ރިޕޯޓުދެވަނަ ފަހަރު ފާސްކުރުމުން ބިލު ތަސްދީގުކުރުން ލަސްކުރެވިދާނެތަ؟

ދެވަނަ ފަހަރު ފާސްކުރުމުން ބިލު ތަސްދީގުކުރުން ލަސްކުރެވިދާނެތަ؟

ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކަށް އަމަލު ނުކުރެވޭނޭ ގޮތަށް އޮޅުންބޮޅުމުގެ ތެރެއަށް ދޫކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުގެ ނިންމުމާވެސް ހިލާފު ކަމެކެވެ.

ދެވަނަ ފަހަރު ފާސްކުރުމުން ބިލު ތަސްދީގުކުރުން ލަސްކުރެވިދާނެތަ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައި އޮތް ތާރީހަކީ މާޗް 17، އެވެ. އެއީ ރޯދަ މަހުން ހަތް ވަނަ ދުވަހެވެ. ސަގާފީ އާދަކާދައަށް ބަލާއިރު ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވީމާ ނުކުންނާނެ މައްސަލަތަކުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މީހަކު ބުނެފާނެ އެވެ. ރޯދަމަހު ދުވާލު ވަޒީފާ ވެސް އަދާކުރަނީ އެވެ. ބަދުރު ހަނގުރާމަ ވެސް ކުރީ އެވެ. އެހެންވީމާ އިންތިހާބެއް ނުބޭއްވެންވީ ކީއްވެހެއްޔެވެ؟ އެ ޒުވާބު ދޭ މީހާއަށް ރައްދު ދިނުމުގެ ބަދަލުގައި ސަލާމޭ ބުނެ ނިންމާލާށެވެ.

ބިލެއް ގާނޫނަކަށް ވާގޮތް

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވަނީ ކިހިނެއްކަން ގާނޫނުއަސާސީގެ 92 ވަނަ މާއްދާގައި އެއޮތީ އެވެ. އެ މާއްދާގައި އޮންނަނީ "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށްވާނީ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ކޮންމެ ބިލެއް، އެ ބިލެއް ތަސްދީގުކުރާ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެއެވެ. އެ ގާނޫނަކަށް އަމަލުކުރާން ފަށާނީ، އެ ގާނޫނެއް ގެޒެޓްގައި ޝާއިއުކުރުމަށްފަހު، އެ ގާނޫނެއްގައިވާ ގޮތުގެމަތީންނެވެ." މިހެންނެވެ.

މި މާއްދާއިން ސާފުވާ ކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކޮންމެ ބިލަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭނީ ރައީސް އެ ގާނޫނެއް ތަސްދީގުކުރުމުން ކަމެވެ. ގާނޫނު ހެދުމުގެ ހުރިހާ ބާރެއް ގާނޫނުއަސާސީން ދީފައި އޮތް ބާރުން ފާސްކުރާ ބިލަށް ގާނޫނެއްގެ ހައިސިއްޔަތު ލިބެނީ ވެރިކަން ހިންގާ ބާރުގެ ވެސް ރުހުން ލިބުމުންނެވެ.

ދެން އޮތީ ގާނޫނު ހަދާ ބާރުން ފާސްކުރާ ބިލަކާމެދު ވެރިކަން ހިންގާ ބާރުން ނުރުހޭ ހާލަތެވެ. އެ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތް ގާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ބުނެ އެވެ. އެއީ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލުގައި ހިމަނަން ފެންނަ އިސްލާހުތަކާއެކު އެ ބިލު އަލުން މަޖިލީހަށް ފޮނުވާލުމެވެ. އެކަން ކުރުމަށް ލިބޭނީ އެ ބިލެއް ތަސްދީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވޭ ތާރީހުން ފެށިގެން 15 ދުވަހެވެ.

ދެވަނަ ފަހަރަށް ބިލު ފާސްކުރުން

އަލުން ވިސްނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލަކަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން އެ ބިލެއް ފާސްކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނެ އެވެ. އެ ބިލާމެދު އަލުން ވިސްނުމަށް އެދުމުގެ ނުވަތަ އިސްލާހުކުރަން އެދުމުގެ އިތުރު ފުރުސަތެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެނެއް ނުވެ އެވެ.

