ހެދުން ފެހުމުގެ އާދަޔާ ހިލާފު ހުނަރާއެކު އެތައް ޒަމާނެއް ވަންދެން ފެހުމުގެ މަސައްކަތް ކުރައްވައި، އެ މަސައްކަތް ގިނަބަޔަކަށް ދަސްކޮށްދެއްވި ސައީދު ހުސައިން (ފަހާ ސައީދު) މިއަދު ނިޔާވެއްޖެ އެވެ.
ފެހުމުގެ ދާއިރާގައި ސައީދު ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކޮށް، 2006 ވަނަ އަހަރު އޭނާ އަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ލިބިވައިޑައިގެންފަ އެވެ.
ސައީދު، 80، ފެހުމުގެ މަސައްކަތް ފެށްޓެވީ، މީގެ 55 ވަރަކަށް އަހަރު ކުރިންނެވެ. ފެހުމުގެ މަސައްކަތުގައި ސައީދަށް ލިބިވަޑައިގެންފައިވާ ހުނަރެއްގެ ސަބަބުން، މިން ނެގުމެއްނެތި، މީހާ ބަލައިލުމަށްފަހު އެމީހަކަށް ހެޔޮވަރަށް، ގަމީސް ފައްސަވައި އުޅުއްވި އެވެ. އަދި ފިރިހެނުން އާންމުކޮން ލައިއުޅޭ ހުރިހާ ވައްތަރެއްގެ ހެދުމެއް ސައީދު ފެއްސެވި އެވެ.
ފެހުމުގެ މަސައްކަތް ގިނަބަޔަކަށް ދަސްކޮށްދެއްވައި، އިތުރު މީހުންނަށް ވަޒީފާ ދެއްވައިގެންވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. ބައެއް ރިސޯޓްތަކުގައި އަމިއްލަ ގެސްޓް ޝޮޕްތައް ހިންގަވައި، ޓޫރިސްޓުންނަށް ބޭނުންވާ ބައެއްކަހަލަ ހެދުންތައް ފެއްސެވި އެވެ.
ސައީދު އެންމެ ފުޅާ ދާއިރާއެއްގައި ކުރެއްވި މަސައްކަތަކީ، ކަނޑުމަތީ އުޅަނދުފަހަރުގެ ލައިފްޖެކެޓް ފެއްސެވުމުގެ މަސައްކަތެވެ.

ސައީދަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ސަރުކާރުގެ ކުރީގެ ތަރުޖަމާނު މުހައްމަދު ޝަހީބުގެ ބައްޕަ އެވެ.












