ލަންޑަން (ފެބްރުއަރީ 24) - އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފްގެ އިނިއޯސް ކުުންފުނިން، މެންޗެސްޓާ ޔުނައިޓެޑްގެ ޓީމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އެ ޓީމު ތަފާތުވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ދާދި ފަހުން، ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަނެފައިވަނީ، ރެޓްކްލިފްގެ ކުންފުނި އިނިއޯސް އިންނެވެ. އެއީ ޓީމުގެ ކަންކަމުގައި ބަސް ބުނުމުގެ ބާރާއި ކޮންޓްރޯލް ލިބޭ ގޮތަށް ހެދި ޑީލެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ އެ ކްލަބް ހިންގުމުގައި ގެންނަން ޖެހޭ ބަދަލުތަކަށް އަލިއަޅުވާލައި، ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެ ގޮތުން، އެޑްމިނިސްޓްރޭޝަނުގެ އެކި މަގާމުތަކަށް މީހުން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރެޓްކްލިފް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޔުނައިޓެޑްގައި ހުރެ އެންމެ ކުރަން ބޭނުންވާ ކަމަކީ، މިހާރު އިނގިރޭސި ފުޓްބޯޅައިގެ ކުރީގައި އޮތް ސިޓީ އާއި ލިވަޕޫލް ފަހަތަށް ޖައްސާލައި، ޔުނައިޓެޑް ކުރިއަށް ގެންދިއުން ކަމަށެވެ.
އެ ވާހަކަ އަށް އަލިއަޅުވާލައި، އިނގިރޭސި ނޫސްވެރިން ގާޑިއޯލާއާ ކުރި ސުވާލުތަކަށް އޭނާ ވަނީ ޖަވާބުދީފަ އެވެ.
ގާޑިއޯލާ ބުނީ، ރެޓްކްލިފްގެ ނިންމުންތަކާ އެކު ޔުނައިޓެޑުން ކުރިއަށް އޮތް އަހަރުތަކުގައި ކުރިއަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
"އަހަންނަށް ފެންނަ ގޮތުގައި އެ މީހުންނަށް (ރެޓްކްލިފްގެ މީހުންނަށް) އެނގޭ މި ކުރެވެނީ ކީއްކަން، މި ކުރަން ޖެހެނީ ކޮން ކަމެއް ކަން. ރަނގަޅު މީހުން މަގާމުތަކަށް ގެނައުމާއި މި ކަމުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި މުހިންމު ވަގުތު ނިންމުންތައް ނިންމުމާއި މި ހުރިހާ ކަމަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ޔުނައިޓެޑް ކުރިއަރާނެ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ހުރިހާ ޓީމެއް ވެސް މަސައްކަތް ކުރާނީ އެންމެ ކުރިއަށް އެރުމަށް ކަމަށާއި، އޭނާ ވެސް ސިޓީގެ ކޯޗަކަށް ދެމިހުރިހާ ދުވަހު މަސައްކަތްތައް ބައްޓަން ކުރާނީ ސިޓީ އެއް ވަނަ ކްލަބްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.
ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ރެޓްކްލިފްގެ ޓީމުން ކަނޑައަޅާފައިވާ ކުރު މުއްދަތުގެ ޕްލޭން އޮތީ، ތިން އަހަރަށް ކަމަށް ރެޓްކްލިފް ވަނީ ބުނެފަ އެެވެ.