ގާނޫނުއަސާސީގެ މި މާއްދާގައި ހަގީގަތުގައި ކަނޑައަޅާފައި އެއޮތީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާއިން ކަށަވަރުކޮށްދީފައި ރައްޔިތުންގެ ބާރެވެ. ރައްޔިތުން އިންތިހާބުކުރި މަޖިލީހުން ފާސްކުރާ ގާނޫނާމެދު ވެރިކަން ހިންގާ ބާރުން ހިތްހަމަނުޖެހުނު ނަމަވެސް، އެއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ހުރިހާ ބާރެއް ދީފައި އޮތް މަޖިލީހުގެ ނިންމުން ކަމަށްވާތީ އެ ނިންމުމުގެ މައްޗަށް ބަސްބުނުމުގެ ބާރު، ވެރިކަން ހިންގާ ބާރަށްވެސް ނެތީ އެވެ. އެ ބިލު ތަސްދީގުނުކޮށް ބޭއްވުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އޮވެއްޖެނަމަ އެ ކުރެވޭ ކަމަކީ ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާގެ ބާރު ކެނޑިގެން ދިއުމެވެ. އެ މާއްދާގައި ބުނަނީ ރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

ދެވަނަ ފަހަރު ފާސްކުރާ ބިލު ތަސްދީކުރަންޖެހޭ މުއްދަތު

ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އަނބުރާ ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ ބިލެއް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރަންޖެހޭނޭ ކަމަށް ގާނޫނުއަސާސީގައި އޮތަސް، އެކަން ކުރަންޖެހޭނީ ކިހާ މުއްދަތެއްގެ ތެރޭގައިތޯ ކަނޑައަޅައި ބަޔާންކޮށްފައެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ކަމަށް ވިދާޅުވެ ބައެއް ބޭބޭފުޅުން ދައްކަވާ ވާހަކަތަކުން ކުރެވޭ ދޭހައަކީ، ރައީސްގެ ވިސްނުންފުޅު ހުރީ އެ ގާނޫނީ ބަހުސްގައި ބިލު ތަސްދީގުނުކޮށް ދަންމާލުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން އިންތިހާބުކުރި މަންދޫބުން ތިބެގެން ދެވަނަ ފަހަރަށް ބިލެއް ފާސްކުރީ އެ ބިލު ތަސްދީގުނުކޮށް ލަސްކުރުމަކީ އެކަމުގެ މައްޗަށް ގާނޫނީ ބަހުސެއް އޮންނާނޭ ކަމެއް ނޫނެވެ. އެހިސާބުން އެ ބިލު ގެޒެޓުކުރުން ލާޒިމުވާނެ އެވެ.

މިއީ އަލަށް ދިމާވި ހާލަތެއް ނޫން

އަލުންބަލުން ފަށައިގެން މިއުޅޭ ބަހުސަކީ އައު ބަހުސެއް ނޫނެވެ. ކުރިން ވެސް ބަހުސް ކުރެވި ގޮތް ނިމިފައި އޮތް ބަހުސެކެވެ. މި ގާނޫނީ ސުވާލަށް ޖަވާބު ހޯއްދަވަން އިސްނެންގެވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަޅުގަނޑުމެން އެންމެންގެ އަދުރޭ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މާލިއްޔަތު ގާނޫނަށް އިސްލާހެއް ހުށަހެޅުނެވެ. އެ އިސްލާހު ހުށަހެޅުއްވީ އޭރު ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އިސްލާހުގައި އޮތީ ސަރުކާރަށް އެއްވެސް ކުންފުންޏަކުން ނުވަތަ ބޭރުގެ ގައުމަކުން ވިޔަސް ލޯނެއް ނަގަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ފާސްކުރުމުން ކަމަށެވެ. އޭރު ހިނގަމުންދިޔަ 17 ވަނަ މަޖިލީހުގައި މެޖޯރިޓީ އޮތީ ރައީސް މައުމޫނުގެ ޑީއާރުޕީއަށެވެ. އެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން އެ ބިލު ފާސްކުރި އެވެ. އެއީ ޖޫން 28، 2010 ގަ އެވެ.

