ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ އީސްޕޯޓްސް މުބާރާތް، އީއޭއެފްސީ 24 މިނީ ސީރީޒް އެކަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.
އީއޭއެފްސީއަކީ ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ ކުޅުންތެރިންވެސް ކުޅޭ މަޝަހޫރު ކޮންސޯލް ގޭމެކެވެ.
ދިރާގު އީއޭއެފްސީ 24 މިނީ ސީރީޒް އެކެއްގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު ހެޑް އޮފީހުގަ އެވެ. މި އިވެންޓްގެ ތެރޭގައި އިތުރު ގޭމިން އިވެންޓްތައް ވެސް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ދިރާގު އީއޭއެފްސީ 24 މިނީ ސީރީޒް އެކެއްގެ އިނާމުތައް:
- ޗެމްޕިއަން: 12،000ރ.
- ރަނަރަޕް: 8،000ރ.
- ތިން ވަނަ: 4،000ރ.
- ހަތަރު ވަނަ: 2،000ރ.
- ފަސް ވަނަ، ހަ ވަނަ، ހަތް ވަނަ އަދި އަށް ވަނަ: ކޮންމެ ވަނައަކަށް 1،000ރ.
މި މުބާރާތަށް ޝައުގުވެރިވާ މީހުންނަށް މި ލިންކު މެދުވެރިކޮށް މިމަހުގެ 20 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ.
މުބާރާތުން ޖާގަ ހޯދުމަށް ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އީއޭއެފްސީ 24 މިނީ ސީރީޒް އެކެއް މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ. އެގޮތުން މިދިޔަ މަހުގައި ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ މުބާރާތްކަމަށްވާ މޮބައިލް ލެޖެންޑްސް މިނީ ސީރީޒް އެކެއް ބާއްވާފަ އެވެ.
ދިރާގުގެ މަގުސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވާ، ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރުން ކަމަށް އެ ކުންފުނުން ބުނެ އެވެ.










