ސަރުކާރުން ވައުދުވެފައިވާ ގޮތަށް ސިފައިންނާއި ފުލުހުންނަށް މުސާރަ ބޮޑުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހަައްމަދުދީދީ ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ މުސާރަ ދެގުނައަށް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުން ފަސްކުރާތީ ބައެއް ސިފައިންނާއި ފުލުހުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
ސިފައިންނާއި ފުލުހުންނަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި ރެއާ ދުވާލު ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކަށް ވާއިރު މުސާރަ ބޮޑުކުރުމުގެ ވައުދު ފުއްދުން ލަސްވާ ނަމަ އެ ދެ އިދާރާއިން ދައުލަތަށް ކުރާ އިތުބާރު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.
"ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކުރައްވާނެ ކަމަށް އެ އިދާރާތަކަށް ފޮނުއްވާފައިވާ މުސާރައާ ގުޅޭ އޮނިގަނޑުގައި ކަނޑައަޅުއްވާފައިވާ މުސާރައަކީ ދެގުނަ ބޮޑު މުސާރައެއް ނޫން ކަމަށް [ވާތީ]، އަދި އެއީ ވައުދުފުޅާ ހިލާފު އޮނިގަނޑެއް ކަމަށް ވާތީ އަދި މި ވައުދު ފުއްދުން ދިގުލައިގެން ދާތީ މި ދެ އިދާރާއިން ދައުލަތަށް ކުރާ އިތުބާރު ގެއްލި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ މާޗްމަހާ ހަމައަށް ވެސް ބޮޑުނުވެދާނެކަމުގެ ކަންބޮޑުވުންތައް އޮތުމާ އެކު މިކަން އަވަސް ކޮށްދިނުމަށް އެދި ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ އަޅުގަނޑު ހުށަހަޅަން،" މެމްބަރު ހުސައިން ހުށަހެޅުއްވި މައްސަލާގައި ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 22 މެމްބަރުންގެ އިއްތިފާގުންނެވެ.