މަޖިލީހުން އެ ގާނޫނު ފާސްކުރުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ އެ ބިލާމެދު އަލުން ވިސްނެވުމަށެވެ. މަޖިލީހަށް ބިލު އަނބުރާ ފޮނުއްވުމުން، މަޖިލީހުގެ ޖުމުލަ މެންބަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންގެ ވޯޓާއެކު ދެވަނަ ފަހަރަށް އެ ބިލު ފާސްކުރީ އޮގަސްޓު 26، 2010 ގަ އެވެ. ދެވަނަ ފަހަރު ފާސްކުރުމުން ވެސް އެ ބިލު ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމުން ބިލު ތަސްދީގެއް ނުކުރެއްވި އެވެ. ހުއްޖަތަކަށް ދެއްކެވީ އެ ބިލު ތަސްދީގުކުރުމަށް ގާނޫނުއަސާސީގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތްކަމެވެ. އޭރުގެ ބަންޑާރަނައިބުގެ އޮފީހުން އެ ލަފާ ދެއްވި އިރު މިހާރުގެ ބަންޑާރަނައިބު ހުންނެވީ ބަންޑާނައިބުގެ އޮފީހުގެ މަގާމެއްގަ އެވެ.

ރައީސް ބިލު ތަސްދީގު ނުކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ލ. ފޮނަދޫ އަރާއިރު، އަބްދުއްރަހީމް އަބްދުﷲ އާއި، އިތުރު ދެބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ނިންމުން

ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުނީ ނޮވެމްބަރު 29، 2010 ގަ އެވެ. ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން އެ މައްސަލަ ނިންމެވީ ޑިސެމްބަރު 10، 2010 ގަ އެވެ.

ސުޕްރީމް ކޯޓަށް ފެނުނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލަކާމެދު އަލުން ވިސްނުމަށް ނުވަތަ އިސްލާހުކުރުމަށް ބިލު އަނބުރާ ފޮނުވާލުމުގެ އިހުތިޔާރު ލިބޭގޮތަށް ގާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ އިހުތިޔާރަކީ ދައުލަތުގެ ބާރުތަކުގެ މެދުގައި ތިލަފަތްހަމަކޮށް އޮތުމުގެ އުސޫލުތަކާއި އިޖުރާއަތު ކަނޑައަޅައި ބަޔާންކުރުމާއެކު، އަމަލީ ޒަރޫރަތު ނިޔާކުރާ ގޮތާ އެއްގޮތަށް ބާރުތަކުގެ މެދުގައި އެއްބާރުލުމުގެ ދުސްތޫރީ އުސޫލުތައް ކަނޑައެޅުމަށް ދީފައިވާ އިހުތިޔާރެއް ކަމަށެވެ. އަދި އެ އިހުތިޔާރުގެ ބޭނުން ހިފުމަށް ލިބެނީ ފުރަތަމަ ފަހަރަށް ބިލު ތަސްދީގުކުރުމަށް ފޮނުވުމުން ލިބޭ 15 ދުވަހުގެ މުއްދަތު އެކަނި ކަމަށް އެ ނިންމުމުގައި ބުނެފައި ވެއެވެ.

އަލުން ވިސްނުމަށް ނުވަތަ އިސްލާހުކުރުމަށް ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ މަޖިލީހުގެ އަގުލަބިއްޔަތުން ބިލު ފާސްކޮށްފިނަމަ އެ ބިލު ތަސްދީގުކުރުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އިއްތިފާގުވި ހުކުމުގައި ކަނޑައަޅާފައި އޮވެެ އެވެ. އެކަމަށް އޮތް ހަމައެކަނި އިސްތިސްނާއެއް ކަމަށް އެ ގަޒިއްޔާގައި ކަނޑައަޅާފައި އޮތީ އިންސާނީ ބާރު ނުފޯރާ ފަދަ އަދި އަމިއްލަ އިހުތިޔާރުގައި ނުވާ ސަބަބެއް މެދުވެރިވުން އެކަނި ކަމަށް ވެސް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އަދި އެފަދަ ބިލެއް ފާސްކުރަންޖެހޭނީ ލަސްކުރުމަކާނުލައި ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

