އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "އޭއެފްސީ އޭޝިއަން ކަޕް" ގެ ފައިނަލް މެޗު މިރޭ މީޑިއާނެޓުގެ އައިސް ނެޓްވޯކް މެދުވެރިކޮށް ބަލާލެވޭނެ އެވެ.
ޖޯޑަން އަދި މުބާރާތް ބާއްވާ ގައުމު، ގަތަރު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 20:00 ގައެވެ.
މުބާރާތުގެ އެހެނިހެން މެޗުތަކެކޭ އެއްފަދައިން ފައިނަލް މެޗު ވެސް މީޑިއާނެޓު މެދުވެރިކޮށް އައިސް ސްޕޯޓްސް (މީޑިއާނެޓު ޗެނަލް 102) އިން ވަގުތުން ގެނެސްދޭނެ އެވެ.
ޖޯޑަން
ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ގެ 87 ވަނައިގައި އޮތް ޖޯޑަން އާއި މެދު މި މުބާރާތް ފެށުންއިރު ގިނަ ބަޔަކު މާ ބޮޑު އުންމީދުތަކެއް ނެތެވެ. ނަމަވެސް ޖޯޑަން ޓީމުން ވަނީ ބޮޑެތި ޓީމުތައް ފަހަތައް ޖައްސާލުމަށްފަހު މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ މުބާރާތުގެ މި ސްޓޭޖަށް ޖޯޑަން ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
ޖޯޑަން ޓީމު ފާހަގަކޮށްލެވެނީ މި މުބާރާތުގެ "އަންޑާ ޑޯގްސް" ގޮތުގައެވެ. ގަދަ 16 އަށް ދަތުކުރީ ވެސް ކިރިޔާ އެވެ. ގްރޫޕުގެ ތިން ވަނައިގައި އޮވެ ޖޯޑަންއަށް ގަދަ 16 އިން ޖާގަ ލިބުނީ ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން ލިބޭ ޖާގައަކަށެވެ. ނަމަވެސް ގަދަ 16 އިން ފަށައިގެން ޓީމުން އަންނަނީ ތަފާތު ދައްކަމުންނެވެ.
އެގޮތުން ގަދަ 16 ގައި އޭޝިއާގައި ނަން ވިދާލެވޭ ޓީމެއް ކަމުގައިވާ އިރާގް އަތުން ޖޯޑަން މެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެއަށް ފަހު ކުއާޓާ ފައިނަލުގައި ތަޖިކިސްތާނު މައްޗައް ކުރިހޯދި އެވެ.
ސެމީ ފައިނަލުގައި ވާދަ ކުރަން ޖެހުނީ އޭޝިއާގެ އެންމެ ކާމިޔާބު އެއްޓީމު އަދި ޔޫރަޕުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން އެންމެ ގިނަ އެއް ގައުމު ކަމުގައިވާ ސައުތު ކޮރެއާއާއެވެ. މިމަހު ހަ ވަނަ ދުވަހު ކުޅުނު މި މެޗު 2-0 ގެ ހައިރާންކުރަނިވި ނަތީޖާއަކުން ކާމިޔާބުކޮށް ޖޯޑަން ވަނީ މުބާރާތުގެ ތަށި ކާމިޔާބުކުރުމާއި ގާތަށް ޖެހިލާފަ އެވެ.
ގަތަރު
މުބާރާތް ބާއްވާ ގަތަރު ޓީމަކީ އެންމެ ފަހުގެ އޭޝިއަން ކަޕުގެ ޗެމްޕިއަނުންނެވެ. އަދި މި ޓީމުންވަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކޮށް މޮޅު ކުޅުމެއް ދައްކާފަ އެވެ.
ގަތަރުން ގްރޫޕު ސްޓޭޖް ނިންމާލީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ހުރިހާ މެޗެއް ކާމިޔާބުކޮށް ބައިކޮޅަށް އެންމެ ލަނޑެއްވެސް ނުވަދެ އެވެ. އެއަށްފަހު ގަދަ 16 ގައި ފަލަސްތީނާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން ކުރިހޯދި އެވެ.
ކުއާޓާ ފައިނަލުގައި ގަތަރުން ކުރިމަތިލާން ޖެހުނީ ފުޓުބޯޅައިގައި ކުރިއަރަމުން އަންނަ ގައުމު އުޒްބެކިސްތާނާ އެވެ. މި މެޗު ގަތަރަށް ކާމިޔާބުވީ ޕެނަލްޓީ ޖަހައިގެންނެވެ.
މި މަހު ހަތް ވަނަ ދުވަހު ކުޅެވުނު ސެމީ ފައިނަލުގައި ގަތަރުން ވަނީ ވަރުގަދަ އީރާން 3-2 ގެ ނަތީޖާއަކުން ފަހަތައް ޖައްސާ ފައިނަލުގެ ޖާގަ ޔަގީންކޮށްފަ އެވެ.
މިރޭ ކުޅެވޭ ފައިނަލް މެޗަށް ފަހު އޭޝިއާގެ ފުޓުބޯޅައިގައި ރަސްކަން ކުރަނީ ކޮން ގައުމެއްކަން ޔަގީންވެގެންދާނެ އެވެ. މި މެޗު ޓީވީ މެދުވެރިކޮށް އަދި އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ފޯނުންވެސް ވަގުތުން ގެނެސްދޭނެ އެވެ.
މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ހަތަރު ލީގު އަދި އެކިކަންކޮޅުތަކުގައި ބާއްވާ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.











