މެލޭޝިއާގައި ވިއްކާ މާމުއިގެ 90 ޕަސަންޓައަކީ ގަޑުބަޑު ކޮށްފައި އުފެއްދުންތަކެއް ކަމަށް އެ ގައުމުގެ ތަޖުރިބާކާރުން ބުނެފި އެވެ.
މެލޭޝިއާގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ޔުނިވާސިޓީ ސައިންސް މެލޭޝިއާގައި ކިޔަވައިދޭ ސީނިއާ ލެކްޗަރާއެއް ކަމަށްވާ ޑރ. ޒުލްކިފްލީ މުސްތަފާ ބުނީ އެ ގައުމުގައި ވިއްކާ މާމުއިގެ ތެރެއިން އޮރިޖިނަލް އަދި ފޭކު މާމުއި ވަކި ކުރުމަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.
މިގޮތުން މާމުއިގެ ސައްހަކަން ކަށަވަރު ކުރުމަށް ލެބޯޓްރީ ޓެސްޓް ހަދަން ޖެހޭ ކަމަށް ވެސް ޑރ. ޒުލްކިފްލީ ވަނީ ބުނެފަ އެވެ.
މާމުޔަކީ ވަކި ގޮތަކަށް އުފައްދައި، ކޮލެޓީ ކޮންޓްރޯލް ކުރަން ޖެހޭ އެއްޗެއްކަން ފާހަގަކޮށް ޑރ. ޒުލްކިފްލީ ބުނީ އޭގެއިން ލިބެން ޖެހޭ ރަނގަޅު ފައިދާ ލިބޭނީ ކޮލެޓީ އެއްޗެހިން ކަމަށެވެ.
މީގެ އިތުރުން އަސްލު ރަހައާ އެއްގޮތް ކުރަން އެހެނިހެން ބާވަތްތައް ހިމަނައިގެން އުފައްދާ މާމުޔަކީ ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ދިމާވެދާނެ ކަމެކެވެ.
މާމުޔަކީ ހަށިގަނޑު ރީތިކޮށް ބަލަހައްޓައި، ޖަރާސީމުތަކުން ރައްކާތެރި ކުރުމުގެ އިތުރުން އެކި ބަލިތަކުން ވެސް ސަލާމަތްކޮށްދޭ ފައިދާ ހުރި އެއްޗެކެވެ.










