގެ އަދަދު ދެބައި ކުޅަ އެއްބަޔަށް އެންމެ މަދުވެގެން މަދުކުރަން އެބަޖެހޭ. މިކަމީ އެއް ދުވަހަކުން ދެ ދުވަހަކުން ހާސިލް ވާނެ ކަމެއް ނޫން. ހަގީގަތުގައި މިކަން ކުރަން 10 ވަރަކަށް އަހަރު ނަގާފާނެ. ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެސް ނަގާފާނެ،" މީގެ 11 އަހަރު ކުރިން 2012 ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ވާދަކުރެއްވި އިރު ރައީސް ވަނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ގިނައިން ކަންތައް ކޮށްދޭނީ އާބާދީ ބޮޑު ތަންތަނަށް ކަމަށް ވިދާޅުވެފަ އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ޕީޕީއެމް/ޕީއެންސީން ހދ. ނޮޅިވަރަމްގައި އޮގަސްޓު 12، ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިސާލެއްގެ ގޮތުގައި ރައީސް މުއިއްޒު ނެންގެވީ ގާތްގަނޑަކަށް 3،000 މީހުންގެ އާބާދީއެއް އޮތް ނޮޅިވަރަމެވެ.

އެދުވަހު އެމަނިކުފާނު ވިދާޅުވީ ހދ. އަތޮޅުގައި ކުޅުދުއްފުށި ފިޔަވާ އެންމެ އާބާދީ ބޮޑީ އެރަށުގައި ކަަމަށާއި އެހެންވީމާ ސަރުކާރަކުން ކަންތައްތައް ކޮށްދިނުމުގައި އެރަށަށް ވުރެ އިސްކަން ދޭންޖެހޭ އެހެން ރަށެއް އޮތް ކަން ގަބޫލުނުކުރައްވާ ކަމަށެވެ. ކުޅުފުއްފުށި އެމަނިކުފާނު އިސްތިސްނާ ކުރެއްވީ އެއީ ސިޓީއެއް ކަމަށްވާތީ އެވެ.

ބޮޑެތި އާބާދީތަކަށް އިސްކަންދޭނެ ކަމަށް ރައީސް މުއިއްޒު ކެމްޕެއިން ތެރޭގައި ވިދާޅުވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އޮގަސްޓު 30، ގައި އެމަނިކުފާނު ވާހަކަ ދެއްކެވީ ނޮޅިވަރަމުގައި ދެއްކެވި ވާހަކަތައް ދޮގު ކުރާ މޭރުމަކުންނެވެ. ތަރައްގީ ގެނައުމުގައި އެ ރަށެއްގެ އާބާދީއަށް ބަލާފައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް ކެމްޕެއިނު ދަތުރެއްގައި އެ ދުވަހު ބ. މާޅޮހަށް ވަޑައިގެނެ، އެ ރަށުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ފާހަގަވަނީ ވަރަށް ބޮޑަށް މި ރަށް ބާކީވެފައި އޮތް ތަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ސިޔާސަތުގައި އެއްގޮތަކަށް ވެސް ތަފާތެއް ނުކުރާނެ ކަމަށް. އާބާދީގެ ގޮތަކުން ނުވާނެ ތަފާތެއް،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، އެމަނިކުފާނުގެ މި ވާހަކަފުޅު ވެސް ވަނީ އަނެއްކާ ބަދަލުވެފަ އެވެ. ރާއްޖެ ތަރައްގީ ކުރެވޭނީ އެއްފަސްކޮށްގެން ކަމަށާއި ރިޔާސީ އިންތިހާބުގައި ކެމްޕެއިނު ކުރީ އަދި ރައްޔިތުން ވޯޓު ދިނީ އެ ސިޔާތައް ކަމަށް އިއްޔެ އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"މެނިފެސްޓޯ އިއުލާނުކުރި ރޭ، އަޅުގަނޑު ދެންނެވިން ރާއްޖެ ތަރައްގީ ކުރެވޭނީ އެކި ސަރަހައްދުތައް އެކި ޒޯންތައް ތަރައްގީކޮށްގެނޭ، އެއްފަސްކުރުމުގެ، ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތަކުންނޭ ރާއްޖެ ތަރައްގީ ކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގަ،" ރައީސް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ތެރެއިން، އަންގާރަ ދުވަހު ދ. ކުޑަހުވަދޫގައި ވިދާޅުވި އެވެ.