ނިންމުން

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ސާފު އިބާރާތާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، އަބްދުއްރަހީމް އަބްދުﷲ އަދި އިތުރުފަރާތްތަކެއް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ނިންމުމަށް ބަލާއިރު ނެރެވޭ ނަތީޖާތައް ސާފެވެ.

ފުރަތަމަ ކަމަކީ، ބިލެއް ތަސްދީގު ނުކޮށް އަލުން ވިސްނުމަށް ނުވަތަ އިސްލާހުކުރުމަށް އަނބުރާ ފޮނުވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ އިހުތިޔާރަކީ އަމަލީ ޒަރޫރަތު ނިޔާކުރާ ގޮތާ އެއްގޮތަށް ބާރުތަކުގެ މެދުގައި އެއްބާރުލުމުގެ ދުސްތޫރީ އުސޫލުތައް ކަނޑައެޅުމަށް ދީފައިވާ އިހުތިޔާރެއް ކަމެވެ.

ދެވަނަ ކަމަކީ، ބިލެއް ތަސްދީގުނުކޮށް އިސްލާހުކުރުމަށް ނުވަތަ އަލުން ވިސްނުމަށް އަނބުރާ ފޮނުވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ އިހުތިޔާރު ދެމި އޮންނަނީ އެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލުމާ ހިސާބަށް އެކަނި ކަމެވެ.

ތިންވަނަ ކަމަކީ، ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލާ ބިލަކަށް އެއްވެސް ބަދަލެއް ގެނައުމެއްނެތި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ތާއީދާއެކު ފާސްކޮށްފިނަމަ، އެ ބިލެއް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެއް ކަމެވެ.

ހަތަރުވަނަ ކަމަކީ، އެފަދަ ބިލެއް ތަސްދީގުކުރަންޖެހޭނީ ލަސްކުރުމަކާ ނުލައި ކަމާއި، ބިލު ތަސްގީދުކުރުން ލަސްކުރުން ހުއްދަވާނޭ ހަމައެކަނި ހާލަތަކީ އިންސާނީ ބާރު ނުފޯރުވޭ ފަދަ އިހުތިޔާރުން ބޭރު މެދުވެރިވުން ކަމެވެ.

ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމީ ދެބަސްވެވެން ނެތް ކަމެކެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކަށް އަމަލު ނުކުރެވޭނޭ ގޮތަށް އޮޅުންބޮޅުމުގެ ތެރެއަށް ދޫކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީ އާއި ސުޕްރީމް ކޯޓުގެ ނިންމުމާ ވެސް ހިލާފަށް ކުރައްވާ ކަމަކަށް މެނުވީ ނުވާނެ އެވެ. އެއީ ގާނޫނުއަސާސީއަށް ފާޅުގައި ގޮންޖެހުމުގެ އަމަލެކެވެ.

މަހްފޫޒް ސައީދު

ލިޔުންތެރިޔާ

މަހްފޫޒް ސައީދަކީ ގާނޫނީ ވަކީލެކެވެ. ރާއްޖޭގައި ފަހަކަށް އައިސް ހިނގައިދިޔަ ސިޔާސީ ބޮޑެތި ގިނަ މައްސަލަތަކުގެ ޝަރީއަތްތަކުގައި އޭނާ ވަނީ ވަކާލާތުކުރައްވައިފަ އެވެ. އޭނާ އަކީ ލިއުންތެރިއެއް ވެސް މެ އެވެ. ރާއްޖޭގެ ގާނޫނީ ހަޔާތުގެ އެ ދުވަސްވަރާއި މިދުވަސްވަރުގެ ކަންކަން ދިރާސާކޮށް އޭނާ ގަވާއިދުން ބްލޮގް ލިއުއްވަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox