އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "އޭއެފްސީ އޭޝިއަން ކަޕް" ގެ ސެމީ ފައިނަލް މެޗުތައް މީޑިއާނެޓުގެ އައިސް ނެޓްވޯކް މެދުވެރިކޮށް މިއަދު އަދި މާދަމާ ބަލާލެވޭނެ އެވެ.
އޭޝިއަން ކަޕްގެ ސެމީ ފައިނަލުގައި މިރޭ 8:00 ގައި ބައްދަލުކުރާނީ ޖޯޑަން އަދި ދެކުނު ކޮރެއާ އެވެ. މިއީ ޖޯޑަން ޓީމު މުބާރާތުގެ ތާރީހުގައި ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. ގްރޫޕް ސްޓޭޖުން މި ޓީމު ސަލާމަތްވެ ގަދަ 16 އަށް ދަތުރުކުރީ ގްރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ.
ނަމަވެސް, ގަދަ 16 އިން ފެށިގެން ޓީމުން އަންނަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ވަރުގަދަ އިރާގު އަތުން ގަދަ 16 ގައި 3-2 އިން ކުރި ހޯދި ކާމިޔާބީ ފާހަގަކޮށްލެވެ އެވެ. އެއަށްފަހު ޖޯޑަން ސެމީއަށް ދަތުރުކުރީ ތަޖިކިސްތާން އަތުން ކުއާޓަރު ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ސައުތު ކޮރެއާ ފާހަގަކޮށްލެވެނީ ޔޫރަޕުގެ ލީގުތަކުގައި ކުޅޭ އެންމެ މަޝްހޫރު ތަރިން ހިމެނޭ ޓީމު ގޮތުގަ އެވެ. އެގޮތުން ޓޮޓްނަމްގެ ސަން، ވުލްވްސްގެ ހްވަންގް ހީ ޗަން އަދި ޕީއެސްޖީގެ ލީ ކަންގު އިން އަކީ އެ ޓީމުގެ ކުޅުންތެރިންނެވެ.
ސައުތު ކޮރެއާ ސެމީ ފައިނަލަށް ދަތުރުކުރީ ވަރުގަދަ އޮސްޓްރޭލިއާ ބަލިކުރުމަށްފަހު އެވެ. އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު އަދި ރަނަރަޕްކަން ހަތަރު ފަހަރު ހޯދާފަ އެވެ.
އޭޝިއަން ކަޕް ސެމީ ފައިނަލްގައި އިރާން އަދި ގަތަރު ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 8:00 ގަ އެވެ.
ގަތަރަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ހުރިހާ މެޗަކުން މޮޅުވެ ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރުމަށް ފަހު ގަތަރު ޓީމުންވަނީ ގަދަ 16 ގައި ފަލަސްތީނު އަދި ކުއާޓާ ފައިނަލުގައި އުޒްބެކިސްތާނު މައްޗަށް ކުރި ހޯދާފަ އެވެ.
އީރާނަކީ ޒަމާނުއްސުރެން އޭޝިއާގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. މުބާރާތުގެ ތާރީހުގައި ކުޅުނު ހުރިހާ މުބާރާތަކުން ގްރޫޕް ސްޓޭޖުން އީރާން ޓީމު ކަޓާފައިވަނީ އެންމެ އަހަރަކު އެވެ. ޖުމްލަ ތިން ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ވަނީ ހާސިލްކޮށްފަ އެވެ.
އީރާނުން ވެސް ވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. އަދި އެއަށްފަހު ގަދަ 16 ގައި ސީރިއާ އަތުން ޕެނަލްޓީގައި މޮޅުވިއިރު، ކުއާޓާ ފައިނަލުގައި ވަރުގަދަ ޖަޕާނު އަތުން މިޓީމު ވަނީ މޮޅު ހޯދާފަ އެވެ.
އޭޝިއަން ކަޕްގެ ފައިނަލް މެޗު އޮންނާނީ ފެބްރުއަރީ 10، ވަނަ ދުވަހު އެވެ. މި މުބާރާތުގެ މެޗުތަށް މީޑިއާނެޓުން އަންނަނީ އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.
މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ހަތަރު ލީގު އަތި އެކިކަންކޮޅުތަކުގައި ބާއްވާ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.