އެއްފަސްކުރުމާއި އާބަން ސެންޓަރުތަކާއެކު އާބާދީއަށް އަންނާނެ ބަދަލު

ރައީސް މުއިއްޒުގެ ވާހަކަތައް ތިން ފަހަރެއްގެ މަތިން ބަދަލުވެފައިވާއިރު، އެމަނިކުފާނު އަންނަނީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރުތަކެއް ގާއިމުކުރުމުގެ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރ. އުނގޫފާރު، ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫ ވެސް އާބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން މާލެ ސަރަހައްދުން ގިރާވަރިފަޅު، ތިލަފަޅު، ގުޅީފަޅު އަދި ރަސްމާލޭގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްގީކޮށް އެތަންތަނުގައި މީހުން އާބާދުކުރުމަކީ ވެސް އެމަނިކުފާނުގެ ސިޔާސަތެކެވެ.

ރަސްމާލޭގައި އެކަނި ވެސް ގޯއްޗާއި ފްލެޓް ހިމެނޭހެން 65،000 ހައުސިން ޔުނިޓު ގާއިމުކުރުމަށް ރައީސް ނިންމާފައިވާއިރު، އެއީ ދެ ލައްކައިގެ އާބާދީއެކެވެ.

titledesc

ދިރާސާތަކުން ދައްކާ ގޮތުގައި 2014 އިން ފެށިގެން 2054 ވަނަ އަހަރުގެ ނިޔަލަށް މާލެ އަދި މާލެ ކައިރީ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ 39 ޕަސެންޓުން 54 ޕަސެންޓަށް އިތުރުވާނެ އެވެ. އެއީ 171،165 އިން 529،101 އަށެވެ. އެއާއެކު ރާއްޖެ ތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ބޮޑު އަދަދަކުން ދަށްވާނެ ކަމަށް ބެލެވެ އެވެ.

ރަސްމާލެ، ގިރާވަރުފަޅު، ތަލަފަޅު އަދި ގުޅީފަޅު މަޝްރޫއުއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ ސަރަހައްދަށް މީހުން ހިޖުރަކޮށް އާބާދުވާނެ ކަމަށް ލަފާކުރެވެ އެވެ. ދެން އުފެދޭ ސުވާލަކީ މިފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި ގާއިމުކުރާ ހަތް އާބަން ސެންޓަރުތަކުގައި ދިރިއުޅޭނެ ބައެއް ތިބޭނެބާ އެވެ.

ރައީސް މުއިއްޒު އެކި ކަންކަމާއި ގުޅިގެން ދައްކަވާ ވާހަކަފުޅު އެކި ފަހަރުގެ މަތިން ބަދަލުވާ ބަދަލުވުމުން ފާހަގަކުރެވޭ އެއް ކަމަކީ ދިގު މުއްދަތަކަށް ދެމިގެންދާ މާސްޓާ ޕްލޭނެއް ރާއްޖެއަށް ބޭނުންވާކަމެވެ. ހަރުދަނާ ސިޔާސަތުތަކަކާއި މަޝްރޫއުތަކެއް ކަނޑައެޅި، ގާނޫނީ ބާރު އެ ޕްލޭންތަކަށް ލިބިދޭންޖެހޭކަމެވެ. އެފަދަ ޕްލޭނެއް ހެދުމުގެ ވާހަކަ އެމަނިކުފާނު ދެއްކެވި ނަމަވެސް، އެ ޕްލޭނަށް އަމަލީ ސިފައެއް ގައުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފަ އެވެ ނުވެ އެވެ.

ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅަކު ދައްކަވަންޖެހެނީ ވަރަށް ރީތި މިސާލެކެވެ. ދައްކަވަންޖެހެނީ އިހުލާސްތެރިކަމުގެ ނަމޫނާ އެވެ. ވެވަޑައިގަންނަވާ ވައުދުތައް ފަހުން އެކި ގޮތް ގޮތަށް މާނަ ކުރައްވައި، ބަދަލު ކުރައްވާ ނަމަ، އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވި މަގުސަދާ މެދުވެސް ސުވާލު އުފެދެ އެވެ.

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox