އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އިއްޔެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި މާރާމާރީ ހިންގި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ގަލޮޅު ދަނޑުގައި އިއްޔެ ހިންގި މާރާމާރީގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުނުކުރާ ކަމަށެވެ.
މެޗުގެ 81 ވަނަ މިނިޓްގައި ކުޅުން ހުއްޓާލިއިރު، ވިކްޓަރީ އޮތީ ކުޑަހެންވޭރުގެ މައްޗަށް 3-1 ލީޑެއް ހޯދާފަ އެވެ.
މި ހަމަނުޖެހުމުގެ ވީޑިއޯތަށް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭފް އާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ ސަބަބުން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އަރައި އަނަޓޯލީ ވްލަޝީޗޭފްއަށް ހަމަލާދޭން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ.













