ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ދަށުން ގުރުވަތުން ހޮވޭ ކަސްޓަމަރަކަށް ދޭ ޓެސްލާ ކާރު މިއަދު ދައްކައިލައިފި އެވެ.
މި ކާރު ރާއްޖެ ގެނެސް، މީޑިއާތަކަށް ދައްކައިލުމުގެ ގޮތުން ދިރާގު ހެޑް އޮފީހުގައި މިއަދު ހާއްސަ އިވެންޓެއް ބޭއްވި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ނަސީބުވެރި އެއް ކަސްޓަމަރަކަށް ދޭން ނިންމާފައިވަނީ ޓެސްލާ މޮޑެލް ތިނެއްގެ ހުދުކުލައިގެ އިލެކްޓްރިކް ކާރެކެވެ. މިއީ ރާއްޖެއަށް ގެނައި މި މޮޑެލްގެ ދެވަނަ ކާރު ކަން ދިރާގުން ފާހަގަކުރި އެވެ.
ޓެސްލާ ޕްރޮމޯޝަނާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ދިރާގުގެ އެސިސްޓެންޓް މެނޭޖާ އެޑްވަޓައިޒިން، ހަސަން ޝާރިހު އާދަމް ވިދާޅުވީ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ކަސްޓަމަރުންގެ އިތުރުން، އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް އަދި ވެސް އެބަ އޮތް ކަމަށެވެ.
"އަދިވެސް ހަމަ 10 ދުވަސް އެބަ އޮތް ޕްރޮމޯޝަންގަ ބައިވެރިވާން. ޕެކޭޖް އަޕްގްރޭޑްކޮށްގެން އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް ފުރުސަތު އެބަ އޮތް،" ޝާރިހު ވިދާޅުވި އެވެ.

ދިރާގު ވިން އަ ޓެސްލާ ޕްރޮމޯޝަންގެ ދަށުން ދޭ ކާރު -- ފޮޓޯ: އިޔާން/އަދަދު
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގު ޕޯސްޓްޕެއިޑް 450 އަދި ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްއަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަސް ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރީ ވާން ޖެހޭނެ އެވެ.
ދިރާގު ވިން އަ ޓެސްލާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު، އަލްހާ އީދާއި ދިމާކޮށް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.










